މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދިވެހި ނޫސްވެރިންނަށް ތަމްރީން ދިނުމުގެ ފުރުސަތު ހޯދައިދިނުމަށް ޕާކިސްޓާންގެ ހައި ކޮމިޝަނާއި މަޝްވަރާކޮށްފިއެވެ.

އެމްއެމްސީއިން މިއަދު އާއްމުކުރި ބަޔާނެއްގައި ބުނެފައިވަނީ ޕާކިސްތާންގެ ތައުލީމީ މުއައްސަސާތަށް މެދުވެރިކޮށް ނޫސްވެރިންނަށް ތަމްރީނު ފުރުސަތުތަކެއް ހޯދައި ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މި މަޝްވަރާގައިވަނީ ކައުންސިލްގެ ރައީސް އަލްފާޟިލް އަޙްމަދު މުސްތަފާ، މެންބަރު މޫސާ ރަޝީދު، މެންބަރު އަލްއުސްތާޛާ އަރުހާމް ރަޝީދު، މެންބަރު މުހައްމަދު އަފްރާހު، ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ޑ.ރ އިބްރާހިމް ސަމީރާއި ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބަސެޑަރ ވައިސް އެޑްމިރަލް (ރިޓަޔާޑް) މުޙައްމަދު ފައްޔާޒު ގިލާނީ އާއި ބައްދަލު ކުރައްވާފައެވެ. މިބައްދަލުވުމުގައި ޑެޕިއުޓީ ހެޑް އޮފް މިޝަން ޒުލްޤަރްނައިން އަޙްމަދު ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ.

މި މަޝްވަރާގައި ތަމްރީނު ޕްރޮގްރާމުތައް ހިންގުމުގެ އިތުރުން ކުރު މުއްދަތާއި ދިގު މުއްދަތުގެ ސްކޮލާޝިޕް ޕްރޮގްރާމްތަކެއް ހޯދައިދިނުމަށް ވާހަކަދެކެވިފައިވެއެވެ. މި މަޝްވަރާގައިވަނީ ޕާކިސްތާންގެ މިނިސްޓްރީ އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގް އާއި މީޑިއާ ކައުންސިލާއި ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ.

މި މަޝްވަރާގައި ވާހަކަ ދައްކަމުން އެމްބަސެޑަރ ވައިސް އެޑްމިރަލް (ރިޓަޔާޑް) މުޙައްމަދު ފައްޔާޒު ގިލާނީ ވަނީ ތަމްރީން ފުރުސަތުތައް ހޯދައިދޭނެކަމުގެ ޔަގީންކަން އެމްއެމްސީއަށް ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވަރައް ވާހަކަ

    މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދިވެހި ނޫސްވެރިންނަށް ތަމްރީން ދިނުމުގެ ފުރުސަތު ހޯދައިދިނުމަށް ޕާކިސްޓާންގެ ހައި ކޮމިޝަނާއި މަޝްވަރާކޮށްފިއެވެ. މާދަމާ އިންޑިއާ އެންބަސީއިންއަންގާނެ މީޑިއާކައުންސިލް އުވާލަން