ޑްރަގް ނެޓްވޯކެއްގެ ދަށުގައި ރަހުނުކުރެވިފައިވާ ހުރި ކަމަށް ބުނާ ހދ. ނޮޅިވަރަންފަރު، މޯނިންވިއު، މިސްބާހު މުހައްމަދު 25، ރާއްޖެ އަތުވެއްޖެއެވެ.
އޭނާ ގެއްލިގެން ފުލުހުންނަށް ހުށަހެޅީ މެއި 14 ވަނަ ދުވަހުއެވެ.
މިސްބާހް މިއަދު ރާއްޖެ އައިސްފައިވާ ކަަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުގެ ރޭ މިސްބާހު ވަނީ ދުބާއީ އަށް ގޮސްފައެވެ.
މިސްބާހު ފުރުވަން އެހީތެރިވެފައިވަނީ ފުޅާ ދާއިރާއެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރި ކުރާ ނެޓްވޯކްތައް ރާއްޖޭގައި ހިންގި، ސ. ހުޅުދޫ، ދޭލިޔާގެ، އިރުފާން ތަގިއްޔުއެވެ.
އިރުފާން އަކީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ އަށް ވަނަ ދުވަހު 'މަސްޖަރީ-2" ނަމަކަށް ކިޔާ ދޯނީގައި ކަނޑުމަގުން ރާއްޖެއަށް 72 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ފުލުހުންގެ ހައްޔަރު ކުރި މީހެކެވެ.
އޭގެ ފަހުން މިސްބާހު ޕާކިސްތާނަށް ދިޔަކަން ވަނީ އެނގިފައެވެ. ވިސާ ހަމަވެގެން މާޗް މަހުގެ ތެރޭގައި މިސްބާހު ޕާކިސްތާނު އެމްބަސީ އަށް ގޮސްފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، މިސްބާހް މާލެ އައުމާއެކު އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް މިހާރު އޭނާ މައްޗަށް ކޯޓުން ކޮށްފައިވާ ހުކުމެއް ތަންފީޒު ކުރުމަށް ކަރެކްޝަންސް އާ ހަވާލުކޮށްފައިވާ ކަމަށެވެ.
ތިމީހާ މިސްބާހު މުހައްމަދު 25، ރާއްޖެ އައިސް އިމިގްރޭސަން ނިންމާފަ ކަސްޓަމްސް ޗެކިން އިން ކަސްޓަމްސް އޮފިސަރަކަށް ސައްކުކުރެވިގެން ހުއްޓްވާ ސުވާލްކޮށް ބެލިބެލުމުން ތިކަންތަށް ފާހަގަވެގެން ފުލުހުނާއި ހަވާލް ކުރިކަން ވަރަށް މުއުތަބަރު ފަރާތަކުން އެނގިފައިވޭ