މީހުން ދިރިއުޅޭ 61 ރަށެއްގައިފުލުހުންގެ މަރުކަޒުތަކާއި އެކޮމަޑޭޝަނާއި ޑިޓެންޝަން ސެންޓަރުތައް ގާއިމް ކުރުމުގެ ބޮޑު މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

ތުލުސްދޫގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ މަޝްރޫއުގެ ބިންގާ އަޅުއްވައި ދެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު (އެމްސީ ހަމީދު) އެވެ. މި މަޝްރޫއުގެ ދަށުން ފުރަތަމަ ބިންގާ އެޅީ ތުލުސްދޫގައި ތިން ބުރީގެ ޕޮލިސް ސްޓޭޝަނެއް އެޅުމަށެވެ.

މި މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ އިންޑިއާގެ އޭބީއެލް އިންދިރާ ޕްރޮޖެކްޓްސް އަށެވެ.

އެ މަޝްރޫއުގެ އަގަކީ 41 މިލިއަން ޑޮލަރެވެ. އެއީ އިންޑިއާގެ އެކްޒިމް ބޭންކުން ރާއްޖެ އަށް ދޭ ލޯން އެހީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ.

މި މަޝްރޫއާ ގުޅޭގޮތުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ރައްޔިތުންނަށް ހިދުމަތް ދިނުމަށް އެންމެ އެކަޝޭނެ ޕޮލިސް ސްޓޭޝަންތަކާއި އެހެނިހެން ވަސީލަތްތައް ފުލުހުންނަށް ހޯދައިދެއްވައި ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތުގެ ނަތީޖާ ފެންނަމުންދާ ކަމަށެވެ.

ފުލުހުންގެ މަރުކަޒުތަކާއި އެކޮމަޑޭޝަނާއި ޑިޓެންޝަން ސެންޓަރުތައް ގާއިމް ކުރުމުގެ މަގްސަދަކީ ފުލުހުންގެ ވުޒާރާ ވަރުގަދަކޮށް ރަށްޔިތުންނަށް ފޯރުކޮށްދެމުންދާ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުން ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ގާއިމްކޮށް، ވީހާވެސް ގިނަ ރަށެއްގައި ފުލުހުންގެ ސްޓޭޝަން ގާއިމް ކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ.

މި މަޝްރޫއަކީ އިންޑިއާގެ ހާރިޖީ ވަޒީރު ޑރ. އެސް ޖައިޝަންކަރު މިދިޔަ މާޗް މަހު ރާއްޖެ އަށް ކުރި ރަސްމީ ދަތުރުފުޅުގައި އިއުލާން ކުރި މަޝްރޫއެކެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައި ރާއްޖެ އާއި އެގްޒިމް ބޭންކާ ދެމެދު ސޮއިކުރީ ރައީސް ސޯލިހް މިދިޔަ ހަފްތާގައި އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މަބޭ

    ތިންބުރި އިމާރާތަކައް 41 މިލިޔަން ޑޮލަރު ؟

    • ޕިސްޕިސް

      މީހުން ދިރިއުޅޭ 61 ރަށެއްގަ ޔޯ! އެންމެ ފުރަތަމަ ޱުމްލައިގަ އެ އޮތީ ލިޔެފަ! ތިވަރަށް ބީތާވީމަ ފާފަވެރިވެސް ވާނެ!! 🙁

  2. އަހްމަދު

    ތިޔަވަރުކަމެއްކޮށްލަންވެސް ދިވެހިކުންފުންޏަކާ ހަވާލުނުކުރަނީ އެފެންވަރުގެ ކުންފުންޏެއްވެސް ރާއްޖޭގަނެތީތޯ؟

  3. އަހަރެން

    ކޮބާހޭ ޝަރުތު ހަމަވާ ފުލުހުންގެ ކުރިއެރުން. ޕްރޮމޯޝަން ނުދީ ކޮންކަމެއް ކުރާކަށްތަ......

  4. ޚަލީލު

    ކުރީގައި ފުލުހުންގެ ތަންތަނާއި ތަކެތީގައި ހުޅުޖެހި މީހުން ވެރިކަމުގައި ތިބެގެން ކީއްކުރަންބާ ތަންތަން މި ހަދަނީ؟ އަނެއްކާ ވެސް ވެރިކަމަށް އެހެން ބަޔަކު އަތުވެއްޖިއްޔާ ހުޅު ނުޖަހާނެބާ؟