އަންނަ އަހަރު ކުރީކޮޅު ބާއްވާ މަޖިލިސް އިންތިހާބު ބާއްވާ ތާރީޚް ފަސްކޮށްދެއްވުމަށް މަޖިލިސް މެންބަރުންނާއި އަލަށް ވާދަކުރައްވާ ބޭފުޅުންވެސް އެދިލައްވަމުން ދާ ކަމަށް އިލެކްޝަން ކޮމިޝަނުގެ ނައިބު ރައީސް އިސްމައިލް ހަބީބު ވިދާޅުވެއްޖެއެވެ.

ވަގުތު" ޓީވީގެ "ތަފްސީލީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ހަބީބް ވިދާޅުވީ މަޖިލިސް އިންތިހާބު ބާއްވާ ދުވަސް ފަސްކޮށްދިނުން އެދި މިހާރުގެ މަޖިލިސް މެންބަރުންނާއި އަލަށް ވާދަކުރައްވާ ބޭފުޅުންވެސް އެދިލައްވަމުންދާ ކަމަށެވެ.

"ކޮމިޝަނަށް ސިޔާސީ ޕާޓީތަކުންނާއި މަޖިލީހުގެ މެންބަރުންނާއި އަދި މިހާރު އަލަށް މަޖިލީހަށް ވާދަކުރައްވާ ކެނޑިޑޭޓުންގެ ފަރާތްޕުޅުން ޝަކުވާ އާދޭ ވަރަށް ބޮޑަށް މިތާރީޚް ބަދަލުކޮށްލަދޭށޭ" ހަބީބް ވިދާޅުވިއެވެ.

މަޖިލިސް އިންތިހާބު ރަމަޟާންމަހާއި ދިމާވާތީ ގިނަ ބޭފުޅުން އެކަމާ ޝަކުވާ ކުރަމުންދާ ކަމަށް ހަބީބް ވަނީ ވިދާޅުވެފައެވެ. ރޯދަމަހު ކެމްޕެއިން ކުރުމުގައި އަދި އެހެނިހެން ކަންތައްތަކަށް ގިނަ ގޮންޖެހުންތައް ދިމާވާނެކަމަށް އެފަރާތްތަކުން ބުނަމުންދާކަމަށް ހަބީބް ވަނީ ވިދާޅުވެފައެވެ.

"ޝަކުވާ އާދޭ، ރޯދަމަހުގެ ކެމްޕެއިން ކުރުމާއި އިންތިހާބުގެ މަސައްކަތުގައި އުޅުމާ މިކަހަލަ ކަންތައްތަކަކީ ވަރަށް ދަތިވާނެ ކަންކަމޭ. އެހެންވީމަ ރޯދަމަހުގެ ފަހަތް ޖައްސާށޭ." ހަބީބް ވިދާޅުވިއެވެ.

އެހެންނަމަވެސް 28 އޭޕްރީލް 2024 ގެ ކުރިން އިންތިހާބު ބާއްވާ މެންބަރުން ހޮވުމަށް ޤާނޫނު ލާޒިމުކުރާކަން ހަބީބް ފާހަގަކުރެއްވިއެވެ. އިންތިހާބަށް ތައްޔާރުވުމަށް 60 ވަރަކަށް ދުވަސް ނަގާކަމަށާއި އެތާރީޚަށް ބަލާލިޔަސް އިންތިހާބު ބޭއްވޭނީ ރޯދަމަހުގެ ތެރޭގައި ކަމަށް ހަބީބް ވަނީ ވިދާޅުވެފައެވެ.

ރޯދައިގެ ކުރިން އިންތިހާބު ބޭއްވުމުގައިވެސް ހުރަސްތަކެއް އެބަހުރިކަން ހަބީބު ވަނީ ވިދާޅުވެފައެވެ. ރައްޔިތުންނާއި މަޖިލިސް މެންބަރުންގެ މަސްލަހަތަށްޓަކައި އިންތިހާބުގެ ތާރީޚާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް މިިދިޔަ ހަފްތާގައި ސިޓީފުޅެއް ފޮނުވާފައިވާނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ހަބީބް އިތުރަށް ވިދާޅުވީ މަޖިލިސް އިންތިހާބާއި ގުޅިގެން މަޖިލީހާއި މަޝްވަރާކުރަން ބޭނުންވާ ކަމަށާއި އެފުރުސަތު ދެއްވުން އެދި އެސިޓީގައި ހުށަހަޅާފައިވާނެ ކަމަށެވެ.

އީސީން ކުރިން ނިންމާފައި އޮތީ މިހިނގާ ނޮވެމްބަރ މަސް ނިމުމުގެ ކުރިން އިންތިބާހު ބާއްވާނެ ތާރީހެއް ކަނޑައެޅުމަށް ކަމަށާއި މިއީ ވަރަށް ގިނަ މެންބަރުންނާއި ރައްޔިތުން އަދި ސިޔާސީ ޕާޓީތަކުގެ މަސްލަހަތާއި ގުޅިފައިވާ ކަމެއްކަމަށް ހަބީބް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސޭނުބޭ

    ފައިސާ ބަހާނެ ޕްލޭންތައް ހަދާ ތައްޔާރުވާންޖެހޭނެ! އެކަމަށް ވަރަށް ގިނަ ފައިސާ ގިނަ މެމްބަރުން ވަނީ ޕަކަލާކޮށްފައި.