ގިނަ އަދަދެއްގެ ދަރިވަރުންނާއެކު މި އަހަރުގެ އެސްއެސްސީ އާއި އޯލެވެލް އިމްތިހާން މިއަދު ފަށައިފިއެވެ.

މި އަހަރުގެ އޯލެވެލް އިމްތިހާން ކުރިއަށް ގެންދަން ނިންމާފައިވަނީ މިއަދުން ފެށިގެން ޖޫން 13 ވަނަ ދުވަހުގެ ނިޔަލަށެވެ. އޯލެވެލް އިމްތިހާނު ފަށާފައިވަނީ އެސްއެސްސީ އިމްތިހާނުގެ އިސްލާމް މާއްދާގެ ޕޭޕަރު އެކަކުންނެވެ. އިމްތިހާނު ފެށީ ހެނދުނު 9:00 ގައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، މި އިމްތިހާންތަކުގައި 7،501 ދަރިވަރުން ބައިވެރިވާނެ ކަމަށާއި ރާއްޖޭގެ 256 ސެންޓަރެއްގައި އިމްތިހާން ކުރިއަށްދާނެ ކަމަށެވެ.

ދިވެއްސާއި އިސްލާމް ހިމެނޭ އެސްއެސްސީ އިމްތިހާން މި އަހަރު 7،133 ދަރިވަރުން ހަދާނެއެވެ. މި އަހަރުގެ އޯލެވެލް އިމްތިހާންގައި 7،501 ދަރިވަރުން ބައިވެރިވާ އިރު، މިދިޔަ އަހަރު އިމްތިހާން ހެދީ 6،698 ދަރިވަރުންނެވެ. އެހެންވެ މި އަހަރުގެ އަދަދަކީ މިދިޔަ އަހަރަށް ވުރެ 803 ދަރިވަރުންގެ އިތުރުވުމެކެވެ.

ދަރިވަރުން މިހާރު ކިޔަވަމުން ދަނީ ދެވަނަ ޓާމެވެ. އެ ޓާމް ނިމޭނީ އޭޕްރީލް މަހު 30 ވަނަ ދުވަހުގައެވެ. އެއަށް ފަހުގައި ދިރާސީ އާ އަހަރުގެ ކިޔެވުން ފެށޭނީ މެއި މަހު 26 ވަނަ ދުވަހުގަ އެވެ.

މިހާރު ގްރޭޑް 8 ގައި ކިޔަވަމުންދާ ދަރިވަރުންނަށް އޯލެވެލް އޮންނާނީ 2025 ވަނަ އަހަރު އޮކްޓޯބަރ/ނޮވެމްބަރުގައެވެ. އަދި މިހާރު ގްރޭޑް 9 ގައި ކިޔަވަމުންދާ ދަރިވަރުންނަށް އޯލެވެލް އިމްތިހާން އޮންނާނީ އަންނަ އަހަރު މެއި/ޖޫން ގައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ކުރިން ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޮރަލް

    ވަޒީފާ އެއްނެތެވެ. ހުރިހާ ހޮޓާ ކެފޭ ރެސްޓޯރަންޓް ފަދަ ވިޔަފާރި ތ ތަކުގަ 100 ޕަސެންޓް ބިދޭސީންނެވެ.

  2. ޢަހު

    މިއަދުތޯ ފެށީ އަދި 1 ފަހަރު ޗެކްކޮލާ