ސަރުކާރު ޚިއްސާވާ ކުންފުނިތަކުން ބޯހިޔާވަހިކަމުގެ މަޝްރޫއު ނުހިންގޭ ގޮތް ހަދަން ސަރުކާރަށް ރައްޔިތުންގެ މަޖިލީހުން އަންގަން އެ މަޖިލީހުގައި އޮންނަ ސަރުކާރު ޚިއްސާވާ ކުންފުނިތަކުގެ މަސްއޫލިއްޔަތު ބަލާ އެސްއޯއީ ކޮމިޓީން ނިންމައިފިއެވެ.

އެޗްޑީސީއަށް ބޯހިޔާވަހިކަމުގެ 15 މަޝްރޫއެއް ހިންގަން ހަވާލުކުރިއިރު، އެންމެ ހަ މަޝްރޫއު ފިޔަވައި އެއްވެސް މަޝްރޫއެއް ނުހިންގޭ ކަމަށް ބުނެ އެސްއޯއީ ކޮމިޓީއަށް ހުށަހެޅުނު މައްސަލައެއް ދިރާސާކޮށް ކޮމިޓީގެ ހުށަހެޅުންތަކާއެކު ރިޕޯޓެއް ވަނީ އެކުލަވާލާފައެވެ.

ކޮމިޓީގެ އެއް ހުށަހެޅުމަކީ، ކުރިއަށް އޮތް ތަނުގައި ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫއެއް ހަވާލު ކުރެވޭނީ އެ ކަމަށް ޚާއްސަކޮށް ކަނޑައެޅިފައިވާ ކުންފުނިތަކަށް ކަން ހެދުމަށެވެ. އަދި އެހެން ކުންފުނިތަކަށް ބޯހިޔާވަހިކަމުގެ މަޝްރޫއު ނުހިންގޭ ގޮތަށް ސަރުކާރުގެ ސިޔާސަތު ބަދަލު ކުރުމެވެ.

މިހާތަނަށްް ސަރުކާރުގެ އެކި ކުންފުނިތަކަށް ހަވާލުކޮށްފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާ މެދު އަމަލު ކުރާނެ އުސޫލެއް ޕްލޭނިން މިނިސްޓްރީން އެކުލަވާލަން ވެސް ކޮމިޓީގެ ހުށަހެޅުމެއްގެ ގޮތުގައިވެއެވެ.

ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް އެ ފްލެޓްތައް ދޫކުރެވެން އަންނަނީ ފައިސާ ދައްކައިގެން ކަމުގައިވީއިރު، ބޭންކް ލޯނެއް ނަގައިގެން ވެސް އެ ކަން ކުރެވޭ ވަރުގެ ގާބިލްކަމެއް މުވައްޒަފުންގެ ނެތުމުން، ވީހާވެސް ލުއި ގޮތެއް ހޯދައިދޭން ކުންފުނިތަކަށް އަންގަން ކޮމިޓީން ހުށަހަޅައެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫއުގައި ހިމެނޭ އިމާރާތެއްގެ މަސައްކަތް ނިމޭއިރު، އެ ތަނަކުން ލިބެން ޖެހޭ ހުރިހާ ޚިދުމަތެއް ހަމަޖެހިފައިވާ ކަން ޔަގީން ކުރަން ސަރުކާރުން ކަނޑައަޅާފައިވާ އޭގެ ކުންފުންޏަށް އަންގަން ވެސް ކޮމިޓީން ހުށަހަޅައެވެ.

މިހާރު ހުއްޓިފައިވާ ނުވަތަ ކުރިއަށް ނުދާ މަޝްރޫއުތަކުގެ ބިން އެ ކުންފުންޏަކުން އަތުލަން ވެސް ކޮމިޓީން ހުށަހަޅައެވެ. މި ގޮތުން އެޗްޑީސީއަށް ދެވިފައިވާ މަޝްރޫއުތަކުގެ ބިންތައް ވެސް އަނބުރާ ސަރުކާރަށް ހަވާލުކުރަން ކޮމިޓީން ހުށަހަޅައެވެ.

މަޖިލީހުގެ ގަވާއިދު އޮންނަ ގޮތުން، ކޮމިޓީގެ ހުށަހެޅުންތައް ފާސްކުރަން އެ ކޮމިޓީއެއްގެ ރިޕޯޓަކަށް މަޖިލީހުގެ ތަޅުމުގައި ބަހުސްކޮށް ތަޅުމުގައި ވެސް ވޯޓަށް އަހަން ޖެހޭނެއެވެ. އަދި ރިޕޯޓަށް އިސްލާހު ހުށަހަޅަން ވެސް ފުރުސަތު އޮވެއެވެ. ހުށަހެޅޭ ކޮންމެ އިސްލާހަކަށް ވެސް ވޯޓަށް އަހާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ގލޅ

    ތިޔަ އިސްލާހް މަޖިލީހުން ފާސް ނުކުރުމަށް ގޮވާލަމެވެ
    ރައްޔިތުންނަށް ގަސްތުގައި ގެއްލުން ދިނުމުގެ ބޭނުމުގައި
    ރާވާ ރޭވުންތަކުން ސަރުކާރަށް ފައިދާ ވިއަސް ރައްޔިތުން
    ނަށްހުރީ އޭގެ ގެއްލުމާއި ހަލާކެވެ.

    20
  2. ޢަލީ

    ތިޔައީ ބަޔަކަށް ކޮށްދޭ ކަމެއް، ހަޤީޤަތަކީ މި ސަރުކާރަށް ކަންކުރަން ނޭނގި ކަންކަން ލަސްވެ ކުރާނެ ނުކުރާނެކަމެއް ނޭނގިގެން ކުރާ ކަންތައްތައް، ރިޕޯޓްގައި ދައްކާފައިހުރި ވާހަކަ ތަކަށް ބަލާއިރުވެސް ހަމަޖެހޭ ވާހަކައެއްނެތް، ކުންފުނިތަކުގެ ކޭޝްފްލޯ ދައްވެ ކުންފުނިން ކުރަން ހުންނަ ކުންފުނީގެ މަސައްކަތް ނުކުރެވޭ ވާހަކަ، ފުރަތަމަ މިއީ ލޯނުނަގައިގެން ކުރާކަމެއް، އެތަންތަން ތާރީޚަށް ނިންމި ނަމަ އެތަން ލިބޭ ފަރާތްތަކުން ލޯނަށް ދައްކަންޖެހޭ ފައިސާ ދައްކާނެ، ކުންފުނީގެ ކޭޝްފްލޯއާ ކޮން ބެހޭކަމެއް، ހަމަނޭނގެނީ. މިއީ ކުޑަތަންކޮޅެއް ތިޔާ ބެހޭގޮތުން ދެއްކޭނެ ވަރަށް ވާހަކައެބަހުރި.

    14
  3. ކޮތަރު

    އަނެއްކާ އަނެއް ބިލިއަން މަޅާލަނީ.

    13
    1
  4. ސޯލިބޭ

    ތިޔައީ އެއްވެސް ހަރުދަނާކަމެއްނެތް މޫސުމީ ކަމެއް. މިސަރުކާރުން ތިޔަކަން މަނާކުރިއަސް ދެން އަންނަ ސަރުކާރަކުން ހުއްދަކޮށް އެކަންކުރާނެ. މުސްކުޅިން ތިއަށް ކިޔަނީ ފޫނެތްފަޔަށް ފެންފުރުން.

    17
  5. މާޟީ

    މިހާރު ހުރިހާ ކަމެއް ވަކި ކުންފުންޏަކައް ހަވާކު ކުރަން ވެގެން ކުރާ ކަމެއް

  6. Anonymous

    މިސަރުކާރު ވެއްޓޭތަން ބަލަން މަމިހުރީ ހެވިފަ.