ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ އަތުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ދަރަންޏަށް 29 މިލިއަން ރުފިޔާ ނެގި ކަމަށް ވިދާޅުވެ ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް މިއަދު ނިންމާލައިފިއެވެ.
އޮންލައިންކޮށް ސިވިލް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމުގައި ޖާބިރު ބައިވެރިވެވަޑައިގެންނެވީ ވަކީލަކު ނެތި އަމިއްލަފުޅަށް ވަކާލާތު ކުރައްވާ ގޮތަށެވެ.
ރައީސް މައުމޫންގެ ބަދަލުގައި އަޑުއެހުމުގައި ބައިވެރިވެވަޑައިގަތީ އެމަނިކުފާނުގެ ގާނޫނީ ވަކީލް މުހައްމަދު ފައިސަލްއެވެ. މަދަނީ މައްސަލަތަކުގައި ދައުވާ ކުރެވޭ ފަރާތުގެ ބަދަލުގައި ގާނޫނީ ވަކީލަކު ބައިވެރިވެވަޑައިގަނެވޭ ގޮތަށް މައްސަލަތައް ކުރިއަށް ގެންދެވެއެވެ.
މިއަދުގެ އަޑުއެހުމުގައި ޖާބިރުގެ ފަރާތުން އެދިވަޑައިގެންނެވީ ރައީސް މައުމޫން ޝަރީއަތަށް ހާޒިރު ކުރެއްވުމަށެވެ. ހާޒިރުކޮށް ހަތިމްގައި އަތްލައިގެން ހުވާ ކުރައްވައިގެން ހުންނެވުމަށް ފަހު ހަގީގަތް ވިދާޅުވުމަށެވެ. ކުށަށް އިންކާރު ކުރައްވާނަމަ އިންކާރު ކުރައްވަން ވާނީ ވެސް ޝަރީއަތުގައި ހުވާ ކުރައްވައިގެން ހުންނަވައި ރައީސް މައުމޫން އަމިއްލަފުޅަށް ކަމަށް ޖާބިރު ވިދާޅުވިއެވެ.
ރައީސް މައުމޫންގެ ފަރާތުން ގާނޫނީ ވަކީލްގެ ފައިސަލް ވިދާޅުވި ގޮތުގައި އެމަނިކުފާނު އެ ދައުވާއަށް އިންކާރު ކުރައްވާ ކަމަށާއި އެ ދައުވާ ކޮށްފައިވަނީ އަސާސެއް ނެތް ކަމެއްގެ މައްޗަށް ކަމަށެވެ. އެހެންކަމުން އެދިވަޑައިގަންނަވަނީ ދައުވާ ސާބިތު ނުވާ ކަމަށް ކަނޑައަޅައިދިނުމަށެވެ.
މިއަދުގެ އަޑުއެހުމުގައި ދެ ފަރާތުން ފާހަގަކުރެއްވި ނުކުތާތަކަށް ފަހު މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ މި މައްސަލާގައި އިތުރު ކަމެއް ފާހަގަކުރަން ނެތް ނަމަ ދެން އޮންނާނީ މައްސަލައިގެ ފައިސަލާ ކަނޑައަޅާ ހުކުމް އިއްވުން ކަމަށެވެ.
އެހެން ނަމަވެސް މިއީ މަދަނީ މައްސަލައަކަށް ވާތީ ދައުވާ ރައްދުވާ ފަރާތުގެ ބަދަލުގައި ގާނޫނީ ވަކީލަކު ޝަރީއަތުގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންވާނަމަ އެ ހައްގު އެ ފަރާތަށް އޮންނާނެ ކަން މައްސަލަ ބައްލަވާ ގާޒީ ފާހަގަކުރެއްވިއެވެ.
ރައީސް މައުމޫން ހާާޒިރު ކުރަން ބޭނުންވާނަމަ ޖެހޭނީ ހެއްކެއްގެ ގޮތުގައި ހުށަހަޅަން ކަމަށް ގާޒީ ވިދާޅުވިއެވެ. އެހެން ބޭޭފުޅަކު ވެސް ޝަރީއަތަށް ހާޒިރު ކުރަން ބޭނުންވާނަމަ ހެއްކެއްގެ ގޮތުގައި ހުށަހަޅަން ޖެހޭނެ ކަމަށް ގާޒީ ވިދާޅުވިއެވެ. އެކަމަކު މައްސަލަ ހުށަހެޅުއްވި ފަރާތުން ހެކީގެ ގޮތުގައި އެއްވެސް ބޭފުޅަކު ހުށަހަޅުއްވާފައިނުވާ ކަން ގާޒީ ފާހަގަކުރެއްވިއެވެ.
ގާޒީ މި ގޮތަށް ފާހަގަކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ރައީސް މައުމޫން ދަރަނީގެ ފައިސާ ބެއްސެވި ކަމަށް ވިދާޅުވެ އެ ބޭފުޅުން ވެސް ހާޒިރު ކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވުމުންނެވެ.
ޖާބިރު ކުރައްވާ ތުހުމަތުތަކަށް ރައްދު ދެއްވަމުން ރައީސް މައުމޫންގެ ވަކީލް ފައިސަލް ވިދާޅުވީ ދައުވާގައި ބުނެފައިވާ ވާހަކަތަކާއި ޝަރީއަތުގައި ޖާބިރު ދައްކަވާ ވާހަތަކާ ދިމާ ނުވާ ކަމަށެވެ.
މި ގޮތުގައި ދައުވާގައި ތުހުމަތުކޮށްފައިވަނީ ރައީސް މައުމޫންގެ ދަރިކަލުން ފާާރިސް މައުމޫން މެދުވެރިކޮށް ރައީސް މައުމޫނަށް ފައިސާ ހަވާާލުކުރެއްވި ކަމަށް ކަން ފައިސަލް ފާހަގަކުރެއްވިއެވެ. އެކަމަކު ޝަރީއަތުގައި ޖާބިރު ވިދާޅުވަނީ އެއްބަސްވުން އެކުލަވާާލި މަޖިލީހުގައި ރައީސް މައުމޫނާއި ޖާބިރުގެ އަނބިކަނބަލުން ދިޔާނާ ސައީދު ބައިވެރިވެވަޑައިގެންނެވި ކަމަށް ކަން ފައިސަލް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ރައީސް މައުމޫނާއި ޖާބިރާ ދެމެދު އެފަދަ މުއާމަލާތެއް ހިނގާފައިވާނަމަ އެ ކަން ފާހަގަކުރެވޭނެ ކޮންމެ ވެސް އަސާސެއް ދެކެވެން ޖެހޭނެ ކަމަށް ފައިސަލް ވިދާޅުވިއެވެ. ރައީސް މައުމޫންގެ ގެކޮޅު، މއ. ކިނބިގަސްދޮށުގެ މޯގޭޖް ކުރެއްވުމަށް ފަހު ދަރަނި ނެންގެވި ކަމަށް ވިދާާޅުވާއިރު އެ ގެކޮޅުގެ ރަޖިސްޓްރީ ވެސް ޖާބިރުގެ އަތުގައި ނެތް ކަން ފައިސަލް ފާހަގަކުރެއްވިއެވެ.
ޖާ ދެން ކޮންކަމެއްތީ. ޙުވަފެނެއް ފެނިގެން ތަ ތިއުޅެނީ
ތީ ބޮޑު ޙުކުމް ނެރެން ވެގެން ޖާބިރު އަތުން ނެގި ލާރިގަނޑު،