ވިލިމާލެ އިން ތެޔޮ ބޯޓެއްގައި ފުރި ދެ މީހުން ހޯދަން މާލެ ތެރެ ވެސް ބަލަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ފުލުހުން ބުނީ ގެއްލުނު މީހުން ހޯދުމުގެ މަސައްކަތުގައި މެރިން ޕޮލިސް އާއި އެމްއެންޑީއެފް ކޯސްޓްގާޑް ވެސް ބައިވެރިވާ ކަމަށެވެ. އަދި އެ މީހުން ހޯދުމަށް މާލެ ތެރެ ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

އެމީހުން މާލެ އިން ހޯދަނީ ކީއްވެ ކަމެއް ފުލުހުން ނުބުނެއެވެ.

ގެއްލިގެން އުޅެނީ ގދ. ތިނަދޫ މަނާރު، މުހަންމަދު ނިޒާމް 45، އާއި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މުހައްމަދު ލިޓަން 35، އެވެ.

އެ މީހުން ދަތުރުކުރި ތެޔޮބޯޓު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ނެރު ކައިރިން އޮޔާދަނިކޮށް މިދިޔަ ބުރާސްފަތި ދުވަހު ފެނިފައިވާ އިރު، އޭގައި އެ ދެ މީހުންނެއް ނެތެވެ.

އެ ދެ މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ނަންބަރު 3322111 އަށް ނުވަތަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓުގެ 9911099 އަށް ގުޅައި ހިއްސާ ކުރުމަށް ވަނީ އެދިފައެވެ.