ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ފްލެޓެއްގައި ހިނގައިދިޔަ އާއިލީ މައްސަލައެއްގައި ދަރިފުޅު ވަޅިން ހަމަލާ ދިނުމުގެ ސަބަބުން ޒަހަމްވި މަންމަ އަށް ފަރުވާ ދިނުމަށް ފަހު ދޫކޮށްލައިފިއެވެ.

ހުޅުމާލެ ފޭސް އެކެއްގެ ފްލެޓެއްގެ ތެރޭގައި، ރޭ 6:18 ހާއިރު، ހަމަލާދީ ޒަހަމްކޮށްލާފައިވަނީ 51 އަހަރުގެ ދިވެހި އަންހެނެކެވެ. އެމީހާ އަށް ފަރުވާ ދިނުމަށް ގެންގޮސްފައި ވަނީ ހުޅުމާލެ ހޮސްޕިޓަލަށެވެ. މި ހަމަނުޖެހުމުގައި އަންހެން މީހާ އަށް ސީރިއަސް އަނިޔާތަކެއް ލިބުނު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ނަމަވެސް ހުޅުމާލެ ހޮސްޕިޓަލުން ބުނީ އެމީހާ ފަރުވާއަށް ފަހު ރޭ ފަތިހު ދޫކޮށްލާފައިވާ ކަމަށެވެ. އަދި އެމީހާ ދޫކޮށްލިއިރު ހާލު ރަނގަޅެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނި ގޮތުގައި، އަންހެން މީހާއަށް ހަމަލާ ދިން 25 އަހަރުގެ ދިވެހި ފިރިހެން މީހާ އަކީ ނަފްސާނީ މައްސަލަތަކެއް ހުންނަ މީހެކެވެ. އެ މީހާއަށް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.