ނ. އަތޮޅު ހޮސްޕިޓަލަށް ބޭނުންވާ ގިނަ އަދަދެއްގެ ޑޮކްޓަރުން ހޯދުމަށް އިއުލާނުކޮށްފިއެވެ.

އެ ހޮސްޕިޓަލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ އެކި ދާއިރާތަކަށް ބޭނުންވާ ޑޮކްޓަރުން ހޯދަމުންދާ ކަމަށެވެ. އެގޮތުން 17 ދާއިރާއަކުން ޑޮކްޓަރުން ބޭނުންވާ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ. އެ ފަރާތްތަކުން މަސައްކަތް ކުރަން ޖެހޭނީ ނ. އަތޮޅު ހޮސްޕިޓަލް އަދި ވެލިދޫ ސިއްހީ މަރުކަޒުގައި ކަމަށެވެ.

ޑޮކްޓަރުން ބޭނުންވާ ދާއިރާތަކަކީ:

  • ސީނިއާ ކޮންސަލްޓަންޓް
  • ކޮންލަސްޓަންޓް
  • ސީނިއާ ސްޕެޝަލިސްޓް ރެޖިސްޓްރަރ
  • ސްޕެޝަލިސްޓް ރެޖިސްޓްރަރ
  • ސްޕެޝަލިސްޓް އިން މެޑިސިން
  • އޯތޯޕެޑިކްސް
  • އެނެސްތެސިއޮލޮޖީ
  • ސާޖަރީ
  • ޕީޑީއެޓްރިކްސް
  • އެންސްޓެޓެރިން އެންޑް ގައިނެކޮލޮޖީ
  • ރޭޑިއޮލޮޖީ
  • އޮފްތަލްމޮލޮޖީ

ބޭނުންވަނީ ދާއިމީކޮށް މަސައްކަތް ކުރާނެ ޑޮކްޓަރުން ކަމަށް އިއުލާނުގައި ބުނެފައިވެއެވެ. އަދި ސީނިއާ ކޮންސަލްޓަންޓް ސްޕެޝަލިސްޓަކަށް 40299 ރުފިޔާ އާއި 36277 ރުފިޔާ ދެމެދުގެ މުސާރައެއް ލިބޭނެ ކަަމަށާއި ކޮންސަލްޓަންޓް ސްޕެޝަލިސްޓަކަށް 32632 ރުފިޔާގެ މުސާރައެއް ލިބޭނެ ކަމަށެވެ.

އަދި ސީނިއާ ސްޕެޝަލިސްޓް ރެޖިސްޓްރަރ އަކަށް 20275 ރުފިޔާ، ސްޕެޝަލިސްޓް ރެޖިސްޓްރަރ އަކަށް 26231 ރުފިޔާގެ މުސާރައެއް ލިބޭނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ. މުސާރައިގެ އިތުރުން މަގާމުގެ އެލަވަންސް އާއި ހާޒިރީ އިނާޔަތް ވެސް ލިބޭނެ ކަމަށެވެ.

މަގާމުގެ މަސްއޫލިއްޔަތުގެ ތެރޭގައި ބަލިމީހާއާއި އޭނާގެ އާއިލާއާއި ވާހަކަ ދައްކާ ޖިސްމާނީ އަދި ނަފްސާނީ ބެލުންތައް ބަލައިގެން ބަލިހާލަތު ދެނެގަތުމާއި ބަލިމީހާ ރިފަރ ކުރާ އެހެން ޑޮކްޓަރުންނާ ސިއްހީ ޚިދުމަތްތެރިން އެކުލަވާލާފައިވާ މެޑިކަލް މައުލޫމާތު މުރާޖައާކުރުން ހިމެނެއެވެ.

އަދި ބަލިހާލަތު ދެނެގަތުމަށް ބޭނުންވާ ހާއްސަ ތަހުލީލްތައް ކުރުމަށް އެންގުމާއި ކުރެވޭ ތަހްލީލްތަކުގެ ނަތީޖާ އެނެލައިޒްކޮށް ފަރުވާ ކުރިޔަށް ގެންދިއުން އަދި ފަރުވާއަށް ގެންނަންށްޖެހޭ ބަދަލުތައް ގެންނަަށް ވެސް ޖެހޭނެއެވެ.

އެހެންކަމުން ވަޒީފާއަށް ޝައުގުވެރިވާ ފަރާތްތަކުން ހުރިހާ ލިޔެކިއުންތައް ހަމަކޮށް މި ފެށޭ މެއި މަހުގެ ދެވަނަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ނ. އަތޮޅު އޮފީހަށް ހުށަހެޅުމަށް އިއުލާނުގައިވެއެވެ. މެއިލް މެދުވެރިކޮށް ވެސް އެ ތަކެތި ބަލައިގަންނާނެ ކަމަށް ހޮސްޕިޓަލުން ބުނެފައިވެއެވެ

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދޮންކޮއްކޮބޭ

    ދާއިމީކޮށް މަސައްކަތް ކުރާނެ މިފެންވަރުގެ މީހުން ރާއްޖެއިން ހޯދަން އުނދަގޫވާނެ. އެގްރީމެންޓެއްގެ ދަށުން ވަކި މުއްދަތަކަށް ބޭރު މީހުންނަށްވެސް ފުރުޞަތު ލިބޭގޮތަށް ހުޅުވާލައިގެން ނޫނީ މިފަދަ މީހުން އަދި މިރާއްޒެއިން ލިބޭނެ ކަމަކަށް ނުފެނޭ. ސަރުކާރުގެ ހެޔޮފުޅުކަން ދެއްކުމަށް މިފަދަ އިއުލާނުތައް ދޭތެރެދޭތެރެއިން ނެރުނީމަ އަސްލު އިޚްލާޞްތެރިކަމާމެދު ސުވާލު އުފެދޭ.

  2. ކޮރަކައްޔާ

    ނ.އަތޮޅު އޮފީހަކަށް ނޫނޭ. ނ. އަތޮޅު ހޮސްޕިޓަލަށޭ.