މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސް އާއި މޯލްޑިވްސް ޕޯޓު ލިމިޓެޑް ގުޅިގެން ޒުވާނުން ތަމްރީނު ކުރަން ޔޫތު އެމްޕަވަރމަންޓް ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ.

އެމްޕީއެލްގައި މިއަދު ހެނދުނު އޮތް ރަސްމިއްޔާތެއްގައި މި ޕްރޮގްރާމް ފައްޓަވައިދެއްވާފައިވަނީ ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފު އަދި އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީއެވެ. މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ މަހުލޫފު ވަނީ މިނިސްޓްރީން ކުރައްވާ މަސައްކަތްތަކުގައި އެމްޕީއެލްގެ ފަރާތުން އެކިއެކި ގޮތްގޮތުން ލިބެމުންދާ އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާފައެވެ.

ޒުވާނުން ތަމްރީން ކުރުމުގެ ޕްރޮގްރާމް އިފްތިތާހް ކުރަން ބޭއްވި ރަސްމިއްޔާތު - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
މިނިސްޓަރ މަހްލޫފް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މިގޮތުން ކޮންމެ ވަގުތެއްގައި ވެސް ކޮންމެ ކަމަކު ދަންނަވާލިކަމުގައި ވީނަމަވެސް އެމްޕީއެލް އިން މިނިސްޓްރީގެ އެންމެހާ މަސައްްކަތްތަކަށް އެއްބާރުލުން ދެއްވާ ކަމަށް މިނިސްޓަރ މަހްލޫފް ވިދާޅުވިއެވެ. "އަޅުގަނޑުމެންގެ މިނިސްޓްރީން ކުރާ ވަރަށް ގިނަ މަސައްކަތްތަކުގައި އެމްޕީއެލްގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް އަދި ވަރަށް ބޮޑު އެއްބާރުލެއްވުމެއް ލިބިގެންދޭ. އެކަމަށްޓަކައި އަޅުގަނޑު ވަރަށް ހާއްސަ ޝުކުރެއް ސީއީއޯ ޝާހިދަށް އަރިސްކުރަން" މަހުލޫފު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރގެ ވާހަކައިގައި ވަނީ މިފަދަ ޕްރޮގްރާމްތަކުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށް ނަސޭހަތްތެރިވެލައްވާފައެވެ. މިއީ ޒުވާނުންނަށް ލިބިގެންދާ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށާއި އެންމެހާ ޒުވާނުންވެސް ފުރުސަތު ބޭނުން ކުރަން ދަސްކުރުމަށް މިނިސްޓަރ ވަނީ އެދިލައްވާފައެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ހުރިހާ ޒުވާނުންވެސް އެ ފުރުސަތުގެ ބޭނުން ހިފަން ދަސްކުރަން އެބަޖެހޭ. އެކަހަލަ ފުރުސަތުތަކުގެ ބޭނުން ހިފަން އެބަޖެހޭ. އަޅުގަނޑު މިވާހަކަ މި ބުނަނީ އަޅުގަނޑުގެ އަމިއްލަ ތަޖުރިބާއާއި އެކުގައި..." މިނިސްޓަރ ޒުވާން ދުވަސްވަރު އަބަދުވެސް ލިބޭ މުހިއްމު ފުރުސަތުތަކަށް ބަލާ ބޭނުން ހިފޭތޯ ބެއްލެވިންކަން ފާހަގަ ކުރައްވަމުން ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވެސް ވަނީ މިފަދަ ފުރުސަތުތަކުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފުމަށް ގޮވާލާފައެވެ. އަދި މިފަދަ މަސައްކަތްތަކުގައި މިނިސްޓްރީން ދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. "މި ޕްރޮގްރާމަކީ ބައިވެރިވާ ކުދިންނަށް ހުރި ފުރުސަތުތައް ދެނެގަތުމަށް ފުރިހަމަ ފުރުސަތަކަށް ވެގެންދާނެކަމަށް އަޅުގަނޑު އުންމީދުކުރަން." ޝާހިދު ވިދާޅުވިއެވެ.

އެމްޕީއެލް އަކީ ކޮންމެ ރައްޔިތެއްގެ ދިރިއުޅުމާއި ވެސް ގުޅިފައިވާ ކުންފުންޏެއްކަން ފާހަގަ ކުރައްވާ އޭނާ ވަނީ އެމްޕީއެލްގެ މަސައްކަތްތަކަށް ތައުރީފުކުރައްވާފައެވެ. މެރިޓައިމް ދާއިރާއަކީ ރާއްޖޭގެ އިގްތިސާދަށް އެންމެ މުހިއްމު އެއް ދާއިރާކަން ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ ހުނަރުވެރި ކެޕްޓަނުންނާއި، ކުރޫއިންނާއި، މެއިންޓެނަންސް މީހުންނާއި އަދި ޓެކްނިކަލް އެހެން ދާއިރާތަކުގެ މީހުންވެސް މި ޕްރޮގްރާމްގެ ދަށުން ބިނާކުރެވިގެންދާނެ ކަމަށެވެ.

ޒުވާނުން ތަމްރީން ކުރުމުގެ ޕްރޮގްރާމް އިފްތިތާހް ކުރަން ބޭއްވި ރަސްމިއްޔާތު - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
އެމްޕީއެލްގެ ސީއީއޯ ޝާހިދު -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"ރާއްޖެއަށް އެންމެ މުހިއްމު އެއް ވަސީލަތަކީ މި މެރިޓައިމް ދާއިރާގައި މަސައްކަތް ކުރާ އިންސާނީ ވަސީލަތް. އެ ތަރައްގީ ކުރުމަކީ އަޅުގަނޑުމެން ކޮންމެހެން ކުރަން ޖެހޭ ކަމެއް. ރާއްޖޭގެ ކުރިމަގަށް، ރާއްޖޭގެ އިގްތިސާދަށް، އަދި އަޅުގަނޑުމެންގެ މުޅި އިގްތިސާދުގެ ކުރިމަގަށް. އެހެންވީމާ މިކަމަށްޓަކައި އަޅުގަނޑުމެން އެމްޕީއެލްގައި ވެސް ގިނަ މަސައްކަތްތަކެއް ކުރަން" ޝާހިދު ވިދާޅުވިއެވެ.