މި ސަރުކާރުގެ ސިޔާސަތަކީ ރާއްޖޭގެ އުތުރާއި ދެކުނުގައި ފަތުރުވެރިކަން ފުޅާކޮށް، ދެމެހެއްޓެނިވި އަދި އަތްފޯރާ އަގެއްގައި ވައިގެ މަގުންނާއި ކަނޑުމަގުން ދަތުރުފަތުރު ކުރެވޭނެ ފަދަ އެކަމަށް ބޭނުންތެރި ޚިދުމަތްތައް ގާއިމުކުރުން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު އެހެން ވިދާޅުވީ އަދާރަން ސިލެކްޓް ހުދުރަން ފުށީގައި ރޭ ބޭއްވި ސައުތް އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) 2022 ގެ ހަވަނަ އެޑިޝަންގެ ހަފްލާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ ސަޓާ 2016 ވަނަ އަހަރު އިފްތިތާހްކުރެވުނު ފަހުން، ދެކުނު އޭޝިއާގެ ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތައް ފާހަގަކުރާ ދެވަނައެއް ނެތް ބަޔަކަށް ސަޓާ ވެގެން ގޮސްފައިވާކަން ފާހަގަކުރައްވައި، ސަޓާ ގެ އޯގަނައިޒަރުންނަށް ޝުކުރު އަދާކުރައްވާފައެވެ.

ސަޓާ އެވޯޑްސްގައި ތަމްޞީލުކުރާ ދެކުނު އޭޝިއާގެ ހަ ގައުމަކީ ދުނިޔޭގައި ވެސް ފަތުރުވެރިކަމުގެ ގޮތުން އެންމެ ފުރިހަމަ ހިދުމަތް ފޯރުކޮށްދޭ ނަމޫނާ ގައުމުތައް ކަމަށް ވިދާޅުވިއެވެ.

މީގެ 50 އަހަރު ކުރިން ރާއްޖޭގެ ފަތުރުވެރިކަން އުފެދިގެން އައި ގޮތުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން ނައިބު ރައީސް ވަނީ ރާއްޖެއަށް ފަތުރުވެރިކަން ތައާރަފް ކުރެވުނީ ފަތުރުވެރިކަން ކުރިއެރުވުމަށް ޓަކައި، ޒުވާން ބައެއް ފަރާތްތަކުން ކުރި ބުރަ، އިހްލާސްތެރި، އަދި މިންނެތް މަސައްކަތްތަކުންކަން ފާހަގަކުރައްވައިފައެވެ.

"މިއަދު ރާއްޖެއަކީ އެންމެ ކުރިއަރާފައިވާ އެއް މަންޒިލް. އެ ކާމިޔާބީ ލިބުމުގެ އަސްލު ހަގީގަތަކީ ދިވެހި ރާއްޖޭގެ މެހެމާންދާރީ އަދާކުރުމުގެ ސިފަ. ދިވެހިންގެ އެންމެ ޚާއްސަ އެއްކަމަކީ ގާތް ރަޙްމަތްތެރިކަމާއި، ދީލަތިކަމާއެކު ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް ޒިޔާރާތްކުރާ ކޮންމެ ފަތުރުވެރިއަކަށްވެސް އެންމެ ފުރިހަމަ ތަޖުރިބާ ފޯރުކޮށްދިނުމުގެ ވިސްނުން ހުރެ އެކަމަށް ކުރާ މަސައްކަތް." ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ ކޮވިޑުން ރައްކާތެރިވުމަށް ސަރުކާރުން އަޅަންޖެހުނު ފިޔަވަޅުތަކުގެ ތެރޭގައި، ރާއްޖޭގެ ބޯޑަރު ބަންދުކޮށް، ރިސޯޓްތަކާއި ގެސްޓްހައުސްތައް ވަގުތީގޮތުން ބަންދުކުރަން ޖެހުމުން ރާއްޖޭގެ އިގްތިސާދަށް ވަރަށް ބޮޑު ނޭދެވޭ އަސަރުތަކެއް ކޮށްފައިވާކަމަށެވެ. އަދި އަލުން ރާއްޖޭގެ ބޯޑަރުތައް ހުޅުވާލައި، ފަތުރުވެރިންނަށް މި ޤައުމަށް އައުމަށް މަގުފަހިވެގެންދިޔައީ، ރައީސް ސޯލިހްގެ އިސްނެންގެވުމާއި، ސަރުކާރާއި ފަތުރުވެރިކަމުގެ ސިނާއަތު ގުޅިގެން ކުރި މަސައްކަތުންކަމަށް ވިދާޅުވިއެވެ.

އެ ހަފްލާގައި ނައިބު ރައީސް ވަނީ ފަތުރުވެރިކަމުގެ ސިނާއަތުގައި ޙަރަކާތްތެރިވާ ފަރާތްތަކުން ސަރުކާރަށް ވެދެއްވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށްޓަކައި ޝުކުރު އަދާކުރައްވައި ކޮވިޑްއަށް ފަހު ރާއްޖޭގެ ފަތުރުވެރިކަން ކުރިއެކޭ އެއްގޮތްވުމަށް ފަތުރުވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ އެއްބާރުލުން ލިބުނުކަމުގައި ފާހަގަކުރައްވާފައެވެ.

އެ ހަފްލާގައި ފަތުރުވެރިކަމުގެ ދާއިރާއާއި ހޮސްޕިޓާލިޓީ ދާއިރާގައި ފާހަގަކޮށްލެވޭ ފަދަ މަސައްކަތްތަކެއް ކުރެއްވި ފަސް ފަންނުވެރިންނަށް ނައިބު ރައީސް ވަނީ އެވޯޑް ހަވާލުކޮށްދެއްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޕޮގުބާ

    ޖަލުގޮޅި ކިހިނެއް ވާނީ

    10
  2. ފޮނި ވާހަކަ

    2023 އަށް ލޮލުގަ އަނދުން އަޅުވަނީ. މިވެރިކަމުގަ ރާއްޖެ ދިޔައީ ފަހަތަށް.

    13
  3. ކާފަބޭ2020

    ގާތްގަނޑަކަށް 4 އަހަރުފުރެނީ! ތިޔަކިޔަނީ މައިންމަގަށް ލައްގަޅޭތޯ؟ ތަންތަންއަޅާވާހަކަނުދައްކާ މިހާރުނުހުޅުވިހުރި ތަންތަންހުޅުވޭނެގޮތެއްވޭތޯބަލާބަލަ!

  4. ކިޔާލަކިޔާލަތިބެނީ

    ބްރޯ މަވެސް ބޭނުން ބައިވަރު ކަންކަން ކޮށްލަން. ހަނދުގައިވެސް ވޯޓާރ ވިލާއެއް އަޅާލަންވެސް ބޭނުން. ބޭނުންވިޔަސް ނުވޭ ބްރޯ.

    10
  5. މުހައްމާ

    ރައްޔިތުން ބޭނުންވަނީ ރައްޔިތުންނަށް ހިއްސާ ވިއްކައިގެން ޓޫރިޒަމްގެ ހަރަކާތްތައް ހިންގަން. ޓޫރިޒަމަށް 50 އަހަރު ފުރުނުއިރު ރައްޔިތުން މިތިބީ ބައެއްގެ އަޅުވެތިކަމުގައި. ބައެއް މީހުން މީހުން ރަށްތައް ނަގާފައި ހަދައިގެން އެމީހަކު ބޭނުން އަގެއްގައި ވިއްކައި ހަދާއިރު އެތަންތަނުގައި މަސައްކަތްކުރި މުވައްޒަފުންނަށް މަސައްކަތްކުރި މީހުންނަށް އަގު ނުދޭ. އަދި އެވަރުން ނުވެގެން ސަޕްލަޔަރަށްވެސް ފައިސާ ނުދައްކާ ފަސް ހަމަސް އެބަ ހޭދަވޭ. ރާއްޖޭގެ އެއްވެސް ރިޒޯޓެއް ރައްޔިތުންނަށް 30 އިންސައްތަ ނުވިއްކައި ހިންގުމަކީ ބޮޑު ޖަރީމާއެއް.

  6. ާދަލޭކް

    ތިޔަށްވުރެ ވެސް މޮޅު މީހުން މީހުން މޮޔަޙެއްދޭ ވާހަކ ދެއްކުން ރަނގަޅު ވާނެ.ސަލާމް

  7. ޙަދިސައިބު

    ކީއްވެ އެކަން ނުކޮށް ތިތިބެނީ ކާކު މަނާކުރީ ނޫނީ ކާކު ހުއްޓުވީ، މޮޔަގޮވަނީ 2023 އަށް

  8. އެމްޑީ

    2023 ޢަންނަނީ ކަމެއްނުވެ 5 އަހަރު