މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ އެވޯޑަށް ކުރިމަތިލުމުުގެ މުއްދަލު އިތުރުކޮށްފިއެވެ.

އެ ކޮމިޝަނުން ދިނުމަށް ނިންމާފައިވާ “މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑްސް 2022”އަކީ ޚިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމާއި ޑިމޮކްރަސީ އާލާކޮށް ދަމަހައްޓާ އަދި ޤައުމުބިނާކުރުމާއި، އެކި ދާއިރާތަކުން ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކޮށް މަޢުލޫމާތު މުއްސަނދި ކުރުމުގައި ބްރޯޑްކާސްޓިންގ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން އަދާކުރާ މުހިއްމު ދައުރުގެ އަގުވަޒަންކޮށް، އެ ސިނާޢަތުގެ ތަރައްޤީއަށް މަގުފަހިކޮށް ހިތްވަރު ދިނުމުގެ ގޮތުން، ބްރޯޑްކޮމްއިން ދިނުމަށް ނިންމާފައިވާ އެވޯޑެކެވެ. މި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިމަހުގެ 3 ވަނަ ދުވަހުއެވެ.

މި އެވޯޑްގައި ހިމެނޭ ކެޓަގަރީތަކަށް ކުރިމަތިލުމަށް އިތުރު ވަގުތު ދިނުމުގެ ގޮތުން، މި އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު މިހާރު ވަނީ 12 ޖޫން ވާ އާދިއްތަ ދުވަހުގެ 14:00 ގެ ނިޔަލަށް މުއްދަތު އިތުރުކޮށްފައި ކަމަށް އެ ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

އިނާމު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ޝަރުޠުތައް އެކުލެވޭ ތަފްޞީލާއި އެޕްލިކޭޝަން ފޯމް “މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑު ދިނުމުގެ "އުޞޫލު”ގައި ބަޔާންކޮށްފައި ވެއެވެ. މި އުސޫލު ކޮމިޝަނުގެ ވެބްސައިޓް broadcom.org.mv ލިބޭނެއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ އި)ން ދެމުންގެންދާ ނޫސްވެރިކަމުގެ އެވޯޑްގައި ވެސް ބްރޯޑްކާސްޓިންގެ ދާއިރާއަށް އަމާޒުކޮށް ވަކި ހާއްސަ އެވޯޑެއް ދަނީ ދެމުންނެވެ.