ހިއުމަން ރައިޓްސް ކޮމިޝަންގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން ފުވައްމުލައް ޖުވެނައިލް ކަސްޓޯޑިއަލް ސެންޓަރއަށް މޮނިޓަރިންގ ޒިޔާރަތެއް ކޮށްފިއެވެ.

އެޗްއާރްސީއެމް އިން ބުނީ މި ޒިޔާރަތުގެ މަޤްޞަދަކީ ޏ.ފުވައްމުލައް ޖުވެނައިލް ކަސްޓޯޑިއަލް ސެންޓަރުގައި ބަންދުގައި ތިބޭ ފަރާތްތަކާއި ދޭތެރޭ ޢަމަލުކުރަމުންދާގޮތާއި، އަނިޔާވެރި، ލާއިންސާނީ ނުވަތަ ދަށުދަރަޖައިގެ ޢަމަލެއް ހިނގާތޯބެލުމާއި، މި ސެންޓަރުގައި ބަންދުގައި ތިބޭ ފަރާތްތަކާއި މުވައްޒަފުންނަށް ޤާނޫނުއަސާސީއާއި، ޤާނޫނުތަކާއި ބައިނަލްއަޤްވާމީ މިންގަނޑުތަކުން ލިބިދޭންޖެހޭ ޙައްޤުތައް ކަށަވަރުކުރެވިފައިވާ މިންވަރު ދެނެގަތުން ކަމަށެވެ.

މީގެ އިތުރުން، މި ސެންޓަރުގައި މަސައްކަތްކުރާ މުވައްޒަފުންގެ ޙާލަތު ދެނެގަތުމާއި، މުވައްޒަފުންނަށް މަސައްކަތްކުރުމަށް ދިމާވާ ދަތިތައް ދެނެގަތުމާއި، ސެންޓަރުގެ މާއްދީ ޙާލަތާއި ޢާއްމު ޙާލަތު ދެނެގަތުން ކަމަށް ވެސް އެޗްއާރްސީއެމް އިން ބުނެއެވެ.

މި ޒިޔާރަތުގެ މައްޗަށް ބިނާކޮށް އެކުލަވާލާ ރިޕޯޓު ޏ.ފުވައްމުލައް ޖުވެނައިލް ކަސްޓޯޑިއަލް ސެންޓަރަށާއި އަދި ކަމާގުޅޭ އެހެނިހެން އިދާރާތަކާ ހިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރިޕޯޓުތަކުގައި ފާހަގަކޮށްފައިވާ ކަންކަމާއި، ހުށަހަޅާފައިވާ ހުށަހެޅުންތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ކަމާގުޅޭ އިދާރާތަކާއެކު ބައްދަލުވުންތައް ބާއްވައި ރިޕޯޓުތަކުގެ ހުށަހެޅުންތައް ތަންފީޛުވަމުންދާ މިންވަރު ދެނެގަތުމަށް، ލިޔުމުން ޤަވާއިދުން ފޮލޯ-އަޕް ހެދުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މި އަހަރުގެ މި ޒިޔާރަތަކީ ކޮމިޝަންގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން މި ސެންޓަރއަށް ކުރި ފުރަތަމަ ޒިޔާރަތެވެ.