މަސްތުވާތަކެތީގެ މައްސަލައެއްގައި ތ. ވަންދޫން މީހަކު ހައްޔަރުކޮށްފިއެވެ.

ވަންދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ އަންގާރަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރު ކުރީ 25 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާ ހައްޔަރު ކުރީ ހިރިލަންދޫގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަންދޫ ބަނދަރުމަތިން އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅެއް ފެނުމާ ގުޅިގެންނެވެ.

މި މައްސަލަ ހިރިލަންދޫ ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ވަންދޫއިން މަސްތުވާތަކެތި ފެނިފައިވާއިރު، ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓުން މާލޭގައި ހިންގި ދެ އޮޕަރޭޝަނެއްގައިވެސް ދެ މީހަކު ހައްޔަރުކޮށްފައިވެއެވެ

ފުލުހުން ހިންގާ އޮޕަރޭޝަންތަކުގައި އަންނަނީ ވަރަށް ގިނަ އަދަދަކަށް މަސްތުވާތަކެތި އަތުލައިގަންނަމުންނެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ތަފާސް ހިސާބުތަކަށް ބަލާއިރުވެސް މިދިޔަ މަހު އެކަނިވެސް 62 އިންސައްތަ މީހުން ޖަލަށް ވެއްދީ މަސްތުވާތަކެތީގެ މައްސަލައިގައެވެ.