އެމެރިކާ އާއި ހުޅަނގަށް އެކިކަންކަމުގައި ބަރޯސާވުން ކުޑަކުރުމަށް ރަޝިޔާ، ޗައިނާ އަދި އިންޑިއާ އިން އިސް ދައުރެއް އަދާކުރާ، ބޮޑު ޖަމާއަތެއް ކަމަށްވާ ޝަންހާއީ ކޯޕަރޭޝަން އޮގަނައިޒޭޝަން (އެސްސީއޯ) ޑަޔަލޮގް މެމްބަރަކަށް ރާއްޖެ ހަމަޖައްސައިފި އެވެ.

އެސްސީއޯގެ ޑަޔަލޮގް މެމްބަރެއްގެ ދަރަޖަ ރާއްޖެއަށް ދޭން ނިންމީ އުޒްބެކިސްތާނުގެ ސަމާކަންދުގައި މިދިޔަ ޖުލައި މަހުގެ ފަހުކޮޅު ބޭއްވި އެސްސީއޯގެ މެމްބަރު ގައުމުތަކުގެ ހާރިޖީ ވަޒީރުންގެ ބައްދަލުވުމުގަ އެވެ. އެ ނިންމުން، މިދިޔަ ހުކުރު ދުވަހު ސަމާކަންދުގައި ބޭއްވި އެސްސީއޯ ގައުމުތަކުގެ ވެރިންގެ ސަމިޓުގައި ވަނީ ފާސްކޮށްފަ އެވެ.

އެ ސަމިޓުގައި، ރާއްޖޭގެ އިތުރުން ބަހްރެއިން، ސައުދީ އަރަބިއްޔާ، މިސްރު އަދި ގަތަރު ވެސް ވަނީ ޑަޔަލޮގް ޕާޓްނަރުންގެ ގޮތުގައި ހަމަޖައްސާފައެވެ.

އެސްސީއޯގެ އޮބްޒާވަރެއް ނުވަތަ ޑަޔަލޮގް ޕާޓްނަރެއްގެ ގޮތުގައި ބައިވެރިވުމަކީ އެ ޖަމާއަތުގެ މެމްބަރަކަށް ވުމުގެ ފުރަތަމަ ފިޔަވަޅެވެ. އެސްސީއޯގައި ބައިވެރިވުމުގެ ޝައުގުވެރިކަން ރާއްޖޭން ވަނީ މީގެ ދެތިން އަހަރު ކުރިން ފާޅުކޮށްފަ އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން މިދިޔަ މަހު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، އެ ޖަމާއަތުގެ ޑަޔަލޮގް މެމްބަރެއްގެ ދަރަޖަ ރާއްޖެއަށް ލިބުމުން، ސަރަހައްދީ އިގްތިސާދީ މަސައްކަތްތަކުގައި އިސް ދައުރެއް އަދާކުރުމުގެ ފުރުސަތު ރާއްޖެއަށް ލިބިގެންދާނެ އެވެ. އަދި ރާއްޖެ އާއި އެސްސީއޯގެ މެމްބަރު ގައުމުތަކަށް މުހިންމު މައްސަލަތަކުގައި ގުޅިގެން މަސައްކަތް ކުރެވޭނެކަން ވެސް އެ މިނިސްޓްރީން ފާހަގަކޮށްފައިވެ އެވެ.