ހުކުރު ރޭ ޑިންގީއެއް ބަންޑުން ޖަހާލައިގެން ގެއްލިފައިވާ ލ.މާމެންދޫ ޝިމާ ނާފިޒް ހޯދުމަށް އެމްއެންޑީއެފްއިން ކުރިއަށް ގެންދެންދާ ހާއްސަ އޮޕަރޭޝަނުގައި، އިންޑިއާގެ ހެލިކޮޕްޓަރުގެ އެހީގައި ފަސް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.
އެމްއެންޑީއެފްއިން ބުނެފައި ވަނީ ޝިމާ ހޯދުމުގެ ހާއްސަ އޮޕަރޭޝަނުގައި ސިކްސް ސެންސަން ރިސޯޓު ކައިރިން ފަސް މޭލުގެ ސަރަހައްދެއް މިއަދުވެސް ހެލިކޮޕްޓަރުގައި ބަލާފައިވާ ކަމަށާއި، އޭގެ އިތުރުންވެސް ކަނޑުމަގުން ކޯސްގާޑްގެ ޝިޕް ހުރަވީ އާއި ކޯސްޑްގާޑްގެ ޑައިވަރުންގެ އިތުރުން ކަނޑު އަޑި ބެލުމަށް ހާއްސަ ޑައިވިން ރޮބޮޓް ބޭނުން ކުރަމުން ގެންދާ ކަމަށެވެ.
މިހާތަނަށް ބެލި ބެލުމުގައި ޑިންގީ އަދި މީހެއްގެވެސް އަސަރެއް ފެނިފައި ނުވާކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.
ހުކުރު ދުވަހުގެ ރޭ އިތުރު މީހަކާއި އެކު ޑިންގީއެއްގައި ލ.ފޮނަދޫ އިން ލ.މާމެންދޫ އަށް ދަތުރު ކުރަމުން ދަނިކޮށް ޝިމާ ގެއްލުނު ހާދިސާ ރިޕޯޓް ކުރި ވަގުތުން ފެށިގެން އޭނާ ހޯދުމުގެ މަސައްކަތް ހުއްޓުމެނެތި ދަނީ ކުރަމުންނެވެ.
ނަމަވެސް ޝިމާ ހޯދުމުގެ މަސައްކަތުގައި އަދި ކުރިއެރުމެއް ނުލިބެއެވެ.
ޑިންގީ ބަންޑުން ޖަހާލުމުން ޝިމާ އާއި އެކު ދަތުރު ކުރި ފިރިހެން މީހާ ވަނީ ޑިންގީގެ ޕެޓްރޯލް ޓޭންކް ޝިމާ އަތައް ދިނުމަށް ފަހު ފަތާފައި ގޮސް ސިކްސް ސެންސަސް ރިސޯޓަށް އަރާފައެވެ. އޭނާ ރިސޯޓަށް އަރާ އެހީއަށް އެދުމުން ލޯންޗް ބަންޑުން ޖަހާލި ސަރަހައްދަށް ދިޔަ އިރު އެސަރަހައްދުގައި ޝިމާ ފެންނާކަށް ނެތެވެ.
ފިރިހެން މީހާގެ ވާހަކަތަކަށް އިތުބާރު ނުކުރެވޭތީ އާދީއްތަ ދުވަހު، ލ. މާމެންދޫގެ ރައްޔިތުންނާއެކު ސިފައިން ވަނީ ފަޅު ދެރަށް ކަމަށްވާ ލ. ގާދޫ އަދި ލ. ހުޅިމެންދޫވެސް ބަލާފައެވެ. ޝިމާގެ ހިލަމެއް ވެފައެއް ނުވެއެވެ.