ޕީއެސްއެމްގެ ޒުވާން ނޫސްވެރިޔާ ސާއިދު އަހުމަދުގެ ކިޑްނީ ބަދަލުކުރުމަށް ކުރަމުން އަންނަ މަސައްކަތަށް އެހީވުމުގެ ގޮތުން "ވޮއިސް އޮފް މޯލްޑިވްސް"ގެ ނަމުގައި ކްލަބް ހައުސްގައި ހިންގާ ގްރޫޕަކުން ހާއްސަ އިވެންޓެއް މިރޭ ބާއްވަން ނިންމައިފިއެވެ.

މިއީ ސާއިދަށް ކިޑްނީއެއް ހޯދުމަށާއި، އިތުރު ގޮތްގޮތުން އޭނާއަށް އެހީތެރިކަން ފޯޯރުކޮށްދިނުގެ ގޮތުން ގދ. ތިނަދޫ ޒުވާނުން އިސްވެ ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން ބައެކެވެ.

ތިނަދޫއަށް ނިސްބަތްވާ ސާއިދަށް އެހީވުމަށް "ލެޓްސް ހެލްޕް ސާއިދް" ގެ ނަމުގައި ކެމްޕޭނެއް ފަށާފައިވާއިރު، އެ ކެމްޕޭންގެ ދަށުން މިރޭވެސް ބާއްވަން ނިންމާފައި ވަނީ ހާއްސަ ފޯރަމެކެވެ.

އެ ފޯރަމްގައި މެޑިކަލް ޑޮކްޓަރުންތަކެއް އަރައި، ސާއިދަށް އެހީވެވެން އޮތް ގޮތްތައް ކިޔާދެމުންދާނެއެވެ. އަދި ކްލަބްގެ އެކި ފަރާތްތަކުން ސާއިދަށް އެހީވުމާއި ގުޅޭގޮތުންނާއި އެހީހެވޭނެ ގޮތްތަކާއި ގުޅޭގޮތުން ވާހަކަދައްކާނެއެވެ.

އަދި މި އިވެންޓްގައި ސާއިދުވެސް ބައިވެރިވެ، އޭނާ ތަހައްމަލު ކުރަމުންދާ ވޭނާއި ތަޖުރިބާ ހިއްސާ ކުރާނެއެވެ.

ސާއިދަށް އެހީވުމަށް ބާއްވާ އިވެންޓް އޮންނާނީ މިރޭ 20:30 އިން 21:30 އަށެވެ. މި އިވެންޓްގައި ކްލަބް ހައުސްގެ މި ލިންކް މެދުވެރިކޮށް ބައިވެރިވެވޭނެއެވެ.

ސާއިދުގެ ދެ ކިޑްނީ ވެސް ފެއިލްވެފައިވާކަން އެނގުނީ އިންފެކްޝަނެއް އުފެދިގެން ޑޮކްޓަރަށް ދެއްކުމުން 2018 ވަނަ އަހަރުގެ ޖޫން މަހު އެވެ. އޭގެ ފަހުން އިންޑިއާ އިން ވެސް ފަރުވާ ހޯދާފައިވާ ސާއިދު އަންނަނީ ދެ ދުވަހުން އެއް ދުވަހު ރާއްޖޭގައި ޑައިލަސިސް ހަދަމުންނެވެ.

ސަންއެފްއެމް އިން 2009 ގައި ނޫސްވެރިކަމުގެ ދާއިރާ އަށް ނުކުތް ސާއިދު ޕީއެސްއެމްއާ ގުޅުނީ 2015 ގަ އެވެ. ފުޓްބޯޅަ ކޮމެންޓްރީ ދިނުމުގެ އިތުރުން އޭނާ އަންނަނީ ކުޅިވަރު ޕްރޮގްރާމްތައް ޕްރޮޑިއުސްކޮށް ޕްރެޒެންޓް ވެސް ކުރަމުންނެވެ.