ދުނިޔޭގެ އެއާލައިންތަކާއި އެއާޕޯޓްތައް ގުޅުވައިދޭ އެންމެ ބޮޑު ކޮންގްރެސް ކަމަށްވާ އެއާ ސާވިސް ވޯލްޑް ކޮންގްރެސް މި އަހަރު ރާއްޖޭގައި ބޭއްވުމަށް ނިންމައިފިއެެވެ.

އެއާ ސާވިސް ވޯލްޑް ކޮންގްރެސްއިން ކޮށްފައިވާ ޕޯސްޓެއްގައި ވަނީ މި އަހަރު އެ ކޮންގްރެސް ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާކަން ހާމަކޮށްފައެވެ. ކޮންގްރެސް އޮންނާނީ ޖުލައި މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން 11 ވަނަ ދުވަހަށް ކަމަށް އެ ޕޯސްޓުގައި ބުނެފައިވެއެވެ.

މި އަހަރުގެ އެ ކޮންގްރެސްގެ މި އަހަރުގެ ހޮސްޓަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ކަމަށް ވެސް އެ ޕޯސްޓުގައިވެއެވެ.

އެހެންކަމުން މި އަަހަރުގެ ކޮންގްރެސްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އަވަހަށް ރަޖިސްޓްރީކުރުމަށް އެއާ ސާވިސް ވޯލްޑް ކޮންގްރެސްގެ ފަރާތުން އެދިފައިވެއެވެ.

އެއާ ސާވިސް ވޯލްޑް ކޮންގްރެސްގައި ގިނަ އަދަދެއްގެ އެއާލައިންތަކާއި އެއާޕޯޓައް ބައިވެރިވާނެއެވެ. އޭގެ އިތުރުން ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ އެކި ފަރާތްތައް ވެސް މި ކޮންގްރެސްގައި ބައިވެރިވާނެއެވެ.

ރާއްޖެއަކީ ފަތުރުވެރިކަމަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ގައުމަކަށް ވާއިރު މި ކޮންގްރެސްގެ ތެރެއިން ގިނަ ފުރުސަތުތަކެއް ފަހިވެގެންދާނެއެވެ. އަދި އާ އެއާލައިންތަކުން ދަތުރުތައް ފެށުމަށް ވެސް މަޝްވަރާތައް ކުރެވޭނެއެވެ. މިހާރު ވެސް ރާއްޖެއަށް 39 އެއާލައިނަކުން ދަނީ ދަތުރުކުރަމުންނެވެ. އޭގެ ތެރޭގައި ދުނިޔޭގައި ފާހަގަކޮށްލެވޭ އެއާލައިންތައް ހިމެނެއެވެ.