ދިވެހިރާއްޖޭގެ ނައިބު ރައީސްކަމުގެ ހުވާ ފައިސަލް ނަސީމް ކުރައްވައިފިއެވެ.
ފައިސަލް ނައިބު ރައީސް ކަމުގެ ހުވާ ކުރެއްވީ މިއަދު ހަވީރު ގަލޮޅު ދަނޑުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. ނައިބު ރައީސް އަށް މަގާމުގެ ހުވާ ލައިދެއްވީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އެވެ.
ފައިސަލް ނަސީމް އުފަންވެފައިވަނީ ޏ.ފުވައްމުލަކު ފުނާޑު އަވަށުގައި 1973 ވަނަ އަހަރު ޖުލައި މަހުގެ 20 ވަނަ ދުވަހުއެވެ. މަތީ ތައުލީމް ހާސިލްކުރައްވާފައިވަނީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީތަކުންނެވެ. އެތާގެ ޔުނިވާސިޓީ އޮފް ބާރމިންހަމް އިން ހޮސްޕިޓަލިޓީ އެންޑް ޓުއަރިޒަމް މެނޭޖްމެންޓްގެ ދާއިރާއިން ބެޗްލާސް ޑިގްރީ އަދި ކާރޑިފް މެޓްރޮޕޮލިޓަން ޔުނިވާސިޓީން ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާރސް ޑިގްރީ ވަނީ ހާސިލްކުރައްވާފާއެވެ.
ފައިސަލް ވަނީ 2004 ވަނަ އަހަރުން 2008 ވަނަ އަހަރަށް އާ ޤާނޫނުއަސާސީ ލިޔެ އެކުލަވާލި ރައްޔިތުންގެ ޚާއްސަ މަޖިލީހުގައި ފުވައްމުލަކު މެމްބަރުކަން ވެސް ކުރައްވާފައެވެ.
ފައިސަލް އަކީ ދިވެހި ތާރީހުގެ ފަސްވަނަ ނައިބު ރައީސްކަން ފާހަގަކޮށްލެވެއެވެ.