ރޭލު ދަތުރުގެ ކާރުބާރު ބޮޑު ބަންގުލަދޭޝްގައި ގަވާއިދާ ހިލާފަށް އެތަށް ބަޔަކު އަރުވައިގެން ދިޔަ ރޭލެއް ރޭލު ދަގަނޑުމަތިން ފުރޮޅާލައި މިހާތަނަށް މަރުވި މީހުންގެ އަދަދު 5 އަށް އަރައިފިއެވެ.
ރިޕޯޓްތަށް ބުނާ ގޮތުގައި ބަންގުލަދޭޝްގެ މޮލުވިބާޒާރުގައި ހިންގި މި އެކްސިޓެންޓްގައި 100 އަށް ވުރެން ގިނަ މީހުން ވަނީ ޒަހަމުވެފައެވެ.
ޒަހަމްވި މީހުންގެ ތެރޭގައި ޑޮކްޓަރުން އުންމީދު ކަޑާލަައިފައިވާ މީހުންވެސް ތިބުމުން މަރުވި މީހުންގެ ނިސްބަތް އަދި ވެސް އިތުރުވެގެން ދާނެ ކަމަށް ބެލެވޭކަމަށް ބަންގްލަދޭޝްގެ ނޫސްތަކުން ބުނެއެވެ.
ގަޑިއަކު 155 ކިލޯމީޓަރުގެ ބާރުމިނުގައި ދަތުރުކުރަމުން ދިޔަ އެ ރޭލު އެކްސިޑެންޓްވިއިރު ބަންގުލަދޭޝްގެ ރޭލްވޭސް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ އެކްސިޑެންޓް ދިމާވާން މެދުވެރިވި ސަބަބަކީ ރޭލު ފްރެކްޗަރ ވުމުން ކަމަށެވެ.
ރޭލު ފުރޮޅާލުމާ އެކު ހާދިސާ ހިނގި ސަރަހައްދަށް ގިނަ އަދަދެއްގެ އެންބިއުލާންސް އާއި އަލިފާން ނިންވާ އުޅަދުތަށް ޖަމާވިއެވެ. ފުލުހުން މިހާރު ވަނީ މިހާދިސާ އިތުރަށް ތަގުގީގު ކުރަން ފަށާފައެވެ.
ބަންގުލަދޭޝް ފާހަގަވެފައިވަނީ އާދަޔާ ހިލާފަށް ގިނައިން ފަސިންޖަރުން ރޭލަށް އަރުވައިގެން ދަތުރު ކުރާ ގައުމެއްގެ ގޮތުގައެވެ. މިހެން މިކަން ދާއިރު ދޭތެރެ ދޭތެރެއިން އެގައުމުގައި ދަނީ ރޭލުގެ ނުރައްކާތެރި އެކްސިޓެންޓުތަށް ހިނގަމުންނެވެ.
ރޭލްވޭ ނެޓްވޯކް އިތުރަށް ރަނގަޅުކޮށް، ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށްޓަކައި އެތަށް ބިލިއަން ޑޮލަރު ޚަރަދު ކުރުމަށް ބަންގުލަދޭޝްގެ ސަރުކާރުން ވަނީ ވައުދުވެފައެވެ.
2012 ވަނަ އަހަރު ބަނގުލަދޭޝްގެ ސަރުކާރުން ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުން އަހަރަކު 1000 މީހުން ރޭލު އެކްސިޑެންޓްތަކުގައި މަރުވެއެވެ.
ރޭލަށްވެސް ކެތްވާނީ ވަކިވަރަކަށް!