ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގައި ތިބި މީހުންގެ ތެރެއިން 29 ފަރާތެއް އާއިލާއާ ހަވާލުކުރުމުގެ މަސައްކަތް ފަށައިފި ކަމަށް ޖެންޑަރ މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

އެމިނިސްޓްރީގެ ޕޭޖުން ރޭ ފޭސްބުކް ލައިވެއްގައި އާންމުންނަށް މިނިސްޓަރާއި ސުވާލުކުރެވޭ ގޮތަށް ވަނީ ޕްރޮގްރާމެއް ކުރިޔަށްގެންގޮސްފައެވެ. މި ލައިވްގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މީގެކުރިން އެގޮތަށް މަރުކަޒުގައި ތިބޭ މީހުންނާ އާއިލާއިން ހަވާލުނުވާ މައްސަލަ ވަރަށް ބޮޑެވެ. ނަމަވެސް މިހާރަކަށް އައިސް މިފަދަ މައްސަލަތައް މަދުކަން އެކަމަނާ ވަނީ ފާހަގަކޮށްފައެވެ.

"ޢާއިލާތަކުން ހަމަ މަސައްކަތްކޮށްގެން ވަރަށް ބޭނުންވެގެން އެ މީހުން އެބަގެންދޭ. މިހާރު އަޅުގަނޑު ހިތުން ގާތްގަނޑަކަށް ނަވާވީސް މީހަކު ތައްޔާރުވެފަ އެބަތިބި އަނބުރާ ޢާއިލާތަކަށް ގެންދަން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އުމުރުން ދުވަސްވީ މީހުންނަށް އާއިލާގެ ލޯތްބާއި އަޅާލުން ވަރަށް ބޭނުން ކަމަށާއި އެފަދަ މާހައުލެއްގައި އާއިލާއެކީ އުޅުމުގެ މަގު ފަހިކުރުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުންދާ ކަމަށެވެ. އަދި އެކި ސަބަބުތަކަށްޓަކައި ދައުލަތުގެ ބެލުމުގެ ދަށަށް ގެންދެވޭ އުމުރުން ދުވަސްވީ މީހުންގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ގުރައިދޫ މަރުކަޒުގައި އެކި މުވައްސަސާތަކުގެ އެހީތެރިކަމާއެކު ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވިއެވެ.

ނިމުނު ޑިސެމްބަރު މަހު އެ މަރުކަޒުގައި ތިބި ހަ މީހަކު އާއިލާއާ ހަވާލުކޮށްފައިވާ ކަމަށާއި އަދި، މިހާރު އެ ތަނުގައި ތިބި މީހުންގެ ތެރެއިން 19 މީހުން މި މަހު އާއިލާއާ ހަވާލު ކުރެވޭނެ ކަމަށް މިނިސްޓްރީން މިގެ ކުރިން ވަނީ ވިދާޅުވެފައެވެ. މިދިޔަ ޖެނުއަރީގައިވެސް ވަނީ އެ މަރުކަޒުގައި ތިބި މީހުންގެ ތެރެއިން 6 މީހަކު އާއިލާ އާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވަނީ ވިދާޅުވެފައެވެ.

ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަކީ 1976 ވަނަ އަހަރުގެ ޖޫން މަހުގެ ހަވަނަ ދުވަހު ގާއިމުކުރި މަރުކަޒެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަވާސާބޭބެ

    ގުރައިދޫ މަރުކަޒު މިއަދު ޖެހޭނީ ބަންދުކުރަން އޮތޮޅު ކައުންސިލްތަކުން އެއެތޮޅެއްގައި ތިބި މިފަދަ މީހުން ބެލޭނެ އިންތިޒާމް ހަމަޖައްސަންވާނެ މިނިސްޓްރީ އޮފް ފެމަލީ އެންޑް ސޯސަލް ސަރވިސް އިންކުރަންޖެހޭކަމަކީ މިފަދަ ތަންތަން ހިންގަންޖެހޭ މިންގަނޑު ކަންޑައަޅައި އެތަންތަން މޮނިޓަރކޮށް ހިޔާލާއި މަޝްވަރާދޭންޖެހޭނީ އޭތުން އަތޮޅުތަށް ބާރުވެރި ކުރެވޭނީ!