އަވަށްޓެރި ސްރީލަންކާގައި ދިރިއުޅޭ ދިވެހިން ވިސާ އަދި ސިޓީ ހޯދުމަށް އަންނަ އިރު ލަންކާގެ އިމިގްރޭޝަން ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން، އެޖެންޓުން މެދުވެރިނުކޮށް އައުމަށް ލަންކާގައި ހުންނަ ދިވެހި ރާއްޖޭގެ އެމްބަސީއިން އެދިވަޑައިގެންފިއެވެ.
އެމްބަސީ އިން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ ލަންކާގައި އުޅޭ ދިވެހި ރައްޔިތުން ވިސާ ނެގުމާއި އާކުރުމުގެ ނިޒާމު ހަރުދަނާ ކުރުމަށް އެގައުމުގެ ޑިޕާޓްމެންޓް އޮފް އިމިގްރޭޝަން އަދި އެމިގްރޭޝަންއާއެކު މަޝްވަރާ ކުރަމުން ގެންދާ ކަމަށެވެ. އަދި ރަނގަޅު ކުރަން ޖެހޭ ކަންކަން ހުރިނަމަ އެކަން ރަނގަޅު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވިދާޅުވިއެވެ.
އެގޮތުން ވިސާ ހޯއްދެވުމަށް ދިވެހިން އަމިއްލަ އަށް، އެޖެންޓެއް މެދުވެރި ނުކޮށް ލަންކާގެ އިމިގްރޭޝަނަށް އައުމަށް އަންގަވާފައިވާ ކަމަށް ބަޔާނުގައި ވިދާޅުވިއެވެ.
"އެހެންކަމުން ސްރީލަންކާގެ އެމިގްރޭޝަން ގަވާއިދާ އެއްގޮތަށް އަމަލު ކުރުން ކަށަވަރު ކުރުމަށްޓަކައި މި އެމްބަސީގެ ފަރާތުން ދޫކުރާ ވިސާ ސިޓީ ހޯއްދެވުމަށް އެޖެންޓުން މެދުވެރި ނުކުރައްވައި، އަމިއްލަފުޅަށް ވަޑައިގަތުމަށް ދަންނަވަމެވެ." އެ ބަޔާނުގައި ވިދާޅުވިއެވެ.
އެހެން ނަމަވެސް، ބަލި ހާލަތު ހުރިގޮތުން ނާދެވޭ ފަރާތެއްގެ ނުވަތަ ޑިޕެންޑެންޓް ވިސާގައި ތިބޭ ކުޑަކުދިންގެ ވިސާ ސިޓީ އެފަރާތުގެ ނުވަތަ ކުދިންގެ ބެލެނެވެރިޔާ އައުމުން ދޫކުރާނެ ކަމަށް އެމްބަސީއިން ވިދާޅުވިއެވެ.
މި އުސޫލުތަކަށް އަމަލު ކުރަން ފަށާފައި ވަނީ މިއަދުން ފެށިގެންނެވެ.
ސްރީލަންކާ ސަރުކާރުން އާއްމު ދިވެހީންނަށް ވެދޭ އެހީތެރިކަމަށް ވަރަށް ބޮޑަށް ޝުކިރު އަދާކުރަން.