ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރުނު ރަށްތަކުގެ ތެރެއިން އެންމެ ހާލަތު ގޯސްވި ރަށަކަށް ޅ.ނައިފަރު ވާނެއެވެ. ނަމަވެސް މިހާރު އާންމު ހާލަތަށް ރުޖޫއަވަމުން ދާ އެ ރަށުގެ މާލީ ހާލަތު ގޯސްވެ ރައްޔިތުން ބިކަވަމުންދާކަން ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.
ނައިފަރު ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު "ވަގުތު" އަށް ވިދާޅުވީ ރަށުގެ އާންމު ހާލަތު ދެނެގަނެވޭނީ މިހާރު ނަގާފައިވާ ވަކި ތަރުތީބެއް ނެތް ސުންކުތަކުގެ ނަތީޖާ ލިބިގެން ކަމަށެވެ. މިވަގުތު ކޮވިޑަށް ފައްސި 20 މީހުން ތިބި އިރު އެ ރަށުގައި އެކްޓިވް ވޭދަނަތަކުގެ އަދަދު މީގެ ކުރިން 400 އަށް ވުރެ މައްޗަށް ވެސް އަރާފައިވެއެވެ. އާންމު ހާލަތަކަށް ރަށުގެ ހާލަތު ގެނެވިގެން މިދަނީ ރަށުގެ ރައްޔިތުންގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބިގެންކަން މުހައްމަދު ފާހަގަކުރެއްވިއެވެ.
މުހައްމަދު ވިދާޅުވީ 40 މީހުންގެ ޖާގައިގެ ކަރަންޓީން ފެސިލިޓީއެއް ވެސް މިހާރު ނައިފަރުގައި ގާއިމް ކުރެވިފައިވާ ކަމަށެވެ. އަދި އެ ފެސިލިޓީގެ ސަބަބުން ނައިފަރުގެ ހާލަތު ދެ ވަނަ ފަހަަށް ގޯސްވުމަށް އޮތް ފުރުސަތު ހަނި ކުރެވިގެން ދާނެ ކަމަށް ވިދާޅުވިއެވެ.
"އަސްލު ނައިފަރުގެ ހާލަތު ގޯސްވީ ކަރަންޓީން ފެސިލިޓީއެއް ނެތުމުން. ފައްސިވާ މީހުންވެސް ގޭގަ މި ކަރަންޓީން ކުރަން ޖެހެނީ. އޭގެ ނަތީޖާއަކަށްވީ އެ ގެއެއްގައި ދިރުއުޅޭ އެންމެން ބައްޔަށް ހުށަހެޅުން. މި ފެސިލިޓީއާއެކު ދެ ވަނަ ފަހަރަށް ރަށުގެ ހާލަތު ގޯސްވުމަށް އޮތް މަގު ހަނިކުރެވިގެން ދާނެ." މުހައްމަދު ވިދާޅުވިއެވެ.
މާޗު މަހުގެ 23 ފެށިގެން މޮނިޓަރިންގައި ނައިފަރު އޮންނަތާ ދެ މަހަށް ވުރެ ގިނަ ދުވަސްވެފައިވާ ވާއިރު އަންނަ ހަފްތާގައި އެރަށް މޮނީޓަރިންގް އިން ނަގާނެ ކަމުގެ އުންމީދު އޮތްކަމަށް މުހައްމަދު ވިދާޅުވިއެވެ. އަދި ކޮވިޑްގެ ބަލިމަޑުކަމާއެކު މާލީ ގޮތުން އެ ރަށަށް ބޮޑު ގެއްލުމެއް ލިބިގެން ދިޔަކަން ފާހަގަކުރެއްވިއެވެ.
މުހައްމަދު ވިދާޅުވާ ގޮތުން އެރަށުގެ އިގްތިސާދު ބިނާވެފައިވަނީ މަސްވެރިކަމަށާއި ކޮންސްޓްރަކްޝަން މަސައްކަތަށެވެ. ކޮވިޑްގެ ބަލިމަޑުކަން ފެތުރިގެން ދިއުމާއެކު ގިނަ މަސްދޯނިތައް ކަރަންޓީންކޮށް، މަހަށް ފުރާނެ މީހުން ހަމަ ނުވުމުން މަހަށް ނުފުރި މަސްވެރި އާއިލާތަކުގެ މާލީ ހާލަތު ދަށްވެ، ބިކަވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންވެ ގިނަ އާއިލާތައް ކޮވިޑަށް ހުށަހެޅި ކަރަންޓީންގައި އެތައް ދުވަހެއް ހޭދަކުރަން ޖެހުން ކަމަށްވެއެވެ.
"ރަށުގެ މާލީ ހާލަތު މިވަނީ ވަރަށް ގޯސްވެފައި. ރައްޔިތުން މި އަންނަނީ ބިކަވަމުން. އަޅުގަނޑުމެން ވާނީި ދައުލަތުގެ އެކި މުއަސަސާތަކާ ވެސް ވާހަކަދައްކާފައި، ރައްޔިތުންނަށް ކޮންމެސް ވަރެއްގެ އެހީތެރިކަމެއް ފޯރުކޮށްދެވޭނެ މަގެއް ހޯދުމަށް. ރަށް ތަމްސީލު ކުރާ މެމްބަރާ ވެސް ވާހަކަދައްކާފައި ވާނެ. އުންމީދު ކުރަނީ ރަށަށް ދިމާވެފައިވާ މާލީ ދަތިކަމުން އަރައިގަންނަން ސަރުކާރުގެ އެހީތެރިކަން ލިބިގެން ދާނެ ކަމަށް" މުހައްމަދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުން ސަލާމަތީ އެކި ވަސީލަތްތައް ހޯދުމަށް ވެސް ހަރަދުކުރަމުން ދަނީ ކައުންސިލްގެ ބަޖެޓުންނެވެ. އަދި މި ދަނޑިވަޅުގައި ރައްޔިތުންނަށް ބޭނުންވާ މުހިންމު ކަންކަން ކުރުމަށް ހޭދަވާ ރިކަރަންޓް ހަރަދުތައްވެސް ކުރަމުން ދަނީ ކައުންސިލްގެ ބަޖެޓުން ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވަނީ މިކަންކަމަށް ސަރުކާރުން ވަކި ބަޖެޓެއް ހަމަޖައްސާ ދިނުމަށް އެދިވަޑައިގެންފައެވެ. އަދި ރައްޔިތުންގެ މާލީ ފުދުންތެރިކަން އިތުރު ކުރުމަށް ކައުންސިލް މެދުވެރިކޮށް އެހީތަކެއް ފޯރުކޮށްދެވޭނެ މަގު ހަމަޖައްސާދިނުމަށްވެސް އެދިފައިވެއެވެ.
މި ނުރައްކާތެރި ބަލިމަޑުކަމުގައި ނައިފަރުން ހަތަރު މީހަކު ނިޔާވެފައިވެއެވެ. ބަލި ޖެހުން މީހުންގެ ޖުމްލަ އަދަދު 897 ކަށް އަރާފައިވާ އިރު 97 އިންސައްތަ މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.
ޗަ ކޯ މެން ގަދަ
މިހާރުހުރި ނައިފަރު ކައުންސިލް ރައީސް މުހައްމަދު މާބޮޑަށްވެސް ތަފާތު.
ކުރީގައިހުރި ކައުންސިލްރައީސް ކާރިމަށް ކޮވިޑް ފެސިލިޓީއެއް އަޅާނުލެވުނު. އޭނާގެކަމަކީ ތަންތަނުގެ ފޮޓޯނަގާ ފޭސްބުކަށްލުން. އަސްލު މަވެސް ކައުންސިލްށް ދާންފޫހިވެ ފަރުމަހަށް ދާންޖެހުމުގެ އަސްލަކީ އެއީ. މުހައްމަދު ރަގަޅު