ލ.މާންދޫގައި މަސް ފެކްޓަރީ ހިންގަމުން އަންނަ ހޮރައިޒަން ފިޝަރީޒް ކުންފުނިން މަސް ކިރުމަށް ފަހު، މަސްވެރިންނަށް ލިބެން ޖެހޭ ފައިސާ ނުލިބި ލަސްވާތީ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

ކުއްލި މައްސަލަ ހުށަހެޅީ ލ.ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމްއެވެ. އޭނާ ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވަނީ ހޮރައިޒަނުން ހިންގަމުން އަންނަ މާންދޫ މަސް ފެކްޓަރީއަކީ ތ.އަތޮޅާއި ލ.އަތޮޅުގެ މަސްވެރިންނަށް ނުހަނު ބޭނުންތެރި ތަނަކަށް ވީއިރު، މިހާތަނަށް އައިރު ވެސް މަސްވެރިންގެ ޝަކުވާތަކަށް އެއްވެސް ހައްލެއް ހޯދުމަށް މަސައްކަތްކޮށްފައި ނުވާ ކަމަށެވެ.

މަސްވެރިންގެ އަތުން އެ ފެކްޓަރީން ގަންނަ މަހަށްތިން ހަފުތާގެ ތެރޭގައި އަގު ދެއްކުމަށް އެއްބަސްވެފައި އެވެ. އެހެންނަމަވެސް މި މުއްދަތުގައި ފައިސާ ލިބިފައިނުވާތީ މަސްވެރިން އަންނަނީ މާންދޫގައި މުޒާހަރާ ކުރަމުންނެވެ. މުޒާހަރާ ކުރަމުން އަންނަތާ މިހާރު ތިން ދުވަސް ވެފައި ވާއިރު އަދިވެސް މަސްވެރިންގެ ޝަކުވާތަކަށް ހައްލެއް ނުލިބެއެވެ. ހޮރިއިޒަނުން 26 ދޯންޏަކަށް 21 މިލިއަން ރުފިޔާ ދޭން ޖެހިފައި އެބައޮތެވެ.

ވިސާމް ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުުވީ މަސްވެރިން އެމީހުންގެ މަހަށް ފައިސާ ހޯދަން ދިއުމުން "އަތް ދަމާލާފައި މޫނަށް ޖަހަނީ ޕެޕަ ސްޕްރޭ." ކަމަށެވެ. "މިގޮތައް ހިންގޭ ސަރުކާރެއް އޮވެގެން ނުވާނެ. ލ.ގެ މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ވަގުތުން ދިނުމަށް އަޅުގަނޑު ގޮވާލަން. އަށް މިލިއަން ރުފިޔާ ހޭދަކޮށްފި ނައިބު ރައީސްގެ ކޮޕް ސަމިޓަށް ވެސް. ފައިސާ އެބަހުރިކަން ރައްޔިތުންނަށް އެބައެނގޭ." ސައީދު ވިދާޅުވިއެވެ.

ލ.ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވީ އޮކްޓޯބަރ މަހުގެ ފުރަތަމަ ހަފްތާ އިން ފެށިގެން މަސްވެރިން ފައިސާ ނުލިބުމުގެ ޝަކުވާ އޭނާ އާއި ހަމައަށް ވެސް ގެނައި ކަމަށެވެ. އެކަން ފިޝަރީޒް މިނިސްޓަރުގެ ސަމާލުކަމަށް ވެސް ގެނެސް، މަސްވެރިންނާއި މިނިސްޓަރާއި ގުޅުވައި ދެއްވި ކަމަށް ސިރާޖު ވިދާޅުވިއެވެ. ނަމަވެސް އެކަމުގައި މިނިސްޓަރުގެ އެދެވޭ ޖަވާބެއް ނުލިބުނު ކަމަށް ސިރާޖު ވިދާޅުވިއެވެ.

"ސުލްހައިގަ ކަންކަން ނުވާނަމަ، އިހްތިޖާޖަށް ނިކުމެގެން ކަންކަން ހައްލު ވާނީ." ސިރާޖު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ތުވަނިސް

    ރައްޔިތުންގެ މަޖިލީހަކީ ގާނޫނުތައް ހަދަން މަތިކޮށް އޮފައްދައިފައި އޮން ތަނެކެވެ، ނަމަވެސް މިދުވެހިރާއްޖޭގައި މިމީހުން ނެބެހޭ އެއްވެސްކަމެއް މިހާރަކު ނެތެވެ، ބަޔަކަށް ދޭންޖެހޭ ފައިސާތަކެއް ނުދީފިނަމަ ފުލުހުން ތިމައްސަލަބަލާ ޝަރީއަތަށް ފޮނުވާނެއެވެ. ޖާގަފުރިގެން މަސް ނުކިރައިގެންވެސް މަޖިލީހުން އެބަބެހެއެވެ. މަޖިލީހުން މައްސަލަބެލީމަ ޖާގައިތުރުވެ ބޮޑުވޭހެއްޔެވެ. ތަހުގީގުކުރަމުންދާ މައްސަލައެއްގާ މީހަކު ހައްޔަރުނުކޮށްގެންވެސް ކުއްލިމައްސަލައެވެ. މީކޮންފަދަ އަލާމާތެއްހެއްޔެވެ.