ބޮލީވުޑް މަޝްހޫރު ދެ އެކްޓަރުން ކަމަށްވާ އަނަންޔާ ޕާޑޭ އާއި އަދިއްތިޔާ ރޯއި ކަޕޫރް ކައިވެނި ކުރުމަށް ދެ މީހުންގެ އާއިލާއިން އެދެމުންދާ ކަމަށް ރިޕޯޓްކޮށްފިއެވެ.

ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ނޫހަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އަނަންޔާ އާއި އަދިއްތިޔާ މިހާރު ރައްޓެހިވެގެން އުޅޭތާ ދުވަސްކޮޅެއްވަނީ ވެފައެވެ. އެ ދެ މީހުންގެ ގުޅުމަށް ދެ ފަރާތުގެ އާއިލާއިން މަރުހަބާ ކިޔާފައިވާ ކަމަށްވެއެވެ.

އަދި ދެ ފަރާތުގެ އާއިލާއިން ބޭނުންވަނީ އެ ދެ ތަރިން އަވަހަށް ކައިވެނި ކުރަން ކަމަށް ވެސް ރިޕޯޓްކޮށްފައި ވެއެވެ.

ނަމަވެސް އެ ދެ ތަރިން އަދި ކައިވެނި ކުރުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް ވެސް ރިޕޯޓްކޮށްފައި ވެއެވެ.

މީގެ ކުރިން އަންންޔާ ލޯބީގެ ގޮތުން ތެލެގޫ ފިލުމު އިންޑަސްޓްރީގައި އެންމެ ހާއްސަ އެއް އެކްޓަރު ވިޖޭ ދެވަރަކޮންޑާ ގުޅިގެން އުޅޭ ކަމުގެ އަޑުތައް ވެސް ގަދަވިއެވެ. ނަމަވެސް އެ ކަމަށް ދެ މީހުން އެއްބަހެއް ނުވެއެވެ.

އަނަންޔާ އެންމެ އަވަހަށް ދެން ފެނިގެންދާނީ "ޑްރީމް ގާލް 2" އިން އަޔުޝްމާން ކުރާނާއާ އެކުގައެވެ. އެ ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގައެވެ.

"ޑްރީމް ގާލް" ގެ ފުރަތަމަ ފިލްމަށް ގިނަ ބައެއްގެ މަގްބޫލްކަން ލިބިގެން ދިޔައެވެ. އެ ފިލްމުގައި ލީޑް ބަތަލާއެއް ގޮތުގައި އުޅުނީ ނުޒްރަތެވެ.

ގިނަ ބަޔަކު އުންމީދު ކުރަމުންދަނީ "ޑްރީމްގާލް" ގެ ފުރަތަމަ ފިލްމު ފަދައިން ދެވަނަ ފިލްމުވެސް ކާމިޔާބުވާނެ ކަމަށެވެ.