މާލެއިން މިއަދު ކަރަންޓަށް ދިމާވި މައްސަލަ މުޅިން ހައްލު ކުރުމަށް ދެ ދުވަސް ނަގާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
މިއަދު ފަތިހުން ފެށިގެން މާލޭގެ އެކި ސަރަހައްދުތަކުން އަންނަނީ ކަރަންޓު ކެނޑެމުންނެނެވެ. މިކަމާއި ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެެކްޓަރު އަހުމަދު ޝަރީފް (އީސީ ޝަރީފް) ވިދާޅުވީ، ކަރަންޓު ކެނޑެން މެދުވެރިވީ، ކޭބަލަކަށް ލިބިފައިވާ ގެއްލުމަކާއި ގުޅިގެން ކަމަށެވެ.
"އަޅުގަނޑުމެން ސްޓެލްކޯގަ މިހާރު ތިން ޕަވަރ ހައުސްއަކުން އެބަ ހިދުމަތް ދެން. އޭގެ ތެރެއިން އެއް އިންޖީނުގެއަކީ ގާކޮށި އިންޖީނުގެ. އެއީ އެއްގޮތަކަށްވެސް އަޅުގަނޑުމެން ހިންގާ އިންޖީނު ގެއެއް ނޫން. އިތުރު ދެ ޕަވަރ ހައުސް އެބަހުރި އެތަން ނުލާ. މުޅި ޖުމްލަ 16 ފީޑަރ އެ ދެ ޕަވަރ ހައުސް އިން ނިކުންނާނެ. ވަޓްޒިލާ ޕަވަރ ހައުސް އިން ހަތް ފީޑަރު ނިކުމޭ. އެ ހަތް ފީޑަރުގެ ތެރެއިން އެއް ފީޑަރަކީ އަށް ވަނަ ފީޑަރު. އެފީޑަރަށް ދިމާވި މައްސަލައަކާއި ގުޅިގެން ކަރަންޓު ދިޔައީ" މިއަދު ކަރަންޓު ދިއުމަށް މެދުވެރިވި ސަބަބު އޮޅުންފިލުވައިދެއްވަމުން ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ އެ ހަތް ފީޑަރުގެ ތެރެއިން އެއް ފީޑަރަކީ އަމީނީ މަގުން ނިކުމެގެން ގާކޮށި ފްލެޓްތަކުގެ ކައިރީގައި ހުންނަ 102 ނަންބަރު ސަބް ސްޓޭޝަނަށް ދާ ކޭބަލް ކަމަށެވެ. މައްސަލަ ޖެހުނީ އެ ކޭބަލަށް ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ކޭބަލަށް މައްސަލަ ދިމާވެފައި ވަނީ މަސައްކަތް ކުރުމުގެ ތެރޭގައި މީގެ ދުވަސްކޮޅެއް ކުރިން އެ ކޭބަލަށް ލިބިފައިވާ ގެއްލުމެއްގެ ސަބަބުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ޝަރީފް ވިދާޅުވީ ކަރަންޓު ކެނޑުނީ ހަލާކުވެފައި އިން ކޭބަލަށް ދިމާވި "އާތް ފޯލްޓެއް"ގެ ސަބަބުން ކަމަށެވެ.
ކޮންމެ ފީޑަރަކުން މާލޭގެ 10 ސަރަހައްދަކަށް ކަރަންޓު ފޯރުކޮށްދެމުން ދާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އަދި މިއަދުގެ މެންދުރު 12 ޖެހުމާ ހަމައަށް ހަލާކުވި ފީޑަރުން ކަރަންޓު ފޯރުކުރާ ސަރަހައްދުތަކަށް ކަރަންޓު ދިނީ އިތުރު ހަތަރު ފީޑަރަކަށް ބަހާލައިގެން ކަމަށް ޝަރީފް ވިދާޅުވިއެވެ. މިގޮތަށް ކަރަންޓު ދިނުމުގެ ސަބަބުން ލޯޑު ބޮޑުވި ކަމަށާއި، އެކަމާއި ގުޅިގެން ބައެއް ސަރަހައްދުތަކުން ބައިގަޑިން ބައިގަޑިން ކަރަންޓު ކަނޑަމުން ގޮސްފައިވާނެކަމަށް ޝަރީފް ވިދާޅުވިއެވެ.
މިހާރު ކަރަންޓު ކެނޑުން ހުއްޓާލާފައިވީ ނަމަވެސް މިއަދު 14:00 އިން ފެށިގެން ޕީކް ބޮޑުވެއްޖެ ނަމަ ކަރަންޓު ކަނޑަން ޖެހިދާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިހާރު އެއޮތީ ވަގުތީ ހައްލެއް ހޯދާފައި. މި ވަގުތީ ހައްލު ދާއިމީ ހައްލަކަށް ބަދަލުކުރެވޭނީ އަޅުގަނޑުމެންގެ ވަޓްޒިލާ ޕަވަރ ހައުސް އިން ނިކުންނަ ކޭބަލް ގާކޮށި ކައިރީގައި ހުންނަ ސަބްސްސްޓޭޝަނާއި ހަމައަށް އިތުރު ކޭބަލްއެއް އެޅުން އެއީ އެއް އޮޕްޝަން، ދެވަނަ އޮޕްޝަނަކީ އެ ކޭބަލް އައިޑެންޓިފައިކޮށްގެން މަރާމާތުކުރުން. އަޅުގަނޑުމެންނަށް ރިސްކުތަކެއް އެބަހުރި އެ ކޭބަލް މަރާމާތުކުރުމަށްޓަކާ." ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ސިޓީ ކައުންސިލުން ހުއްދަ ނަގައިގެން މިހާރު އިތުރު ކޭބަލްއެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ. އަދި ކޭބަލްއެއް އެޅުމަށް ދެ ދުވަސްވަރު ނަގާނެ ކަމަށް ވިދާޅުވިއެވެ. އެ ކޭބަލް އެޅެންދެއް ހުންނާނީ ވަގުތީ ހައްލެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.
ކަރަންޓް ކެނޑުމުގެ ސަބަބުން މީހުންނަށް ލިބޭ ގެއްލުންތަކަށް ބަދަލު ނުދެވެންޏާމު މައްސަލަ ޙައްލެއް ނުވޭ.
ކޭބަލަށް ގެއްލުން ލިބުނީ ކްރީ ސަރކާރާ ހެދި
ވޯޓް ބަގު އަނގޮޓި ސަރީފޫ
ކޭބަލް މައްޗައް އަރާ ފުންމަނީތަ. ކިހިނެއް އާރމާޑް ކޭބަލެއް އަމިއްލަ ޒާތުގަ ހަލާކުވޭތަ.؟
ވޯޓު ވަގު އިތުރަށް ދޮގު ނުހަދާ.......