މަސްވެރިންކަން ކުރާ ކޮންމެ އުޅަނދެއްގައި ރެސްކިއު ޑައިވަރަކު ބެހެއްޓުމުގެ ތަމްރީން ޕްރޮގްރާމުގެ ދަށުން ގއ. ވިލިނގިލުން 14 ފަޅުވެރިޔަކު ކޯސް ފުރިހަމަކޮށްފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ސިޔާސަތު ތަންފީޒު ކުރުމަށް ވުޒާރާއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ރާއްޖޭގައި ފީނައިގެން އެންވެރިކަން ކުރާ ކޮންމެ އޮޑިއަކުން މަދުވެގެން އެއް ފަޅުވެރިއަކު ރެސްކިއު ޑައިވަރ ފެންވަރަށް ތަމްރީނު ކުރުމަށް ހިންގާ ޕްރޮގްރާމް ފެށީ މިދިޔަ މަހުގެ 19 ވަނަ ދުވަހެވެ.

މަސްވެރިކަމާއި ބެހޭ ވުޒާރާއިން މި ޕްރޮގްރާމް އެންމެ ފުރަތަމަ ފެށީ ގދ. މަޑެވެލީގައެވެ. މަސްވެރިކަމާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ގދ. މަޑަވެއްޔަށް ކުރެއްވި ދަތުރުފުޅުގައި އެ ޕްރޮގްރާމް ފެއްޓެވިއިރު، އެއިރު މަޑަވެލި އަށް ދޯންޏަކުން އަށް މަސްވެރިން މި ޕްރޮގްރާމްގައި ބައިވެރިވެ ކޯސް ވަނީ ފުރިހަަމަކޮށްފައެވެ.

ޕްރޮގްރާމުގެ ތެރެއިން އޯޕަން ވޯޓަރ ޑައިވިން، އެޑްވާންސް ލެވެލް އަދި ފަސްޓް އެއިޑްގެ ކަންކަން ކިޔަވައިދީ، ތަމްރީންކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި 50 މަސްވެރިއަކު ތަމްރީން ކުރުމަށް ވަނީ ހަމަޖެހިފައެވެ. ޕްރޮގްރާމްގައި ތަމްރީން ދެނީ ރާއްޖޭގައި ޑައިވް އިސްޓްރަކްޓަރ ކޯސް ހަދާފައި ތިބި ފަންނީ ފަރާތްތަކެވެ.

މަސްވެރިކަމާއި ބެހޭ ވުޒާރާ އިން "ވަގުތު" އަށް ވިދާޅުވީ ރަށްތަކުން އެދޭ މިންވަރަކުން އިންސްޓްރަކްޓަރުން ކިޔަވައިދޭން ފޮނުވާނެ ކަމަށެވެ.

މަސްވެރި ކޮންމެ އުޅަނދެއްގައި ތަމްރީން ލިބިފައިވާ ރެސްކިއު ޑައިވަރަކު ބެހެއްޓުމުގެ ބޭނުމަކީ ފުޅިއަޅާއިގެން ފީނާ ފަރާތްތަކަށް އަޑިއަށް ފީނުމުގެ ސަބަބުން ދިމާވާ އެކިއެކި ކަންކަމަށާ، އެފަރާތްތަކުގެ ފުރާނަ ސަލާމްމަތް ކުރުމުގެ ބޭނުމުގައި ސަރުކާރުން ކުރާ މަސައްކަތެކެވެ.