އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު ކަމުގެ ތުހުމަތުގައި ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ދައުވާކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފޮނުވި ކަމުގައިވީ ނަމަވެސް އެ ލިޔެކިޔުންތައް ދިރާސާކުރުމަށްފަހު ދައުވާ ކުރުމުގައި ގޮތެއް ނިންމަން އަދި ހަފްތާއެއް ނަގާނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މަހްލޫފްގެ މައްޗަށް ދެ ދައުވާއެއް ކޮށް ދިނުމަށް އެދި އޭސީސީއިން ޕީޖީ އޮފީހަށް ފޮނުވީ މި މަހުގެ ނުވަ ވަނަ ދުވަހުއެވެ. އޭގައި ސާފު ކުރަން ހުރި އިތުރު ކަންކަން ސާފުކޮށްދޭން ޕީޖީން އެދުނީ މި މަހުގެ 18 ވަނަ ދުވަހުއެވެ.

މި މައްސަލާގައި ފުރިހަމަ ކުރަން ޖެހޭ އިދާރީ މަސައްކަތްތައް ކުރުމަށް ފަހު، ހުރިހާ ލިޔެކިއުންތައް ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ މިހަފްތާގެ އާދީއްތަ ދުވަހުގެ ވަގުތެއްގައި ކަމަށްވެއެވެ.

އެ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު "ވަގުތު" އަށް ވިދާޅުވީ މި ލިޔެކިޔުންތައް ދިރާސާ ކުރަމުން ދާކަމަށާއި އެކަމަށް ހަފްތާއެއް ނަގާނެ ކަމަށެވެ. އަދި އެ މަސައްކަތް ނިންމުމަށްފަހު ދައުވާ ކުރަން ފޮނުވުމުގައި ގޮތެއް ނިންމޭވަރު ވާނީ އަންނަ ހަފްތާގައި ކަމަށް އޭނާ ވިދާޅުވިއެވެ.

"އެ ޑޮކިއުމެންޓްތައް ދިރާސާކޮށް ނިންމުމަށްފަހު ދައުވާ ކުރުމާއި ނުވަތަ ނުކުރުމާއި މެދު އަންނަ ހަފްތާ ގޮތެއް ނިންމާނެ" ޝަފީއު ވިދާޅުވިއެވެ.

ޑިއުޓީ ޕްރޮސެކިއުޝަން ނަމުގައި އޮންނަ މި މަރުހަލާ ކުރިއަށް ގެންދިއުމުގެ ގޮތުން ޕީޖީ އޮފީހުން އޭސީސީގައި އެ ކަމަށް އެދުނުތާ މިއަދަށް 10 ދުވަސް ހަމަވެފައިވާއިރު، އަދިވެސް މަހްލޫފްގެ މައްޗަށް ދައުވާ އުފުލުމުގައި ވަކި ގޮތެއް ނުނިންމެއެވެ.

އެސެޓް ރެކެވަރީގެ ރިޔާސީ ކޮމިޝަނާއި ޕީޖީ އޮފީހާއި އޭސީސީއާއި ފުލުހުން ގުޅިގެން އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތަހުގީގު ކުރިއަށް ގެންދާއިރު، އިދާރާތަކުން އެކުލަވާލާފައިވާ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި މަހްލޫފްގެ ނަން އެބަ އޮތެވެ.

އެކަމަކު ޚިޔާނާތުގައި ބައިވެރިވެވަޑައިގެންނެވި ކަމަށް މަހްލޫފް އިންކާރު ކުރައްވައެވެ. މިއީ ސިޔާސީ ގޮތުން އޭނާ "ކަތިލަން" ކުރާ ކަމެއްގެ ގޮތުގައި މަހްލޫފް ސިފަ ކުރައްވައެވެ.

 

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ބްރޯ

    ދައުވާއެއްނުކުރެވޭނެ، ލާހިކެއްނޫން ކުރާކަށް!

  2. ރަތުނާ

    އުންސުރު ހަމަވާނެބާ؟؟

  3. ޢބދ

    ގާނޫނު ނުވަތަ އުސޫލު މިގައުމުގަ ހިނގާކަމެއްނަމަ ވާނުވާނޭގި ވިދާޅުވާ އެއްޗެއްބަލަން ތިބެންނުޖެހޭނެ. ތިގޮތައް ހުވައެއް ކޮށްގެން މަގާމަކާ ހަވާލުވެ އެފާފަ ބޮލުގަ އެޅިގެން ހުރުމަށްވުރެ މިފްކޯގަ ކުނިއުކައިގެން ދަރިންގެ ނަފަގާތްތައް ފުއްދާދިނުން މާބުއްދިވެރި.

    3
    1
  4. ާައަހުމަދު

    ދައުވާ ކުރާހާ ހިއްވަރެއް ޕީޖީގަނެތޯ އެއީ ތެދެއްބާ؟

  5. ކާފަބޭ2020

    ގުނބޯލޯގުނބޯލޯ ފުއްޕިހަކުރުކާންތެދުވޭއާލިބާސްލާންތެދުވޭ؟ މިއީ މިކަންވާނެގޮތްބާ؟

  6. ޚަލީލު

    ޕީޕީއެމް މީހެއްނަމަ ޕީޖީ އޮފީހަށް މައްސަލަ ފޮނުވާތާ 3 ދުވަސް ނުވަނީސް ކޯޓަށް މައްސަލަ ފޮނުވާނެ. އެމް.ޑީ.ޕީ މީހެއްނަމަ މައްސަލަ ދިރާސާކުރަން އެތައް ހަފުތާއެއް ނަގާނެ. އެންމެފަހުން ނިމޭނީ ޢުންޞުރު ހަމަނުވާތީ ދަޢުވާކުރެވެން ނެތްކަމަށް.