ހުޅުމާލޭ ފޭސް އެކެއްގެ ގެއެއްގެ ބަދިގޭގައި އުދާފައި ހުރި ތެއްޔެއްގައި ރޯވި އަލިފާން އެމްއެންޑީއެފް އިން ނިއްވާލައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، މި ހާދިސާގެ ރިޕޯޓް ލިބުނީ މިއަދު މެންދުރު 14:09 ހާއިރު ކަމަށެެވެ،

އަދި ހުޅުލޭ ފަޔަރ ސްޓޭޝަންގެ ފަޔަމަނުން ހަރަކާތްތެރިވެ، ބަދިގޭގައި އުދާފައި ހުރި ތެލީގައި ރޯވި އަލިފާން މިއަދު 14:21 ހާއިރު ނިއްވަލާފައިވާ ކަަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވެއެވެ.

ހުޅުމާލެގައި އަލިފާން ރޯވި ގޭގެ ބަދިގެއަށް ލިބިފައި ހުރި ގެއްލުން

އެމްއެންޑީއެފް އިން އާއްމުކޮށްފައި ހުރި ފޮޓޯތަކަށް ބަލާއިރު، މި ހާދިސާގައި ބަދިގެއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެގޮތުން ބަދިގޭގެ ތިރީ ކަބަޑް ސެޓާއި މަތީ ކަބަޑް ސެޓްގައި ވަރަށް ބޮޑަށް އަލިފާނުގެ އަސަރު ކޮށްފައި ވެއެވެ. އަދި އެ ހިސާބުގައި ހުރި ބައެއް ސާމާނުތަކުގައިވެސް ރޯވެފައި އަނދާފައިވާ ތަން ފެނެއެވެ.

މި ހާދިސާއާ ގުޅިގެން އެންޑީއެމްއާ އިން ބުނީ، މިއަދު މެންދުރު އަލިފާނުގެ ހާދިސާ ހިނގި ހުޅުމާލެ ލޮޓް 11252ގެ އެޕާޓްމެންޓް އޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އާއިލާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެެވެ.