އިސްރާއިލުގެ ނިރުބަވެރި ޔަހޫދީންނަށް ރާއްޖެ އެތެރެވުން ހުއްޓުވުމަށް "ރައިޓް މޫވްމެންޓުން" އިސްނަގައިގެން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފިއެވެ.

އެ ގްރޫޕުން އިސްނަގައިގެން ސޮއި ކުރަން ފެށި މި ޕެޓިޝަނަކީ އިސްރާއީލުގެ ހައްދުފަހަނަ އަޅާފައިވާ ޔަހޫދީ ސަރުކާރުން ފަލަސްތީނުގެ ޣައްޒާ އަށް ދެމުންގެންދާ ލާއިންސާނީ އަމަލުތަކާއި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންގެންދާ ލާއިންސާނީ އަމަލުތަކާއި ދެކޮޅަށް ދިވެހިން ތިބިކަން ހާމަކުރުމުގެ ގޮތުން އިސްރާއީލުގެ ރަށްވެހިން ރާއްޖެ އެތެރެ ކުރުން ހުއްޓުވުމަށް އެދި ހުށަހަޅާ ޕެޓިޝަނެކެވެ.

މި ހަރަކާތްތައް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ކުރިއަށްދެއެވެ. މިކަމުގައި އިސްނަައިގެން ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ފޯކަލް ޕޮއިންޓްގެ ގޮތުގައި ބައިވެރިވުމަށް ރައިޓް މޫމެންޓުން ވަނީ އެދިފައެވެ.

ރައިޓް މޫވްމަންޓަކީ މި ޕެޓިޝަންގައި މަސައްކަތް ކުރުމަށް ބޭނުންވާ ފަރާތްތަކުން ރައިޓް މޫވްމަންޓް ޕޭޖު މެދުވެރިކޮށް އެކަމަށް އެދެވޭނެ ކަމަށް އެ ޓީމުން ބުނެއެވެ.

މާލޭގައި ޕެޓިޝަންގައި ސޮއިކުރުމަށް ބޭނުންވާ ފަރާތްތަކަށް ކޮންމެ ދުވަހަކުވެސް މާލޭގެ އެކި ސަރަހައްދުތަކުގައި ބަހައްޓާފައި ހުރި މޭޒުތަކުގައި އެއިންތިޒާމު ވަނީ ހަމަޖެހިފައެވެ. އަދި ސޮއި ކުރުމުގެ ހަރަކާތްތައް ކުރިއަށްދާ ވަގުތު ރައިޓް މޫވްމަންޓުގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް އެކަމުގެ މައުލޫމާތު ހިއްސާކުރަމުން ދާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުން 8،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. ޝަހީދުވި މީހުންގެ ތެރެއިން 40 ޕަސެންޓަކީ ކުޑަކުދިންނެވެ.