ކޮވިޑް-19ގެ ސަބަބުން އިއުލާނު ކޮށްފައިވާ ފުރަބަންދު (ލޮކްޑައުން)ގެ ސަބަބުން ގއ. ދެއްވަދޫގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލެ ހޯދައިދީ، އެހީތެރިކަން ފޯރު ކޮށްދިނުމަށް ގދ. ތިނަދޫ ކައުންސިލުން އިސްނަގައިފިއެވެ.
އެރަށު ކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ރަށުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރު ކޮށްދިނުމަށް ހާއްސަ ހަރަކާތެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ދެއްވަދޫ ރައްޔިތުންނަށް އެހީތެރިވުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ވެސް މިވަގުތ ހުޅުވާލެވިފައިވާ ކަމަށެވެ.
އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކުން ކޮވިޑް-19ގެ ހޮޓްލައިން އަދި ކައުންސިލް ބިއުރޯގެ ނަންބަރަށް ގުޅުއްވުމަށް ދެއްވަދޫ ކައުންސިލުން ވަނީ އިލްތިމާސް ކޮށްފައެވެ.
ކޮވިޑް-19 ހަލުވި ކަމާއެކު ފެތުރެމުން އަންނަ ދެއްވަދޫގެ ރައްޔިތުން ބޯފެނަަށް ޖެހިދާނެ ކަމުގެ ބިރުވެރިކަން އެބަ އޮތް ކަމަށްވެސް ރަށު ކައުންސިލްގެ ރައީސް އިބްރާހިމް ތައުފީގު ވަނީ ވިދާޅުވެފައެވެ.
ރަށުގެ ހާލަަތު ބަޔާން ކޮށްދެމުން ކައުންސިލްގެ ރައީސް ތައުފީގު "ވަގުތު" އަށް ވިދާޅުވީ އެރަށުން ބޯފެނާއި ކަނޑުމަސް ހުސްވެދާނެ ކަމުގެ ބިރު ހީވެފައިވާ ކަމަށެވެ. އަދި ހަފްތާއެއް ތެރޭގައި މުޅު ރަށުން ބޯފެނާއި ކަނޑުމަސް ހުސްވާނެ ކަމަށް ތައުފީގު ވަނީ ވިދާޅުވެފައެވެ.
ތައުފީގު ވިދާޅުވި ގޮތުގައި ކައުންސިލުން މިހާރު ވަނީ މިފްކޯ އާއި އެމްޑަބްލިއުއެސްސީގެ އެހީތެރިކަމަށް އެދިފައެވެ.
"ކައުންސިލުން ވަނީ މިފްކޯ އާއި އެމްޑަބްލިއުއެސްސީގެ އެހީތެރިކަމަށް އެދިފައި. އެ ޕްރޮސެސް ހިނގަމުން ދަނީ" ތައުފީގު ވިދާޅުވިއެވެ.
ދެއްވަދޫއިން މިއަދު އިތުރު 8 މީހަކު ކޮވިޑް-19 އަށް ފައްސިވެ ޖުމްލަ އެގައުމުން ފައްސިވެފައިވާ އަދަދު ވަނީ 24 އަށް އަރާފައެވެ. އެރަށުން ބަޔަކު މީހުން ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެން މިހާރު އެރަށަށް އަރާ ފޭބުން ވަނީ މަނާ ކޮށްފައެވެ.
ދެއްވަދޫ ރައްޔިތުންނަށް ކެތްތެރިކަންދެއްވާ އަވަސް ޝިފާއެއް މިންވަރުކޮށްދެއްވާށި. އާމީން
އެއީ ގައުމެއް ތޯ؟