ކޮވިޑް-19 އާއި ގުޅިގެން ފުރަތަމަ ސަފުގައި މަސައްކަތް ކުރި މީހުންނަށް ދޭ ފްރޮންޓްލައިން އެލަވަންސާ ގުޅޭ އިތުރު މައްސަލައެއް މަޖިލީހަށް ހުށަހަޅަން އިދިކޮޅު ފަރާތްތަކުން އަނެއްކާވެސް ނިންމައިފިއެވެ.
ކޮވިޑް-19 އާ ގުޅިގެން ކުރީ ސަފުގައި މަސައްކަތް ކުރާ ފަރާތްތަކަށް ދޭން ޖެހޭ އެލަވަންސްތައް ނުދީ ލަސްވާ މައްސަލައިގައި ފިނޭންސް މިނިސްޓަރު އިބްރާޙިމް އަމީރު ރައްޔިތުންގެ މަޖިލިހަށް ހާޒިރު ކުރައްވާނެ ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވަނީ މީގެ ކުރިންވެސް ވިދާޅުވެފައެވެ. އަދި އެލަވަންސް ނުލިބޭ މައްސަލަ މަޖިލިހަށް ޝިޔާމް ކުއްލި މައްސަލައެއް ހުށަހެޅުއްވި ނަމަވެސް އެ މައްސަލަ ބަލައިގެންފައެއް ނުވެއެވެ.
އޭރު ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ވަނީ މި މަހު މުސާރަ ދޭއިރު އެ ފައިސާ ދޭނެ ކަމަށް ވިދާޅުވެފައެވެ.
އޭގެ ފަހުން ވެސް އެ ފައިސާ ލިބިފައި ނުވާ ގިނަ ބަޔަކު ތިބުން އެކަމާއި ގުޅޭ އިތުރު މައްސަލައެއް މަޖިލީހަށް ހުށަހަޅުއްވަން ނިންމިކަން ޝިޔާމް ވަނީ "ވަގުތަށް" ދެއްވި އިންޓަވިއުއެއްގައި ވިދާޅުވިއެވެ.
" އެ ލިބުނު ބަޔަކު ނެތް. ގިނަ މީހުން ހަމަ ޝަކުވާ ކުރަނީ ނުލިބިގެން. މިއަދު ނޫނީ މާދަމާ ހުށަހަޅާނަން އޭގެ މައުލޫމާތު ސާފުކުރަން. އަޅުގަނޑުމެން ވަރަށް ކަންބޮޑުވާ ކަމެއް އެއީ. މި ސަރުކާރުން މި ހޯދާ ފައިސާ އަށް ކުރާ ކަމެއް އެބަ ބަލަން ޖެހޭ ނޫންތޯ؟" ޝިޔާމް ވިދާޅުވިއެެވެ
ސަރުކާރުން އިއުލާންކޮށްފައިވާ ގޮތުން ނަމަ މި އެލަވަންސް ދިނުމަށް ހަމަޖެހިފައި ވަނީ ތިން ގިންތިއަކަށް ބަހާލައިގެންނެވެ.
އެގޮތުން ކޮވިޑް-19 އާ ގުޅިގެން ކުރީ ސަފުގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން ހައި ރިސްކު ފަރާތްތަކަށް ދުވާލަކު 500ރ. އެލަވަންސެއް ދިނުމަށް ހަމަޖެހިފައިވެއެވެ. އަދި ދެވަނަ ގިންތީގެ ފަރާތްތަކަށް 250ރ. ލޯ ރިސްކުގައި މަސައްކަތް ކުރާ ފަރާތްތަކަށް ދުވާލަކަށް 200ރ. އެލަވަންސެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ސަރުކާރުން ވިދާޅުވެފައި ވަނީ ޖުލައި މަހުގެ މުސާރަ ލިބޭ ފަހުން، އެ މީހުންނަށް އިނާޔަތް ލިބޭނެ ކަމަށެވެ.
ބޮޑެތި އަދަދުން އެތިބީނުން ލާރިގަނޑު ކައިގެން ނިކަމެތި ތައްޔަތުން ހާލުގަ ޖައްސާފަ
ފިނޭންސް މިނިސްޓަރ ބޭރުކުރޭ