ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ކުރިމަތިވެ އޭގެ ސަބަބުން އިގްތިސާދީ އަދި މާލީ ތަދުމަޑުކަމުގެ ހާލަތެއް ވެސް ކުރިމަތިވެފައިވާ އިރު އިގްތިސާދު އަލުން އާރާސްތު ވާން އިތުރު ވަގުތު ބޭނުންވާ ކަމަށާއި ރޯދަ މަހުގެ ފަހުން ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ (ގަފޯ) މިއަދު ވިދާޅުވެއްޖެއެވެ.
އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާނުލިޔަސް އިންތިހާބު ބޭއްވޭ ގޮތަށް ލާމަރުކަޒީ ނިޒާމުގެ ވަގުތީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ދިރާސާކޮށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން އެކުލަވާލި ރިޕޯޓަށް ބަހުސް ކުރައްވަމުން ޣަފޫރު ވިދާޅުވީ އިގްތިސާދު މަޑުމަޑުން ހަމައަކަށް އެޅުނު ނަމަވެސް އިގްތިސާދު އަރާސްތުވާން އަދިވެސް ވަގުތު ބޭނުންވާ ކަމަށެވެ.
ޣަފޫރު ވިދާޅުވީ އިންތިހާބު ބޭއްވުމަށްފަހު، ރަށްރަށުގައި ކޮވިޑް-19 ގެ ބަލި ފެތުރުން އިތުރުވެއްޖެ ނަމަ އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ އިން ވާހަކަ ފަތުރާނީ ބަލި އިތުރަށް ފެތުރިގެން ދިޔައީ އިންތިހާބު ބޭއްވުމުން ކަމުން ކަމަށެވެ. އިދިކޮޅު ފަރާތްތަކުން އަބަދުވެސް ރައްޔިތުންގެ ހިތްތަކުގައި ސަރުކާރާ މެދު ނަފްރަތު އުފައްދަން އެކި ވާހަކަތައް ފަތުރާ ކަމަށް އޭނާ ވިދާޅުވިއެވެ.
ކައުންސިލް އިންތިހާބު ވެސް ބާއްވަން ޖެހޭ ކަމަށާއި އެކަމަކު ގައުމަށް ވެކްސިން ލިބި، ބަލި ފެތުރުން ކޮންޓްރޯލް ކުރެވި އަދި އިގްތިސާދު ހަމަ މަގަކަށް އެޅެން ދެން މަޑުކުރަން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ޣަފޫރު ވިދާޅުވިއެވެ. މި ގޮތުން އެ ކަމަށް ހަ މަސް ދުވަހުގެ މުއްދަތެއް ބޭނުންވާނެ ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންވެ ރޯދަ މަހުގެ ފަހުން އިންތިހާބު ބާއްވަން ތާއީދު ކުރައްވައި އޭނާ ވާހަކަ ދެއްކެވިއެވެ.
"ވިސްނުންތެރި ކަމާއެކު ކަންކަން ނިންމަން ޖެހޭ. ތަރައްގީވެފައިވާ ބޮޑެތި ގައުމުތަކުން މި ކަމުން އަރައިނުގަނެ އުޅޭ މަންޒަރު އަޅުގަނޑުމެންނަށް މި ފެންނަނީ. ކައުންސިލް އިންތިހާބު ލަސްކުރުމުން ރައްޔިތުންނަށް ވާނެ ގެއްލުމެއް ނުފެނޭ. އެކަމަކު ބަލިމަޑުކަމުގެ ހާލަތު ގޯސްވެގެން ދިއުމުން މުޅި ގައުމަށް ގެއްލުން ވާނެ." ޣަފޫރު ވިދާޅުވިއެވެ.
އެންމެ ފުރަތަމަ މިދިޔަ އަހަރުގެ އޭޕްރީލް މަހު ބާއްވަން އުޅުނު އިންތިހާބު އަހަރަކަށްވުރެ ގިނަ ދުވަހަށް ލަސްވެގެން ދިޔައިރު މި އަހަރުގެ މާޗު މަހު އިންތިހާބު ބާއްވަން ވެސް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މަސައްކަތް ކުރިއެވެ.
އެކަމަކު ފެބްރުއަރީ މަހާ ހަމައަށް ސިއްހީ ކުއްލި ހާލަތު ދިގު ދަންމާލުމުން އެ މަހު އިންތިހާބު ނުބޭއްވޭނެ ކަމަށް އެ ކޮމިޝަނުން ނިންމިއެވެ. އެއީ އޭރުން ކެމްޕޭނަށް ދެ މަސް ދުވަހުގެ ފުރުސަތެއް ވެސް ނުދެވޭތީއެވެ.
އީސީއިން މިހާރު މަސައްކަތް ކުރަނީ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު އިންތިހާބު ބޭއްވުމަށެވެ. އެ ދުވަހަށް ވެސް އިންތިހާބު ބޭއްވެން އަންނަނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާނުލިޔަސް އިންތިހާބު ބޭއްވޭ ގޮތަށް ވަގުތީ ގާނޫނަށް މަޖިލީހުން އިސްލާހު ގެނެސްގެން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައިވެއެވެ.
ކީއްކުރަން ހޮވާކައުނސެލަރުންނެއް. ބޮޑު ޚަރަދު ދާކަމެއް. ޥެރިނގެ ގޮތުގައި ނުކިޔަވާ ތިބިމީހުން ގިނަވާކަމެއް. ރަނގަޅު ފެންވަރުގެ މީހުން ކަތީބުންގެ ގިތުގައި ނެގީމަ ނިމުނީ . ކޮންވޯޓެއް ލާކަށް . ދޮގާ މަކަރާ ހީލަތްހެދުމާ ރިސްވަތު ދިނުމާ ރިސްވަތހިމާ ފިޔަވައި ކޮންކަމެއްވަނީ.
ޣަފޫރު ނަންއިއްވާފަ އިސްތިއުފާ ދޭންތަ ބޭނުންވަނީ.
އިގްތިސާދީ ހާލަތު ދަށް، ރޯދަ މަހުގެ ފަހުން ތިޔަ މެންބަރުގެ މުސާރަ ނަގަން މަޑު ކުރެވިދާނެތޯ؟
ކޮވިޑާއި އިގުތިސާދު ގުޅިފައިއޮތީ ރަޢިއްޔަތުނިކަމެތިމީހާއާދޯ މިދެކަމުން އެއްވެސްކަމެއް ފޯރުންތެރި މުއްސަދި މީހާއާއި އެއްވެސް ގުޅުމެއްއޮތްކަމަކަށް ނުފެނެ