ރާއްޖޭގެ ރިސޯޓްތަކުން މަދުވެގެން 10 އިންސައްތަ ސާވިސް ޗާޖް ނަގަން ޖެހޭ ގޮތަށް ރާއްޖޭގެ ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ލަފާ ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ރިސޯޓުތަކުގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުންނަށް ސާވިސް ޗާޖް ދެމުންދޭތޯ ބެލުމާއި ސާވިސް ޗާޖު ދެމުންދާ އުސޫލު ބެލުމަށް މަޖިލީހަށް ހުށަހެޅުއްވީ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އެވެ.
ކޮމިޓީން މައްސަލަ ދިރާސާކުރުމަށްފަހު ނެރެނު ރިޕޯޓުގައި ވަނީ ރާއްޖޭގެ ހުރިހާ ރިސޯޓްތަކުން ސާވިސް ޗާޖު ދިނުމުގައި އެއް އުސޫލަކުން އަމަލު ކުރުމަށް ގާނޫނަށް އިސްލާހެއް ގެންނަން ފެންނަ ކަމަށެވެ.
ކޮމިޓީގެ ރިޕޯޓު މަޖިލީހުގެ ތަޅުމުން މިއަދު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 75 މެމްބަރުންގެ އިއްތިފާގުންނެވެ.
މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވީ ސާވިސް ޗާޖު ދިނުމަށް ހުރި ދަތިތައް ރިސޯޓުތަކުގެ ބޭފުޅުންނާއި މަޝްވަރާކޮށްގެން ހޯދުން ރަނގަޅު ކަމަށެވެ.
ގާސިމް ވަނީ 10 އިންސައްތަ ސާވިސް ޗާޖްގެ ގޮތުގައި ނަގަން ދެކޮޅު ނުހައްދާވާކަން ވިދާޅުވެފައެވެ. އަދި އިގްތިސާދަށް ލޮޅުމެއް އަންނަ ވަރުގެ ނިންމުންތައް ނިންމާއިރު ރަނގަޅަށް ދިރާސާ ކުރަން ވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.
ވަޒީފާއާ ބެހޭ ގާނޫނަށް ބަލާއިރު އެގާނޫނުގެ 51 ވަނަ މާއްދާގެ (ހ) ގައި މިހާރު ވާގޮތުން ސާވިސް ޗާޖުގެ ގޮތުގައި ވަޒީފާދޭ ފަރާތަށް ލިބޭ ފައިސާގެ ޖުމްލަ އަދަދުގެ ތެރެއިން އެއް ޕަސެންޓަށްވާ ފައިސާ އިދާރީ ފީއެއްގެ ގޮތުގައި ކެނޑުމަށް ފަހު ބާކީވާ ފައިސާ ހިނގަމުންދާ މަސް ނިމުމުގެ ކުރިން އެފަރާތެއްގެ މުވައްޒަފުންނަށް ބަހައި ނިންމަންޖެހޭނެ އެވެ. ނަމަވެސް މިހާރު ގާނޫނުގައި ސާވިސް ޗާޖު ނެގުން ލާޒިމްކޮށްފައެއް ނުވެއެވެ.
މިހާރުވެސް ދިހަ އިންސަތަ ނަގައޭ އެނުނަގާތީއެއް ނޫނޭ އަހަރުން ރިސޯޓް މުވައްޒަފުން މިއުޅެނީކީ. އެ ނަގާފަ އެ ނުދޭތީ
ސަރވިސް ޗާޖުގެ ގޮތުގައި ދެވޭ ހިދުމަތަކުން %10 ނެގިޔަސް، އެ ނެގި ފައިސާއެއްގެ %99 މުވައްޒަފުންގެ މެދުގައި ހަމަހަމައަށް ނުބަހާނަމަ މުވައްޒަފުންނަށް އޮތީ ކޮން ފައިދާއެއް. މުވައްޒަފުންގެ މިހާރުގެ ޝަކުވާއަކީ ސަރވިސް ޗާޖު ނުނަގާ ކަމުގެ ޝަކުވާއެއް ނޫން. މުވައްޒަފުންގެ ޝަކުވާއަކީ ސަރވިސް ޗާޖުގެ ގޮތުގައި ލިބޭ ފައިސާގެ %99 ނުބަހާކަމުގެ ޝަކުވާ. އެ ޝަކުވާއަށް ހައްލެއް އަންނާނީ ޤާނޫނުގައި ބުނާ ގޮތަށް ސަރވިސް ޗާޖު ބަހައިތޯ ސަރުކާރުގެ އިދާރާއަކުން ބަލައިގެން.