އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތު ކުރާ މީހުންގެ ލިސްޓުގައި ނަން އޮތް ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ މެންބަރުންގެ ތެރެއިން، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެ މައްސަލަ އަވަސް ކުރަން ހުށަހަޅަން ވޯޓު ދެއްވައިފިއެވެ.
އެސެޓް ރިކަވަރީގެ ރިޔާސީ ކޮމިޝަނުން އެކުލަވާލާފައިވާ 281 މީހުންގެ ނަން އޮތް އެ ލިސްޓުގައި ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ 16 މެންބަރެއް ހިމެނިވަޑައިގަންނަވައެވެ. އެއީ އެމްޑީޕީގެ ހަތަރު މެންބަރަކާއި، ޕީޕީއެމާއި ޕީއެންސީގެ ހަތް މެންބަރަކާއި، ޖޭޕީގެ ދެ މެންބަރަކާއި، އެހެން ޕާޓީތަކާއި އަމިއްލަ މެންބަރުންގެ ތެރެއިން ތިން މެންބަރެކެވެ.
މި ލިސްޓު ދިރާސާކޮށް ޖުޑިޝަރީ ކޮމިޓީ އާއި ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އިން އެކުލަވާލި ރިޕޯޓު ފާސްކުރަން އިއްޔެގެ ޖަލްސާގައި ވޯޓަށް އެހިއިރު، ލިސްޓުގައި ނަން އޮތް މެންބަރުންގެ ތެރެއިން އެ ރިޕޯޓަށް ވޯޓް ދެއްވީ އާޒިމް އެކަންޏެވެ. އެ ރިޕޯޓް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 45 މެންބަރުން އިއްތިފާގުންނެވެ.
ރިޕޯޓް ފާސްކުރަން އެހި ވޯޓުގައި ލިސްޓުގައި ނަން ހިމެނޭ އެއްވެސް އެހެން މެންބަރަކު ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ. އަދި މަޖިލީހުގައި ރިޕޯޓަށް ބަހުސް ކުރިއިރު ކުރާ ތުހުމަތުގެ ދިފާއުގައި މަޖިލީހުގެ ތަޅުމުގައި ވާހަކަ ދެއްކެވީ ވެސް އެންމެ މެންބަރެކެވެ. އެއީ ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް އެކަންޏެވެ. އެ ބަހުސްގައި އާޒިމް ވެސް ބައިވެރިވެވަޑައެއް ނުގަންނަވައެވެ.
ރިޕޯޓް ފާސްކުރުމުގައި އާޒިމް ބައިވެރިވެވަޑައިގެންނެވިއިރު، ލިސްޓު ދިރާސާ ކުރި ކޮމިޓީގައި ވެސް ލިސްޓުގައި ނަން އޮތް މެންބަރުން ތިއްބެވިއެވެ. އެކަމަކު އެ ކޮމިޓީގައި ތިއްބެވި މެންބަރުންގެ ތެރެއިން އެ ކޮމިޓީން ދުރަށް ޖެހިވަޑައިގަތީ ވެސް އާޒިމް އެކަންޏެވެ. އާޒިމް ވިދާޅުވި ގޮތުގައި، އޭނާގެ މައްޗަށް ތުހުމަތެއް ކުރެވޭތީ އެ ލިސްޓު ދިރާސާ ކޮމިޓީގައި އިންނަވަން ބޭނުން ނުވީއެވެ.
އެކަމަކު ޚިޔާނާތުގެ ފައިސާ ލިބިވަޑައިގަތް ކަމަށް އާޒިމް އިންކާރު ކުރައްވައެވެ. އަދި ރިޔާސީ ކޮމިޝަނަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. ކޮމިޝަނުން މަސައްކަތް ކުރަނީ ވަކި ބަޔަކަށް އަމާޒުކޮށް، ޚިޔާނާތުގައި ނުހިމެނޭ ބައެއްގެ ނަން އޭގައި ހިމަނައިގެން ބަޔަކު ބަދުނާމު ކުރަން ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ. އެ ކަމަކު ކޮމިޝަނުން މި ކަން ދޮގު ކުރެއެވެ.
ލިސްޓުގައި ނަން ހިމެނޭ ފަރާތްތަކުގެ ތެރޭގައި، ދައުލަތުގެ ވަޒީފާގައި ތިބި 119 މީހެއްގެ ނަން ހިމެނެއެވެ. އޭގެ ތެރޭގައި އައްޔަން ކޮށްފައިވާ މަގާމުތަކާއި އިންތިޚާބީ މަގާމުތައް ހިމެނެއެވެ. ތަހުގީގު ނުނިމުނަސް، އައްޔަން ކޮށްފައިވާ މަގާމުތަކުގައި ތިބި މީހުން މަގާމުން ދުރުކުރަން މަޖިލީހުން ހުށަހަޅައެވެ. އަދި އިންތިޚާބީ މަގާމުތަކުގައި ތިބި މީހުންގެ މައްސަލަތައް އަވަސް ކޮށްދިނުމަށް ހުށަހަޅައެވެ.
ހިޔާނާތުގެ ފައިސާ ލިބިފައިވާ ކަމަށް ބުނާ މެންބަރުން
އެމްޑީޕީގެ މެންބަރުން
- އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ)
- މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް
- ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސަ
- މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަޞީރު
ޖުމްހޫރީ ޕާޓީގެ މެންބަރުން
- ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް
- ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން
ޕީޕީއެމްގެ މެންބަރުން
- ތ. ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން
- މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު
- އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް
- ކ. ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ
- މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް
- ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް
- ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް
އަމިއްލަ / އެހެން ޕާޓީ
- ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން (އަމިއްލަ)
- ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހްސިން ހަމީދު (އެމްއާރުއެމް)
- ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރު (އެމްޑީއޭ)
އެމްއެމްޕީއާރުސީ ޚިޔާނާތުގެ މޭސްތެރިޔަކަށް ހުންނެވި ކަމަށް އެއްބަސްވެވަޑައިގެންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެފައިވާ ގޮތުގައި އެ ފައިސާ ސިޔާސީ ޕާޓީތަކަށާއި، ދައުލަތުގެ މުއައްސަސާތަކުގެ އިސްވެރިންނަށާއި، މަޖިލީހުގެ ބައެއް މެންބަރުންނާއި، ބައެއް ވަޒީރުންނަށާއި ޝަރުއީ ކޯޓުތަކުގެ ބައެއް ފަނޑިޔާރުންނަށް އޭނާ ދީފައިވާނެއެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިޒަމް ބޭނުމަށް ދޫކޮށްފައިވާ ފަޅުތަކާއި ފަޅު ރަށްތަކުން ދައުލަތަށް ލިބެން ޖެހޭ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާއަށް ޚިޔާނާތްތެރިވެފައިވާއިރު، އެ ފައިސާ އަނބުރާ ދައުލަތަށް ހޯދުމަކީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވައުދުފުޅެކެވެ.
އެ ކަމަށް ޓަކައި އެކުލަވާލި ރިޔާސީ ކޮމިޝަނާއި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހާއި، ފުލުހުން ހިމެނޭ ގޮތަށް ޖޮއިންޓް އިންވެސްޓިގޭޓިވް ކޮމިޓީއަކުން ދަނީ މައްސަލަ ބަލަމުންނެވެ. \
ޥަގު އާޒިން
މިޤައުމުގެ ބޮޑުންނަށްތިބީ ހުސްވަގުން.