ވިނަރެސް ފްލެޓްގެ ވަގުތީ ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ލިޔެކިއުންތައް ހަމަނުވާ މީހުނަށް އޯޕަންޑޭއެއް ބޭއްވުމަށް އެޗްޑީސީއިން ނިންމައިފި އެވެ.

އެޗްޑީސީއިން ބުނީ ވިނަރެސް ފްލެޓަށް އެދުމަށް ހުޅުވާލި ފުރުސަތުގައި 1413 ފޯމް ލިބުނު އިރުގައި އޭގެތެރެއިން ޕްލޭނިން މިނިސްޓްރީގެ ކްރައިޓީރިއާއަށް ކޮލިފައިވެފައިވަނީ 723 މީހުން ކަމަށެވެ.

"ފާހާގަކުރެވިފައި އެބަހުރި ފޯމް ހުށަހަޅާފައިވާ ފަރާތްތަކުން އެޗްޑީސީގެ ފައިނޭންޝިއަލް އެވިލިއުޝަނަށް ލިޔެކިއުންތައް ހަމަނުވާކަން. އެހެންވެގެން އޯޕަންޑޭއެއް ބާއްވަނީ އެ ފަރާތްތަކުގެ ލިޔެކިއުންތައް ހަމަކުރުމަށް. އަދި ފާހަގަކުރެވުފައި އެބަހުރި އެއް އެޕްލިކެންޓެއް ބައިވަރު އެޕްރިކޭޝަންތަކަށް ހުށަހަޅާފައިވާކަން. އެހެންކަމުން އެކަމަށް ވަކިގޮތެއް ނިންމުމަށް އޯޕަންޑޭއެއް ބޭއްވުމަށް ނިންމަފައި ވަނީ." އެޗްޑީސީއިން ބުންޏެވެ.

އޯޕަންޑޭ ބާއްވަނީ އަންނަ މަހުގެ 6 ވަނަ ދުވަހުން ފެށިގެން ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހަށް ކަމަށާއި ކޮންމެ ދުވަހަކުވެސް ހެނދު ނުވައަކުން މެންދުރު ފަހު 3:00 އަށް އޯޕަންޑޭ ކުރިއަށްދާނެ ކަމަށް އެޗްޑީސީ އިން ބުނެއެވެ.

ވިނަރެސް ފްލެޓްގެ ވަގުތީ ލިސްޓް އާންމު ކުރުމުގެ ތެރެއިން
ފޮޓޯ: ވަގުތު

ވަގުތީ ލިސްޓުގައި ހިމެނޭ ފަރާތްތަކަށް އޯޕަންޑޭއަށް ހާޒިރުވާން ޖެހޭ ދުވަހާއި ގަޑި އެޗްޑީސީއިން އަންގާނެއެވެ.

"މިކަމާއި ގުޅޭ ހުރިހާ މައުލޫމާތެއް ދެމުން ގެންދާނީ އެޗްޑީސީގެ ޕޯޓަލް މެދުވެރިކޮށް އަދި މެއިލް ވެސް ކުރާނެ. އެޗްޑީސީއިން ގުޅަމުން ވެސް ގެންދާނެ. ގުޅާއިރު ގުޅާނީ އެޗްޑީސީގެ ރަސްމީ ނަންބަރުން. އެއްވެސް މެސެޖެއް އަދި ލިންކެއް އެޗްޑީސީގެ ފަރާތުން ނުފޮނުވާނެ." އެޗްޑީސީއިން ބުންޏެވެ.

އޯޕަންޑޭގައި އެޗްޑީސީއާއިއެކުގައި ބީއެމްއެލް އެމްއައިބީ އެޗްޑީއެފްސީގެ ބޭފުޅުން ބައިވެރިވާނެ ކަމަށާއި އެ އިދާރާތަކުގެ ހައުސިން ލޯނުތަކާއި ގުޅޭ މައުލޫމާތު ދޭނެ ކަމަށް ވެސް އެޗްޑީސީއިން ބުނެ އެވެ.

ވިނަރެސް ފުލެޓުތަކަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޗައިނާގެ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) ކިޔާ ކުންފުންޏަކާ އަޅަން ހަވާލުކުރި ފުލެޓުތަކަކެވެ.

ވިނަރެސްގާ 10 ޓަވަރު ހިމެނޭއިރު ޖުމުލަ 1،344 އެޕާޓްމެންޓް ހިމެނެއެވެ. އެ އެޕާޓްމަންޓްތަކުގެ އަގު އުޅެނީ 2.5 މިލިއަނާއި ތިން މިލިއަނާ ދެމެދުގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހައިރާން

    ހަމަކުރަންވީ ހަމަކުރަންވީ ހަމަކުރަންވީ. ބަފަޔަށް މާލޭ ސަރަހައްދުން ގޯތި އޮވެފައި ގޯތީގައި ބުރިބުރިއަށް ގެ ހަދާފައި ހުންނައިރު އަމާގެ ގޯއްޗެއް މާލޭގައި އޮވެފައި އެތަން ވެސް ހަދާފައި ތިބޭ މީހުންނަށް އުޅޭނެ ތަނެއް ނެތިގެން އެޅިޖިބަލް ވާނަމަ ތިޔަ އެޅެނީ އަނެއްކާވެސް އެޅިޖީބަށް. އެޅިޖީބަށް އަޅަން ލިޔެކިޔުން ފުރިހަމަ ކުރުމުގެ ނަމުގައި އޮޅުވާލައިގައިގެން ޑޮކިއުމެންޓް ހަމަކުރަން ދުވަހެއް ފާހަގަކުރަން ބޭނުމިއްޔާ ފާހަގަކުރަންވީ. މިހާރު ތިއޮތް ލިސްޓުގައި މިކަހަލަ މީހުން ވަރަށް ގިނަ.

  2. ބޯގޯސްމީހެއް

    ބޯހިޔާވަހިކަމަށް ޝަރުތުހަމަވާ މީހެއްކަން ބެލޭނީ އެކަމަށް ޚާއްޞަ ފޯމުގައި ހަމަކުރަން ޖެހޭ ލިޔެކިޔުންތައް ހަމަކޮށް ހުށަހެޅުމުން. އޭގެކުރިން ލިޔެކިޔުންތައް ހަމަނުވަނީސް ވަގުތީ ލިސްޓެއް ނެރެވޭނެ ގޮތަކާމެދު ވިސްނަވިސްނާ ހަމައެެއްގޮތަކަށް ވެސް ނުވިސްނުނު ތިކަމުގެ އަސްލު މަޤުޞަދެއް.