ރާއްޖެއިން ހައްޔަރުކުރި އައިއެސްގެ މެންބަރާއި ގުޅޭ އިތުރު މައުލޫމާތު ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން ދެންމެ ނެރުނު ބަޔާނެއްގައި ވިދާޅުވީ 2015 ވަނަ އަހަރުންފެށިގެން ސޯޝަލް މީޑިޔާގެ އެކި ޕްލެޓްފޯމްތަކުގައި އެކި ނަންނަމުގައި އެކައުންޓްތައް ހަދައިގެން، ޓެރަރިސްޓް ޖަމާއަތެއްކަމަށްވާ އިސްލާމިކް ސްޓޭޓް ޖަމާއަތަށް ތާއީދުކޮށް، އެ ޖަމާއަތުގެ ޕްރޮޕެގެންޑާ ފެތުރުމުގައި ދިވެއްސަކު އިސްކޮށް ހަރަކާތްތެރިވަމުން އަންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
މިގޮތުން ޓެލެގްރާމް އަދި އެނޫންވެސް އެންކްރިޕްޓް ކޮށްފައިވާ މެސެޖިންގ ޕްލެޓްފޯމްތަކުގައި "ސްކާރމިޝް"، "ސްކާރމިޝްކިޑް" އަދިވެސް އެހެނިހެން އެކި ނަންނަމުގައި އެކައުންޓްތައް ހަދައި، ސޯޝަލް މީޑިއާ ގުރޫޕްތަކުގައި ޓެރަރިސްޓް ޖަމާއަތެއްކަމަށްވާ އައިއެސް ޖަމާއަތަށް ތާއީދުކޮށް، އެކި ގައުމުތަކުގައި ހަރަކާތްތެރިވާ އެ ޖަމާއަތަށް ތާއީދުކުރާ ފަރާތްތަކަށް އެ ޖަމާއަތުގެ ލިޔެކިޔުން މީނާ ދައުރު ކުރަމުން ގޮސްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މިގޮތަށް މީނާ ދައުރު ކުރާ ފޮޓޯތަކާއި ވީޑިއޯތަކާއި، ލިޔުންތައް ހުންނަނީ އެކި ޤައުމުތަކަށް އަމާޒުކޮށް، އެ ޤައުމުތަކުގައި ބޭނުންކުރާ ބަސްބަހަށް ތަރުޖަމާކޮށްފައި ތަރުޖަމާކޮށްފައިކަން މިހާތަނަށް ފާހަގަ ކުރެވިފައިވާކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
އިތުރަށް ބެލިބެލުމުން، މި ގުރޫޕްތައް މެދުވެރިކޮށް، ޓެރަރިޒަމްގެ އަމަލުތައް ރާވައި ހިންގުމަށް ގޮވާލައި، އެކަމަށް ހިތްވަރުދީ، ޓެރަރިޒަމްގެ އަމަލެއް ހިންގަފާނެކަމުގެ ބިރުދައްކައި އިންޒާރުދެމުން ގޮސްފައިވާކަންވެސް ފާހަގަ ކުރެވިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މީނާ ސޯޝަލް މީޑިއާގައި ފަތުރައި، ޝާއިއުކޮށްފައިވާ ބައެއް ކޮންޓެންޓްތަކަށް ބަލާއިރު ޔޫރަޕުގެ ބައެއް ގައުމުތަކުގެ އިސްވެރިންގެ ފުރާނައަށް ނުރައްކާވާފަދަ ހަމަލާ ދިނުމަށް ގޮވާލައި، އެފަދަ ކަންކަން ކުރުމަށް ހިތްވަރުދެމުން ގޮސްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
އަދި ޔޫރަޕުގެ އެކި ގައުމުތަކުގައި، އެ ގައުމުތަކުގެ ރައްޔިތުންނަށާއި، އެ ގައުމުގެ އެކި ތަންތަނަށް އަމާޒުކޮށް ޓެރަރިސްޓް ހަމަލާތައް ދިނުމަށް ގޮވާލައި، އެކަމަށް ހިތްވަރުދެމުން ދިޔަކަންވެސް ފާހަގަ ކުރެވިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވެސް ހާމަކުރެއްވި ގޮތައް ފުލުހުން މިއަދު ނެރުނު ބަޔާނުގައި ވެސް ވިދާޅުވީ މި މައްސަލައާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތާއި، ޔޫރޮޕިއަން ޔޫނިއަންގައި ހިމެނޭ ދެ ގައުމެއްގެ ދެ އިދާރާއަކާއި، އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން ގުޅިގެން، ޖެނުއަރީ 06 ވަނަ ދުވަހު ދިވެހިރާއްޖޭގައި ހިންގި އޮޕަރޭޝަނެއްގައި 30 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައި ކަމަށެވެ. އަދި އޭނާ ދިރިއުޅޭ ގެ ބަލައިފާސްކޮށް ޑިޖިޓަލް އެވިޑެންސްތަކެއްވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން މިގެންދަނީ އިތުރަށް ތަހުގީގުކުރަމުން ކަމަށް ފުލުހުން ވިދާޅުވިއެވެ.
ޙަމަތިގޮތައް ލާދީނިއްޔަތު ފަތުރާމީހުން ހިފާހައްޔަރުނުކުރެވެނީކީއްވެ ..........
އިންޑިއާ އާއި ގުޅުން ވަރުގަދަ ކުރުމުގެ ނަތީޖާ އަކީ ޓެރަރިސްޓް ވެސް ހިފުނީއެވެ
އަހަރެން ހިތައްއަރަނީ ކީައްވެފަބާއޭ މިތިބެނީ
މިއޮއްލިބިފަ އޮތް ކުޑަ ވަގުތުގަވެސް ﷲ އައް ވަކީލްކޮއް ހަމްދުކޮއް ދުއާކުރާނަމަ
ކޮބާހޭ އިސްލާމްދީނަށް ފުރައްސާރަ ކުރާ ބައިގަނޑު.
ގުޑް ރިޑެންސް!
އެމްޑީއެން އާއި އުތެމާ ފަދަ ލާދީނީ ޖަމާއަތް ތަކުގަ ތިބި މުރުތައްދުންނައް ފިޔަވަޅު ނޭޅިގެން ތިއުޅެނީ ކީއްވެ؟