ވިލިމާލޭގައި މީހުން މޫދަށް ގޮސް އެރޭ ސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްގީ ކުރަން ނިންމާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

އެ ކައުންސިލުން އެ މަސައްކަތް ކުރަން ނިންމާފައިވާ ކަން އިއުލާނު ކުރީ ރޭ ލޮނުޒިޔާރަތް ޕާކްގައި ބޭއްވި ރަށްޔިތުންގެ ބައްދަލުވުގައެވެ.

މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ގިނަ ބަޔަކު މޫދަށް އެރުމަށް ވިލިމާލޭގެ ބީޗު ބޭނުން ކުރަމުންދާ ކަމަށެވެ. އެހެންކަމުން ރައްޔިތުންނަށް ފަސޭހަވާނެ ގޮތަށް އެތަން ޒަމާނީ ފެންވަރަށް ތަރައްގީ ކުރަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މާލޭގެ މޭޔަރު މުއިއްޒު ވާހަކަ ދައްކަވަނީ. --- ވަގުތު އިމޭޖަސް: އަހުމަދު އަލީ

"ވިލިމާލެ ބީޗް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް އަޅުގަނޑުމެން ކުރަމުން މި ދަނީ. އެ ތަނުގައި ބާބަކިއު ސަރަހައްދަކާއި ފާހާނާ ބަރިއެއް އަދި ގޮނޑި އާއި މޭޒު ތައް ވެސް ޖަހާނެ." މޭޔަރު މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ނުކުޅެދޭ މީހުންނަށް ވީލްޗެއާގައި މޫދުގެ ވަކި ހިސާބަކަށް ފޭބޭ ގޮތަށް ރޭމްޕެއް ވެސް ހަދަން ނިންމާފައިވާ ކަމަށާއި އެ ރޭމްޕުގައި މަޑުކޮށްލައިގެން އެ މީހުންނަށް ވޯޓާ ތެރަޕީ ވެސް ނެގޭނެ ކަމަށެވެ.

ޕިކްނިކް ދާ މީހުން އޯވާނައިޓަށް ގިނަ ދުވަހު ބޭނުން ކުރުމަށް 10 ޑޭ ރޫމް ވެސް ތަރައްގީ ކުރަން ނިންމާފައިވާ ކަމަށް މޭޔަރު ވިދާޅުވިއެވެ. އެ ރޫމްތައް ހަދާ ނިންމާލެވޭނީ ބީޗްގެ އެހެން މަސައްކަތަކަށް ފަހުގައި ކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން މޫދަށް އެރި މީހުންގެ ރައްކާތެރި ކަމަށް ލައިފް ގާޑެއް ވެސް އެ ސަރަހައްދުގައި ބެހެއްޓުމަށް ނިންމާފައިވާ ކަމަށް މޭޔަރު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ވިލިމާލޭ މޫދަށް އެރޭ ސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ކައުންސިލުން ނިންމާލާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ވިލިނގިލިޔަން

    ބޭނުމެއް ނޫން
    އެތަން އޮތް ގޮތަށް ރަށެއްގެ ސިފައިގައި އޮތީމަ މާ ރީތިވެފަ ހިތްހަމަ ޖެހޭ

  2. ޒަމާނީ

    ޒަމާނީ ފެންވަރަކީ ކޮބައިތަ! އެއީ އަނެއްކާ އެއީ ދޮން މީހުން ތިބޭ ގޮތަށް ތިބެވޭ ފެންވަރަށް އައުންބާ!

  3. ސުބެނރިބެރި

    އެއުޅެނީ ކޮންމެވެސް މަހުޖަނު ބޭފުޅަކަށް ކުޑަގިރި ފެނިގެން އަހަރުމެން ކުރިން ޕިކުނިކު ދާން އޮތް ކުޑަބަނޑޮހަށް އިސްޓޭޖުތަކަކަށް ބަހާލައިގެން ވެރިވެގަތް ގޮތަށް 'ގެސްޓު އޮންލީ' ހަދައިގެން ވެރިވެގަންނަން. ބުނަން އޮންނާނެނު ވިލިގިލި ޕިކުނިކު ޒޯނަށް ދާށޭ