ލޮނުޒިޔާރަތްކޮޅު، ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް ބަލާލަން ހަދާފައިވާ ޕްލެޓްފޯމު ހުންނަ ސަރަހައްދުގައި ގާއިމުކުރި ނިއު ޕޯޓު ރެސްޓޯރަންޓު ހުސްކޮށް އެތަން ހުރި ބިން ސަރުކާރުން އަތުލީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.

ނިއު ޕޯޓް ވިއު ހިންގާ ބިން، ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ތިން އަހަރަށް ސްޓްރާޑާ ކުންފުންޏާ ހަވާލުކުރީ މާލެ އާއި ހުޅުލެއާ ދެމެދު ބްރިޖު އަޅާ މަންޒަރު ބަލަން ޕްލެޓްފޯމެއް ތަރައްގީކުރުމަށާއި، ރެސްޓޯރެންޓެއް ހެދުމަށެވެ. ނަމަވެސް އެ މުއްދަތު ފަހުން ވަނީ އަށް އަހަރަށް އިތުރުކޮށްފައެވެ.

ނަމަވެސް، އެ އެއްބަސްވުމުގެ ދަށުން ދައްކަން ހަމަޖެހިފައިވާ މަހު ކުލި ދައްކަމުން ނުދާ ކަމަށް ބުނެ 2019 ވަނަ އަހަރުގެ މާޗް މަހު ޕްލޭނިންގް މިނިސްޓްރީން ވަނީ އެ އެއްބަސްވުން ބާތިލުކޮށްފައެވެ.

އެންމެ ފަހުން އެ މައްސަލަ ކޯޓަށް ހުށަހަޅާފައި ވަނީ، އެ އެއްބަސްވުން ބާތިލް ކުރުމަށްފަހުވެސް އެ ބިން ސްޓާރާޑާ ކުންފުންނިން ބޭނުންކޮށްފައިވާ ކަމަށް ބުނެ ދައުލަތަށް ނުދައްކާ އޮތް ކުއްޔާއި، އެކަމަށް އަރާފައިވާ ޖޫރިމަނާގެ އިތުރުން ބަދަލު ނަގައިދިނުމަށް އެދިއެވެ.

ސިވިލް ކޯޓުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހު ކުރި ހުކުމްގައި ވަނީ އެދުވަހުން ފެށިގެން 15 ދުވަސް ތެރޭގައި ނިއު ޕޯޓް ހުސްކޮށް، ދައުލަތާއި ހަވާލު ކުރުމަށާއި އަދި ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ ކަމަށް ސާބިތުވާ 1.1 މިލިއަން ރުފިޔާއާއި ބިން ހަވާލު ކުރުމާއި ހަމައަށް އަރާ ޖޫރިމަނާ ވެސް ދެއްކުމަށް އަންގައިފައެވެ. އެ ހުކުމްގައި ބުނެފައި ވަނީ އެތަނުގެ އެއްބަސްވުން ސަރުކާރުން ބާތިލް ކޮށްފައިވަނީ އެއްބަސްވުމާ އެއްގޮތަށް ކުލި ނުދައްކާތީ އެއްބަސްވުން ބާތިލް ކުރުމަށް ސަރުކާރަށް ލިބޭ އިހްތިޔާރުގެ ދަށުން ކަމަށެވެ.

އެ އެއްބަސްވުން ބާތިލް ކުރުމަށް ފަހު އެ ބިން ބޭނުން ކުރުމުގެ ހައްގު ސްޓްރާޑާ ކުންފުންޏަށް ލިބިގެން ނުވާނެ ކަމަށް އެ ހުކުމްގައި ވެއެވެ. ސްޓާޑާއިން ވަނީ އެ ހުކުމް އިސްތިއުނާފުކޮށް، އިސްތިއުނާފު މައްސަލަ ނިމެންދެން ސިވިލްކޯޓުގެ ހުކުމަށް އަމަލުކުރުން ފަސްކުުރުމުގެ އަމުރަކަށް އެދިފައެވެ. އެހެން ނަމަވެސް ހައިކޯޓުން ވަނީ މި އަމުރު ނެރެދެވެން ނެތް ކަމަށް ބުނެފައެވެ. ހައިކޯޓުން މިގޮތަށް ހުކުމް ކުރުމާއެކު ޕްލޭނިން މިނިސްޓްރީން އެތަނުގައި ތަޅުއެޅުވިއެވެ.

މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނެފައިވަނީ، ސްޓްރާޑާ އާއި ޕްލޭނިން މިނިސްޓްރީއާ ދެމެދު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ބިމު ކުލީގެ ފައިސާ ދައްކާފައިނުވާ ކަމަށް ސްޓްރާޑާ އިން ގަބޫލު ކުރާ ކަމަށެވެ. އެހެންކަމުން މި މައްސަލައިގެ އަސްލަކީ އެއީ ކަމަށްވީ ނަމަވެސް، އޮތް ޚުސޫމާތަކީ، ސްޓްރާޑާއިން ފައިސާ ދެކުމުގެ ކުރިއަށް، ޕްލޭނިން މިނިސްޓްރީން އެކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގައި ހިމެނޭ ބިމުގެ ބައެއް ސަރުކާރަށް ނަގާފައިވާ ކަމަށާއި މިއީ އެކުންފުންޏަށް މިނިސްޓްރީން ބަދަލުދޭންޖެހޭ ކަމެއް ކަމަށް ގަބޫލު ކުރުން ކަމަށެވެ.

އެހެންކަމުން ސްޓްރާޑާއިން ބޭނުންވަނީ ބަދަލު ދިނުމާ ގުޅޭގޮތުން ކޯޓުން ގޮތެއް ނިންމުމަށް ކަމަށްވެސް ބުނެފައިވެއެވެ. އެހެން ނަމަވެސް ސްޓްރާޑާއިން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކަށް ބަލާއިރު، ހައިކޯޓުން ކޮށްފައިވާ ހުކުމަށް ބަދަލު ގެންނަންޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް މި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ހުކުމްކޮށްފައެވެ.

މި މައްސަލަ ބެއްލެވީ ފަނޑިޔާރު އައިޝާ ޝުޖޫން އާއި ފަނޑިޔާރު އަލީ ރަޝީދު މުހައްމަދުގެ އިތުރުން، ފަނޑިޔާރު މުހައްމަދު އިބްރާހިމްއެވެ.

ނިއުޕޯޓު ހުސްކުރުމަށް ޕްލޭނިން މިނިސްޓްރީން ސްޓްރާޑާއަށް އެންގި ނަމަވެސް މިހާތަނަށްވެސް އެތަން ހުސްކޮށްފައެއްނުވެއެވެ.