ބޭނުންވަނީ އަދުގެ މުދައްސިރުންނަކީ އިލްމާއި ހުނަރު ލިބިފައިވާ ބަޔަކަށް ވުން ކަމަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އެހެން ވިދާޅުވީ ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހާއްސަ ހިތޯބެއްގަ އެވެ.

އިހު ޒަމާނުގައި ދަރިވަރުންނަށް ކިޔަވައިދެމުން ދިޔައީ ޗޯކާއި ބޯޑުންކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ އަދުގެ ދަރިވަރުންނަށް ބޭނުންވަނީ ފަންނުވެރިކަމާއި ޓެކްނޮލޮޖީއާއި އުފެއްދުންތެރިކަމުގެ ހުނަރު ކަމަށެވެ. އަދި އިހު ޒަމާނުގައި ކުލާހުގެ ހަތަރު ފާރުގެ ތެރެއިން ފިލާވަޅު ނަގައި ދެވުނު ކަމުގައިވިއަސް މިއަދުގެ ދަރިވަރުންނަށް އުޅެމުންދަނީ ޓެކޮނޮލޮޖީގެ ވެއްޓެއްގައި ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ދަރިވަރުންގެ ސަމާލުކަން ހޯދުމަށް މުދައްރިސުން ތަފާތު ކުލަތައް އަރައިފައިބަމުންދާ ސްކްރީންތަކާއި މިއަދު ވާދަކުރަން ޖެހިފައިވާ ކަމަށެވެ.

ތައުލީމީ ދާއިރާއަށް އަންނަ ކޮންމެ އިންގިލާބީ ބަދަލެއްގެ ފަހަތުގައި ތިބެނީ މުދައްރިސުން ކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ކޮވިޑްގެ ތެރޭގައި މުދައްރިސުން އެކަން ކަށަވަރު ކޮށްދީފި ކަމަށެވެ. ކޮވިޑުގެ އަނދިރި ވިލާގަނޑުގެ ތެރެއިން އުނގެނުން ހުއްޓައިލާން ޖެހިދާނެކަމުގެ ބިރުވެރިކަން ކުރިމަތިވީ ހިނދު ކިލާހުގެ ހަތަރުފާރުން ބޭރުވެ ބޭރުގެއަށް ފިލާވަޅުތައް ގެނެސްދިނުމުގައި މުދައްރިސުން އިސްނަންގަވައިގެން އެ ކޮށްދެއްވި ބުރަ މަސައްކަތް އެ ކަމުގެ ދަލީލަކަށް ފުދޭ ކަމަށް ވިދާޅުވި އެވެ.

"މި އަހަރުގެ މުދައްރިސުންގެ ދުވަހުގެ ޝިޔާރެއްގެ ގޮތުގައި ޔުނެސްކޯއިން ޚިޔާރުކުރީ "ތަޢުލީމުގެ ގޮތްތަކާއި ސިފަ ބަދަލުކުރަން ފަށަނީ މުދައްރިސުންނާ ހަމައިން". މި ޝިޔާރު ހިޔާރުކުރީ ކޮވިޑުގެ ދަތި ހާލަތުގައި މުދައްރިސުން ވީ ޤުރުބާނީގެ އަގު ވަޒަންކުރުމުގެ ގޮތުން. އަދި ދިރިއުޅުމާ ދަރިވަރުން ކުރިމަތިލުމަށް ބޭނުންވާނެ އުކުޅުތަކާއި ހުނަރުތައް ދަރިވަރުންނަށް ދަސްކޮށްދިނުމަށް މުދައްރިސުންނަށް ބޭނުންވާ ވަސީލަތްތަކާއި ތަމްރީނުތައް ހޯދައިދިނުމަށް އެހީތެރިވުމަށް." މިނިސްޓަރު ވިދާޅުވި އެވެ.

ބޭނުންވަނީ މުދައްރިސުންނަކީ އިލްމު އުފައްދައި، ކިޔަވައިދެވޭ ތަކެއްޗާ މެދު ފިކުރުހިންގާ، ރިވެލިކޮށް، އަހަރުން އަހަރަށް ފިލާވަޅުތައް ކުރިއަރުވައި، ދަރިވަރުންނާގުޅޭ ސިޔާސަތުތައް ބައްޓަންކުރުމުގައި ބައިވެރިވެވޭ ފަދަ ޢިލްމާއި ހުނަރު ލިބިފައިވާ ބަޔަކަށްވުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭގެ އިތުރުން ވިދާޅުވީ ތައުލީމީ ދާއިރާއަށް އަންނަ ކޮންމެ މާނަވީ ބަދަލެއް ތަންފީޒުކުރާ ފަރާތަކީ މުދައްރިސުން ކަމަށާއި ޤައުމު ގެންދާން ބޭނުންވާ މިސްރާބު، ޙަޤީޤަތުގައި އަމާޒުކުރާ ފަރާތަކީ މުދައްރިސުން ކަމަށެވެ. މި ޒަމާނުގައި މުދައްރިސުން ވިސްނާލަންޖެހޭ މުހިއްމު ކަންތައްތަކެއް އެބަހުރިކަން ފާހަގަކުރައްވަމުން ވިދާޅުވީ ދަރިވަރުން އުނގެނޭ ތަކެތި ބިނާވަނީ ހަމައެކަނި މުދައްރިސުން ނަގައިދެއްވާ ފިލާވަޅުތަކަށް ނޫން ކަމަށެވެ.

"މުދައްރިސުންގެ ސުލޫކާއި، ދަރިވަރުންނާއި މުޖުތަމަޢުއާއެކު މުދައްރިސުން އުފައްދާ ގުޅުންތަކާއި، މީހުންނާ މުޢާމަލާތްކުރާ ގޮތްތަކުންވެސް ދަރިވަރުން ނަމޫނާ ނަގާނެ. އަދި ދަރިވަރުންގެ ދިރިއުޅުމުގައި، އެކުދިންނަށް އެންމެ ނުފޫޒު ފޯރާ އުމުރުފުރާގައި، އެކުދިންނާ ބައްދަލުވާ މުދައްރިސުންނަކީ އެކުދިންގެ އުޅުންތަކާއި ގުޅުންތައް ބައްޓަންކުރާ ފަރާތްތައް. އެހެންކަމުން މުދައްރިސުންގެ އަރިއަހުން އެދެނީ ދަރިވަރުންގެ ގައިގައި އަށަގަންނުވަން ބޭނުންވާ ރިވެތި ސިފަތަކުން މުދައްރިސުން ނަމޫނާ ދެއްކުމަށް." މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ދީނާއި ގައުމުދެކެ ލޯބިވާ ބަޔަކަށްވުމާއި އެކަކު އަނެކަކަށް އަޅާލުމާއި އިހްތިރާމްކުރުމާއި އިގްތިސާދު ކުރުންފަދަ މަކާރިމުލް އަހްލާގުގެ އުޅުންތަކުން ފޭރާންލުމަށެވެ. އަދި މުދައްރިސުން ދައްކާ ނަމޫނާ ނޫން އެހެން އުޅުމެއް އެކުދިންގެ ފަރާތުން، ފަހަކުން ނުފެންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހަބަރުބޭ

    ހުރިހާ މުދައްރިސުން ޑިޕްލޮމާއަށް ކިޔަވަން މަޖުބޫރުކޮށް ޑިޕްލޮމާ ނިންމާ ޓީޗަރުންގެ ޑިގްރީ ޕްރޮގްރާމް ފެއްޓެވީ ރައީސް ޔާމީން!

  2. މާމިގިލީ މީހާ

    މާމިގިލީ ސުކޫލުގެ ޓީޗަރުންގެ ފެންވަރު ބަލާ ބަލަ. ސުކޫލުން 10 ނިމޭ ގޮތައް ޓީޗަރުންނައް ސުކޫލައް ވަދެއެތިބީ. ދެން ކުދިންނައް ކޯޗެއް ތޯ އެގޭނީ. މާމިގިލީ ސުކޫލައް ހަމަ ރަނގަޅު ޓީޗަރުން ނުލިބެނީ ތޯ. އެޑިޔުކޭސަން މިނިސްޓްރީ އަކުން ނުބަލާ އެކެއްޗެއްވެސް. މިހާރުވެސް ޓީޗިން ނަހަދާ، ކިތައް ޓީޗަރުން އެބަ ތިބިތޯ، މާމިގިލީ ސުކޫލުގަ.

  3. ކަނާ

    ބަލަގަ ބެލެނިވެރި ގުދާރުބިދިގެއް ސުކޫލައް ހޯދަން ސުމާޓް ޓީވީ އަދި ނުވީތާކައް ލެބައް ބޭނުވާތަކެތިވެސް ކޮންޕިއުތަރުވެސް އެޑިއު ކޭސަނުން ބުނަނީ ބެލެނިވެރިން ލާރި ހޯދާށޭ އެކަމަކު

  4. ކަނާ

    ބަލަގަ ބެލެނިވެރި ގުދާރުބިދިގެއް ސުކޫލައް ހޯދަން ސުމާޓް ޓީވީ އަދި ނުވީތާކައް ލެބައް ބޭނުވާތަކެތިވެސް ކޮންޕިއުތަރުވެސް އެޑިއު ކޭސަނުން ބުނަނީ ބެލެނިވެރިން ލާރި ހޯދާށޭ އެކަމަކު ގަނެ ނުދޭތީވެ

  5. ހުސެެއިން

    ފުރަތަމަ ޖެހެނީ މިނިސްޓަރުގެ ހިލްމު ރަނގަޅުކުރަން، ކިޔަވައިގެންނޭ ކިޔާފަވަގު ސެޓްފިކޭޓްނތަކެއް އޮތަސް އެއްވެސްތަޖުރިބާ އެއްނެތް ގަމާރަކަށް މިނިސްޓަރުކަން ނުދެވޭ ގޮތްހަދަންޖެހެނީ!!!