މިދިޔަ ހޮނިހިރު ދުވަހު ދިވެހިރާއްޖޭގައި ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވަރަށްބޮޑު އަޣުލަބިއްޔަތަކުން ސަރުކާރު ހިންގާ މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމް.ޑީ.ޕީ)ގެ ކެންޑިޑޭޓުން ކުރި ހޯއްދެވުމާއި ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު ހެނދުނު ފޯނުން ގުޅުއްވައި ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ގުޅުއްވައި އިންޑިއާގެ ބޮޑުވަޒީރު ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ ނަތީޖާއިން ފެނިގެން އެ ދިޔައީ ދިވެހި ރައްޔިތުން މިހާރު މިއޮތް ސަރުކާރު ބަލައިގެންފައިވާ މިންވަރުކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަށް އިސްކަން ދެއްވައިގެން މަސައްކަތް ކުރެއްވުމަށް ބޮޑުވަޒީރު އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުން ނަރެންދުރަ މޯދީގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ދިވެހިރާއްޖެއަކީ އިންޑިއާއާ ވަރަށް ގާތް ޤައުމެއްކަން ފާހަގަކުރައްވައި އެޤައުމުން އަބަދުވެސް ދިވެހި ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އިންޑިޔާގެ ބޮޑުވަޒީރު ފޯނުން ގުޅުއްވައިލައްވައި، ހެޔޮއެދިވަޑައިގަތުމުގެ ޝުޢޫރުތައް ފާޅުކުރެއްވީތީ، ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމުގައި ވިދާޅުވެ، ބޮޑުވަޒީރަށް ޝުކުރު އަދާކުރެއްވިއެވެ.

އަދި އިންޑިއާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުމަށް އެމަނިކުފާނުގެ ޒަޢާމަތުގައި ވަރަށްބޮޑު އަހަންމިއްޔަތު ކަމެއް ދެއްވާނެކަމަށާއި އިންޑިއާއަކީ އަބަދުވެސް ރާއްޖޭގެ ރަނގަޅު ރަހުމަތްތެރިއެއް ކަމުގައި ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މެދުކެނޑުމެއްނެތި އިންޑިއާއިން ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވައި އެކަމަށްޓަކައި ޝުކުރުއަދާކުރެއްވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑިއާގެ ކުރިއަށް އޮތް އިންތިޚާބުގައި ނަރެންދްރަ މޯދީއަށާއި އެމަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ ޕާޓީ، ބާރަތިޔަ ޖަނަތާ ޕާޓީއަށް ކާމިޔާބަށް އެދިވަޑައިގެންފައެވެ.