ބަހަށާއި ބައިސްކަލަށް ހުޅުމާލޭގެ މަގުތަކުގައި ލޭނެއް ހާއްސަކޮށް ޓެރެފިކަށް ބަދަލު ގެނެސްފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ 2015 ވަނަ އަހަރު ހެދިފައިވާ ޓްރާންސްޕޯޓް މާސްޓާޕްލޭންގެ ދަށުން، ހުޅުމާލެގައި ދިރިއުޅޭ އަދި އެކިބޭނުންތަކަށް ހުޅުމާލެ ޒިޔާރާތްކުރައްވާ ފަރާތްތަކަށް ފަސޭހަކަމާއިއެކު ދަތުރުފަތުރުކުރެވޭނެފަދަ އިންތިޒާމް ގާއިމްކުރުމުގެ ގޮތުން ހުޅުމާލެގެ މަގުތަކަށް ބަދަލުގެނައުމަށް އެޗްޑީސީން ވަނީ ނިންމާފައިވާ ކަމަށެވެ.

ހުޅުމާލެ ނިރޮޅުމަގާއި އަދި އެހެނިހެން މަގުތަކުގައިވެސް ލޭންތަކަށް ބަހައިލެމުގެ ކުރެހުމުގެ މަސައްކަތް އެޗްޑީސީން ވަނީ ފަށާފައި ކަމަށާއި އެގޮތުން ބަހަށް ހާއްސަކޮށްގެން، ބަސް ދުއްވާ ފަރާތްތަކަށް އިތުރު ލުއިފަސޭހަތަކެއް ހޯދައިދިނުމުގެ ގޮތުން ބަސް ލޭނެއްވަނީ ކަނޑައަޅާފައި ކަމަށެވެ.

އަދި އޭގެ އިތުރުން އެހެނިހެން ވެހިކަލްތަކަށާއި ބައިސިކަލް ދުއްވުމަށްވެސް ހާއްސަ ލޭނެއް ވެސް ވަނީ ކަނޑައަޅާފައި ކަމަށެވެ.

ބަހަށާއި ބައިސްކަލަށް ހުޅުމާލޭގެ މަގުތަކުގައި ލޭނެއް ހާއްސަކޮށް ޓެރެފިކަށް ބަދަލެއް - ފޮޓޯ: އެޗްޑީސީ

" މިއީ، ހުޅުމާލެގައި ގިނަ މީހުން އާބާދުވުމާއި ގުޅިގެން، ދުނިޔޭގެ ސްޓޭންޑަޑަށް ހުޅުމާލޭގެ މަގުތައް ގެނެވުމަށާއި ޓްރެފިކްގެ މައްސަލައަށް ހައްލު ހޯދައިދިނުމުގެ ގޮތުން ކުރެވިގެންދާ ވަރަށް މުހިއްމު މަސައްކަތެއް. ހުޅުމާލެ މައި މަގުތަކުގައި 13.2 މީޓަރުގެ ފުޅާމިން ހުރޭ. އެގޮތުން 4 ލޭނަކަށް ބަހާލައިގެން އެއްފަހަރާ 4 ވެހިކަލް އެއް މަގުން ދުއްވޭނެގޮތަށް ވަނީ ޕްލޭން އެކުލަވާލާފައި." އެޗްޑީސީއިން ބުންޏެވެ.

އެ ބަދަލު ގެނެވުމަށް މިހާތަނަށްމަސައްކަތް ފަށާފައިވަނީ ހުޅުމާލެގެ ނިރޮޅުމަގުގެ އިތުރުން ސެންޓްރަލް ޕާކް ވަށައިގެން އޮންނަ މަގުގައި ކަމަށާއި އެ ބަދަލާއި އެކު ހުޅުމާލެގެ ނިރޮޅުމަގުގައި އެއްވެސް ގޮތަކަށް ވެހިކަލް ޕާކުކުރެވިފައި ނުބެހެއްޓޭނެ ކަމަށް އެޗްޑީސީއިން ބުނެ އެވެ. އެހެން ނަމަވެސް ނިރޮޅުމަގުގައި ހުންނަ ފްލެޓުތަކާއި ގެތަކުގެ ކައިރީގައި ޕާކްކުރުމުގެ އިންތިޒާމް އެޗްޑީސީގެ ފަރާތުން ހަމަޖައްސައިދެވިގެންދާނެ ކަމަށެވެ. އަދި މިހާރުވެސް ގިނަ ޕާކިން ލޮޓްތަކެއް ހުޅުމާލެގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރެވި، ޕާކު ކުރެވޭނެ އިތުރު ތަންތަން ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޗްޑީސީއިން ބުނެ އެވެ.

ހުޅުމާލެގެ ޕަބްލިކް ޓްރާންސްޕޯޓްގެ މަސައްކަތްތަކުގެ ތެރެއިން ހުޅުމާލެގައި ބައިސިކަލް ލޭނެއް ގާއިމްކުރުމުގެ ގޮތުން ބައިސިކަލް ލޭން ކުރެހުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި އެގޮތުން މަގު ހަތަރު ލޭން އަކަށް ބަހާލެވިފައިވާއިރު، ބަސް ލޭންއަކާއި ސައިކަލު ދުއްވާ ލޭންގެ އިތުރުން އެއް ލޭން ކަނޑައަޅާފައިވަނީ ބައިސިކަލް ދުއްވާ ފަރާތްތަކަށް ބޭނުންކުރުމުގެ ގޮތުން ކަމަށެވެ.

ހުޅުމާލެގައި ބައިސިކަލް ލޭންއެއް ކަނޑައެޅުމުގެ އެންމެ ބޮޑު އެއް މަގްސަދަކީ، ބައިސްކަލަކީ ވަރަށް ސްޕީޑް ދަށްކޮށް ދުއްވާ އުޅަދެއް ކަމަށް ވުމާއިއެކު، ބާރު ސްޕީޑްގައި ދުއްވާ އެހެނިހެން އުޅަދުތަކަށް ދަތިނުވާގޮތަށް މަގުގެ އެއްފަޅިން ބައިސިކަލް ދުއްވުމަށް ހާއްސަ ސަރަހައްދެއް ކަނޑައެޅިފައިވުމުން ދުއްވާ ފަރާތްތަކަށް ދަތިތަކާއި ކުރިމަތިލާންނުޖެހި މަގު ބޭނުންކުރުމުގެ ފުރުސަތު ދިނުން ކަމަށް އެޗްޑީސީއިން ބުނެ އެވެ.

ބަހަށާއި ބައިސްކަލަށް ހުޅުމާލޭގެ މަގުތަކުގައި ލޭނެއް ހާއްސަކޮށް ޓެރެފިކަށް ބަދަލެއް - ފޮޓޯ: އެޗްޑީސީ

އޭގެ އިތުރުން، ބައިސިކަލް ދުއްވާ ރޫޓު ފާހަގަކުރުމުގެ ގޮތުން ނޫކުލަ، ބައިސްކަލް ލޭނަށް ހާއްސަ ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެބަދަލާއިއެކު، މަގުގެ ހިނގާ ފަރާތްތަކަށް ފަސޭހަވާނެގޮތަށް ޑިރެކްޝަނަލް ތީރުތަކެއް މަގުގެ ތާރުމަތީގައި ކުރެހިފައި ހުންނާނެ ކަމަށް އެޗްޑީސީއިން ބުނެ އެވެ. މިއީ އާންމުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ކުރެވިގެންދާ ކަމެއް ކަމަށެވެ.

ހުޅުމާލެގައި ލޭންތަކެއް ކަނޑައަޅާ އެ ލޭނާއި އެއްގޮތަށް ދަތުރުފަތުރުގެ ކަންކަން ކުރަން ފެށުމުން އާންމުންނަށް ލުއިފަސޭހަވާނެކަމަށް ގަބޫލްކުރާ ކަމަށާއި އެފަދަ ކަންކަން އެއްވެސް ހުރަހެއް ނެތި ކުރިޔަށް ގެންދިޔުމަށްޓަކައި އާންމުންގެ ފަރާތުންވެސް އެއްބާރުލުން ނުހަނު ބޭނުންވާނެ ކަމަށް އެޗްޑީސީއިން ބުނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަމްބެ

    ހުޅުމާލެ ފޭސް 2 ގެ މަގުތަކުގައި ތިޔަ ލޭން ތައް ހެދޭވަރުގެ ޖާގަ އެބަހުރިތޯ؟

  2. ހެހެ.ހެ

    ތިޔަ ލޭނު އޮންނާނީ އޮތްތަނުގަ ދުއްވާމީހުން
    ދުއްވާނީ ހިތައްއެރިގޮތަކަށް ހާއްސަކޮށް
    ބޯދިގުކޮށްފަ ޖީއެން ސައިކަލުގަ އުޅޭ ޒުވާނުން! އެމީހުނަށް ގަމާރުކަމުން ގާނޫނެއް ގަވައިދެއް އުސޫލެއް އެގެނީކީނޫން މީހުން މަގުގަ އެއްޗެހިދުއްވާތީ ދުއްވަނީ!