އެމެރިކާގެ ޔުނައިޓެޑް ސްޓޭޓްސް ޑިޕާޓްމަންޓް އޮފް ހެލްތުގެ ދަށުން ހިންގާ، ނޭޝަނަލް އިސްންޓިޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝިއަން ޑިޒީޒަސްގެ ސައިންސްވެރިން ކުރިޔަށްގެންދާ ޚާއްސަ ދިރާސާ މަސައްކަތްތަކެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ދިރާސާގެ ކޮންމެ ބައިވެރިޔަކަށް އެ އޭޖެންސީގެ ފަރާތުން 3300 އެމެރިކާ ޑޮލަރު (50،886 ރުފިޔާ) ދިނުމަށް ހަމަޖެހިފައި ވެއެވެ. ނަމަވެސް އޭގެ ބަދަލުގައި ކޮންމެ ބައިވެރިއަކު ވެސް އެމީހެއްގެ ހަށިގަނޑުގެ ތެރެޔަށް ނުރައްކާތެރި ވައިރަސް އެއް ކަމަށްވާ "އިންފްލުއެންޒާ އޭ" ފޮނުވާލައިގެން އަމިއްލަ އިޚްތިޔާރުގައި އިންފެކްޓުވުމަށް އެއްބަސްވާން ޖެހެއެވެ.

މި ދިރާސާގެ ބޭނުމަކީ، "އިންފްލުއެންޒާ އޭ"ގެ އަސަރު ހަށިގަނޑަށް ކުރާ ގޮތާއި، އެ ވައިރަސް ފެތުރޭ ގޮތާއި ވައިރަސްގެ ސަބަބުން މެދުވެރިވާ ކަންކަން ހޯދައި ބެލުމަށްފަހު އެކަމަށް އެންމެ އެކަށީގެންވާ ފަރުވާއެއް އީޖާދު ކުރަން ސައިންސްވެރިން ކުރިޔަށްގެންދާ ދިރާސާއަށް މައުލޫމާތު އެއްކުރުމެވެ. އެހެންކަމުން މިއީ އެތައް ބައެއްގެ ހައްގުގައި "ފުރާނަ އަތަށްލާން ކެރޭނެ ބަޔަކަށް" އޮތް ފުރުސަތެއް ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

މި ދިރާސާގެ ބައިވެރިން ހަފްތާއެއްގެ މުއްދަތަށް ދިރާސާގެ އެކި މަރުހަލާތަކުގައި ބޭނުންކުރާނެއެވެ. އެގޮތުން އެންމެ ފުރަތަމަ އެފަރާތްތަކުން މި ދިރާސާގައި ބައިވެރިވުމަށް ނިންމާ ހިސާބުން ވައިރަސް އިން އެމީހުން އިންފެކްޓް ކޮށްލާނެއެވެ. ދިރާސާގެ ބައިވެރިން އިންފެކްޓު ކުރުމަށް ހަމަޖެހިފައި ވަނީ، ވައިރަސް އެކުލެވޭ ސްޕްރޭއެއް އެމީހުންގެ ނޭވާލާ ނިޒާމުގެ ތެރެއިން ހަށިގަނޑަށް ފޮނުވާލައިގެން ކަމަށް ވެއެވެ.

މި ދިރާސާ އެމެރިކާގެ މޭރީލޭންޑާއި، ބެލްޓިމޯ އާއި މިސޯރީގެ އިތުރުން އުތުރު ކެރޮލީނާގެ ރީސާޗު ޔުނިޓުތަކުގައި ކުރިޔަށްގެންދާނެއެވެ. ދިރާސާގެ ބައިވެރިންނަށް ވައިރަސްގެ އަސަރު ކުރުމުން، ވައިރަސް އިން ހަށިގަނޑަށް ކުރާ އަސަރުތަކާއި ކުރިމަތިލާން ޖެހެއެވެ. ނަމަވެސް ވައިރަސް ވަކި ވަރަކަށް ހަށިގަނޑުގެ ތެރެއަށް ފެތުރިޔަ ނުދިނުމަށް ޚާއްސަ ފަރުވާތަކެއް އެފަރާތްތަކަށް ކުރެވޭނެއެވެ.

ތަޖުރިބާކާރުން ބުނާގޮތުގައި މި ދިރާސާގައި ވޮލެންޓިއަރުންގެ ހަށިގަނޑަށް ނުރައްކާތެރި ވައިރަސް ފޮނުވާލުމުން، އެއިން ބައެއް މީހުންގެ ފުރާނައަށްވެސް ނުރައްކާ ވެދާނެއެވެ. އެއީ ވައިރަސްގެ އަސަރު ހަށިގަނޑުގެ ތެރޭގައި ހުއްޓައި ސިއްހީ އެނޫން ހާލަތެއް މެދުވެރިވެއްޖެ ނަމަ ހިތް ހުއްޓުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް ވާތީ ކަމަށް އެފަރާތްތަކުން ބުނެއެވެ. އެހެން ކަމުން މި ދިރާސާއަކީ މުހިންމު ނަމަވެސް ނުރައްކާތެރި ދިރާސާއެއް ކަމަށް އެފަރާތްތަކުން ދެކެއެވެ.