މާލޭގައި ސައިކަލެއް ވަގަށް ނަގައިގެން ދުއްވަމުން ދިިޔަ 20 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފިއެވެ.

މި މައްސަލައިގައި އެ ޒުވާނާ ހައްޔަރުކޮށް، އޭނާގެ ބަންދަށް މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން، އެ ކޯޓުން ވަނީ 30 ދުވަހުގެ މުއްދަތު ޖަހައިފައެވެ.

އޭނާގެ ބަންދުގެ އަމުރުގައިވާގޮތުން، އޭނާ މި ކުށް ކުރިކަމަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައި ވެއެވެ. އަދި އޭނާ ދުއްވި ސައިކަލު ހުއްޓުވާ، ސައިކަލު ރެޖިސްޓްރީ ފުލުހުން ޗެކް ކުރިއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއްކަން ވަނީ އެނގިގެން ގޮސްފައެވެ.

އެ ޒުވާނާއަކީ ސައިކަލު ވަގަށް ނެގުމުގެ އިތުރު ރެކޯޑް އޮތް މީހެއް ކަަމަށްވެސް ކޯޓު އަމުރުގައި ވެއެވެ.

މާލޭ ސަރަހައްދުގައި ސައިކަލު ވަގަށް ނެގުން އިތުރު ވަމުންދާތީ އެކަމަށް ރައްޔިތުން ސަމާލުވުމަށް ފުލުހުން މީގެ ކުރިން ވަނީ އިލްތިމާސްކޮށްފައެވެ.

އެގޮތުން މަހެއްގެ މައްޗައް 30-50 ސައިކަލު ވަގަށް ނަގައިގެން ފުލުހުންނަށް މައްސަލަ ހުށަހަޅާކަމަށް ފުލުހުން މީގެ ކުރިން ބުނެފައި ވެއެވެ.

މިގޮތުން ފުލުހުން ހުށަހެޅިފައިވާ މައްސަލަތަކުގައި އެންމެ ގިނައީ ހަދާންނެތިގެން ސައިކަލުގައި ތަޅުތަނޑިޖަހާފައި ހުރެގެން ނުވަތަ ޝަޓާލޮކްނުކޮށް ހުރެގެން ވައްކަން ކުރާ މައްސަލަތަކެވެ.

"އާއްމުކޮށް މިގޮތަށް ސައިކަލުތައް ވަގަށް ނަގަނީވެސް އަލިކަން ކުޑަ، ސީސީޓީވީ ކެމެރާ ނުހުންނަ ނުވަތަ މީހުން މަދު ސަރަޙައްދުތަކުން. ދުވާލު ވެސް އަދި ރޭގަނޑުވެސް ސައިކަލު ވަގަށް ނަގާ. އާންމުކޮށް ވަގަށް ނަގަނީ ކުރީގެ ވޭވް 110 ނުވަތަ 125 ފަދަ ތަޅުދަނޑި ބޭނުންކޮށްގެން ފަސޭހައިން ހުޅުވޭ ޒާތުގެ ސައިކަލުތައް" އިންސްޕެކްޓަރު އޮފް ޕޮލިސް އިބްރާހީމް ހަލީލް ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސަމާސާ

    އެ ޒުވާނާއަކީ ސައިކަލު ވަގަށް ނެގުމުގެ އިތުރު ރެކޯޑް އޮތް މީހެއް ކަަމަށްވެސް ކޯޓު އަމުރުގައި އޮތް އިރު އެފަދަ މީހަކު މުޖުތަމަޢުތެރެއަށް ދޫވެފައި ހުރީ ރާއްޖޭގެ ޝަރުޢީ ނިޒާމު ބޮއްސުންލައިގެން ކަމުގެ ހެއްކެއްގެ ގޮތުގައި.

    11
  2. ކަހުރަބު

    އަތް ބުރިކޮށްލަބަލަ އޭރުން ރަނގަޅަށް މުއްގަނޑު ފެލާ ރޭސް ކުރެވޭނެ

  3. ހަންސަ

    ކީއްވެހޭ "އެ ޒުވާނާއަކީ ސައިކަލު ވަގަށް ނެގުމުގެ އިތުރު ރެކޯޑް އޮތް މީހެއް ކަަމަށްވެސް ކޯޓު އަމުރުގައި ވެއެވެ."؟؟؟؟؟؟؟؟؟
    އޭނާޔަކީ ދޫވެފަ ހުރެގެން ވާނެ މީހެއް ނޫން. ނޫނީ މޮނިކޮން އަޅުވަފަ ހުންނަންވާނީ