ރައްޔިތުންގެ މަޖިލީހުގެ އަދިި ޖުމްހޫރީ ޕާޓީގެ ރައީސް ގާސިމް އިބްރާހިމް އެމަނިކުފާނު ހުންނެވި މަގާމުގެ ނުފޫޒުު ނަހަމަ ގޮތުގައި ބޭނުންކުރަމުންދާ ކަމަށް ތުހުމަތުކޮށް، އެމްޑީޕީ މެމްބަރުން ފާޑުކިޔައިފިއެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގައި، ބައެއް ވަޒީރުންނާއި ފަނޑިޔާރުންނާއި އަދި މިނިވަން މުއައްސަސާތަކުގެ މެމްބަރުންގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމާ ގުޅޭ އުސޫލެއް އާންމު ކޮމިޓީން ފާސްކޮށް، އެކަމާ ގުޅޭގޮތުން ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައެއް ހޯދުމަށް މަޖިލިހުން ގޮތެއް ނިންމަން ހުށަހެޅުމުން ސަރުކާރުގެ ކޯލިޝަން އެމްޑީޕީއާއި ޖުމްހޫރީ ޕާޓީއާ ދެމެދު އުފެދިފައިވާ ކޯޅުންގަނޑު ވަނީ އިތުރަށް ބޮޑުވެފައެވެ.
މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ، މަޖިލިހުން ނިންމާ ކޮންމެ ކަމަކީ ސުޕްރީމް ކޯޓުން ނިންމަން ޖެހޭ ކަންކަމެއް ނޫން ކަމަށެވެ.
"ވެރިކަން ކުރުމާއި މަޖިލިސް ހިންގުމާއި މި ހުރިހާ ކަމެއް މަނިކުފާނުގެ ގެ ރަހްމަތްތެރިން ކަމަށްވާ ސުޕްރީމް ކޯޓުގެ ފަސް ބޭފުޅުންނަށް ހަވާލުކޮށްފައި އެހެން ބޭފުޅުން ގެއަށް ދާންވީނުންތޯ؟" އީވާ ވިދާޅުވިއެވެ.
ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީ ވެސް ވަނީ ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފަޔަކަށް އެހުމާ ދެކޮޅަށް އަޑު އުފުލާ އެމަނިކިފާނު އުޅުއްވަނީ ބަޣާވާތެއް ގެނައުމަށް ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ގާސިމް އިބްރާހިމް އަށް ފާޑުވިދާޅުވެފައެވެ.
މީގެ އިތުރުން ކޮމަންޑޫ ދާއިރާގެ މެމްބަރު އަހުމަދު ނަޝީދު ވިދާޅުވީ، ގަވާއިދަށް ގެނައި ބަދަލަކުން ސުޕްރީމް ކޯޓުގެ ލަފަޔަކަށް އަހަން ޖެހޭ ސަބަބެއް އޮތް ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި، އެގޮތަށް އަމަލު ކުރާ ނަމަ މަޖިލީހުގެ ހައިބަތާއި ގަދަރު ގެއްލިގެންދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
މިއީ ގާސިމް މަޖިލިސް ރައީސް ކަމަށް އިންތިހާބު ވުމަށް ފަހު މިފަދަ ގޮތަކަށް އެމަނިކުފާނަށް ފާޑު ކިޔުން އަމާޒުވެގެންދިޔަ ފުރަތަމަ ފަހަރެވެ.
ކަލޭމެން އެ މީހަކާ ކޯލިޝަން ހެދިއިރުވެސް އެއީ ހަމަ '' އެކަހަލަ '' ތަންތަނުގެ ފްރެންޑެއް
ކެޔޮގަނޑު ކަނޑާލީމަ ގަހުގެ ބޭނުން ދިޔައީ.