އައްޑޫ ސިޓީގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި އަބަދުވެސް "ލޭބަލް"ވެފައި އޮންނަނީ އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ގޮނޑިއެއްގެ ގޮތުގައެވެ. އެކަމަކު، ވެރިކަން ކުރާ ޕީއެންސީ/ޕީޕީއެމް ޓިކެޓުގައި އެ ދާއިރާއަށް މިފަހަރު ކުރިމަތިލައްވާ މުހައްމަދު ސިނާން އެ ނުކުންނެވީ އެ މާޒީ ބަދަލުކޮށްލެއްވުމަށެވެ. ދާއިރާގެ ރައްޔިތުންނަށް "ފޮނި، މީރުކަން" ގެނެސް ދިނުމުގެ ފުރިހަމަ އަޒުމުގައެވެ. ސަރުކާރާ ގުޅިގެން ތަރައްގީގެ މަޝްރޫއުތައް ނިންމައި އައްޑޫ އެހެން ހަރުފަތަކަށް ގެނެސް ދިނުމަށެވެ.

މިއީ އައްޑޫ ސިޓީގެ ހިތަދޫ އުތުރު ދާއިރާއަށް ނިސްބަތްވާ ދަރިއެކެެވެ. އުމުރުގެ ބޮޑުބައި ހޭދަ ކުރީ ފަތުރުވެރިކަމުގެ ދާއިރާގައެވެ. އެ ދާއިރާގެ ރައްޔިތުންގެ ސިނާން ސިފަ ކުރަނީ ދާއިރާ ތަމްސީލް ކުރެއްވޭނެ، ކަންކަމާ ކުރިމަތިލާން ފަސް ޖެހިވަޑައިނުގަންނަވާނެ ކެންޑިޑޭޓެއްގެ ގޮތުގައެވެ. ޒުވާނުން މިފަހަރު ތިބީ ހިތަދޫ އުތުރު ދާއިރާ އަށް ޒަމާންތަކަކަށް ވަންދެން ޖެހިފައިވާ ކުލަ މިފަހަރު ބަދަލުކޮށް ދާއިރާއަށް ހަގީގީ ކުރިއެރުން ގެނެސްދިނުމުގެ ވަރުގަދަ ރޫހުގައެވެ.

ހިތަދޫ އުތުރު ދާއިރާ އަށް ތިން ކެންޑިޑޭޓުން ވާދަކުރައްވާ އިރު، އެ ކެންޑިޑޭޓުންގެ ތެރެއިން ތަފާތު ދައްކާނެ ކެންޑިޑޭޓަކީ ސިނާން ކަމަށް ދާއިރާގެ ގިނަ ރައްޔިތުން ގަބޫލު ކުރެއެވެ. އަދި ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓު ދީގެން ލިބޭނެ ފައިދާ ބޮޑު ކަން ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

މަޖިލިހަށް ކުރިމަތިލީ ކީއްވެ؟

ސިނާން ވިދާޅުވި ގޮތުގައި އޭނާގެ ދާއިރާ އޮތީ 20 އަހަރުގެ ފަހަތުގައެވެ. ސިނާން މިގޮތަށް ވިދާޅުވާ ވަރަށް ގިނަ ސަބަބުތައް ހުރި ކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، މިދިޔަ 20 އަހަރު ތެރޭގައި އެންމެ ތަންކޮޅެއްވެސް އެންމެ % އެއްވެސް ގޮތަކުން ކުރިއެރުމެއް ކާމިޔާބީއަކާ ހަމައަށް އާދެވިފައި ނެތް ކަމަށެވެ.

"ހަމަ ގައިމުވެސް އަޅުގަނޑުމެން މަސައްކަތް ކުރަނީ އަޅުގަނޑުމެންގެ މުސްތަގުބަލާއި އަޅުގަނޑުމެންގެ ދަރިންގެ މުސްތަގުބަލާއި ޒުވާނުންނާއި ދޮށީ އުމުރުގެ ބޭފުޅުން، އަޅުގަނޑުމެންގެ ހާލަތު ބަދަލުކޮށްލަން މަސައްކަތް ކުރަނީ، އެކަމަކު ފާއިތުވެދިޔަ 20 އަހަރު އަޅުގަނޑަށް ނުފެނޭ އެންމެ ތަންކޮޅެއްވެސް، އެންމެ %ވެސް ކުރިއެރުމެއް ނުވަތަ ކާމިޔާބީއަކާ ހަމައަށް އާދެވިފައެއް،" ސިނާން ވިދާޅުވިއެވެ.

ސިނާން ވިދާޅުވި ގޮތުގައި އޭނާ މަޖިލިހަށް ކުރިމަތިލެއްވީ މި ދާއިރާއަށް ހަގީގީ ކުރިއެރުން ގެނެސްދިނުމަށާއި ރައްޔިތުންނަށް އުފާވެރިކަމާއި ފާގަތިކަން ގެނައުމަށެވެ.

ސިނާން އައްޑޫ ރައްްޔިތުންނާއި ބައްދަލުކުރައްވަނީ

7-0 ގެ ވާހަކަ، ހާސިލްވި ކަމެއް ނެތް!

ސިނާން ވިދާޅުވީ ނިމިދިޔަ ސަރުކާރަކީ އަައްޑޫ ސިޓީއަށް ސުޕަ މެޖޯރިޓީ އޮތް ސަރުކާރެއް ކަމަށެވެ. އޭގެ ތެރޭގައި މަޖިލީސް އާއި ކައުންސިލް މެޖޯރިޓީ އާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ ހިމެނޭ ކަމަށް ވިދާޅުވިއެވެ. އަދި މަޖިލިހުގައި އައްޑޫގެ ގޮނޑިތައް ތަމްސީލް ކުރައްވަމުން ގޮސްފައި ވަނީ ބާރު ހުރި ބޭފުޅުން ކަމަށް ވެސް ވިދާޅުވިއެވެ. އެކަމަކު، އައްޑޫގެ ތަރައްގީއަށް ވީ ކަމެއް ނެތް ކަމުގައި ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވަރަށް ފަހުރުވެރިކަމާއެކު ބުނާނެ 7-0 އެކޭ، 7-0 އެކޭ، ސުވާލަކީ 7-0 އިން ކޮން ކަމެއްހޭ އަޅުގަނޑުމެންނަށް ހާސިލް ކުރެވުނީ." މިދިޔަ ރައްޔިތުންގެ މަޖިލިހުގައި އައްޑޫގެ ހަތް ގޮނޑި ވެސް އެމްޑީޕީ އަށް ދިން ކަން ފާހަގަ ކުރައްވައި ސިނާން ވިދާޅުވިއެވެ.

ސިނާން ވިދާޅުވި ގޮތުގައި މިދިޔަ ފަސް އަހަރަށް ބަލާއިރު، ތާރު އެޅުން ފަދަ ކަންކަމަކީ "ބޭސިކް ނީޑް"އެކެވެ. ހަމައެކަނި ތާރު އެޅުމަކީ އައްޑޫ އަށް އައި ބޮޑު އިންގިލާބީ ބަދަލެއްގެ ގޮތުގައި ރައްޔިތުން ބަލައިނުގަންނަ ކަމަށް ވެސް ސިނާން ވިދާޅުވިއެވެ.

ސިނާން އައްޑޫ ރައްްޔިތުންނާއެކު

"މިކަންތައްތަކީ އަޅުގަނޑުމެންގެ ތެރޭގައި ހޭލުންތެރި ރަނގަޅު ބެޗެއް އޮތް ނަމަ މީގެ އަހަރު 30 އަހަރު ކުރިންވެސް ކޮށްފައި ހުންނަން ޖެހޭ ކަންކަން،" އައްޑޫ މަގުތައް ހެދުން ފަދަ މަޝްރޫއުތަކަކީ މާ ކުރިން ވެސް ނިމިފައި ހުންނަން ޖެހޭ ކަންކަން ފާހަގަ ކުރައްވައި ސިނާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިހާރު ބަލަން ޖެހޭނީ އާއްމު ހާލަތު ބަދަލުވާން އޮތީ ކޮން ޕާޓީއެއް، ކާކު އާ އެކީގައިތޯ ކަމަށާއި، އަމިއްލަ ހާލަތު ބަދަލު ކުރަން ނުކުންނަން ޖެހޭނީ އަމިއްލައަށް ކަމަށެވެ. އަދި އެކަމަށް މަސައްކަތް ކޮށް، އެކަމާ ވާހަކަ ދައްކައިގެން ހުރިހާ ކަންތައްތައް ކުރެވޭނެ ކަމަަށްވެސް ސިނާން ވިދާޅުވިއެވެ.

ސިނާން އައްޑޫ ރައްްޔިތުންނާއި ބައްދަލުކުރައްވަނީ

"އަޅުގަނޑުމެންގެ ދާއިރާގެ މެމްބަރަކީ ފާއިތުވެދިޔަ 20 އަހަރު މިހާރު މަޖިލީހުގެ ޕީޖީ ލީޑަރޭވެސް ބުނެވިދާނެ، ތިން ރައީސުން ކުރެ އެއް ރައީސޭ ވެސް ބުނެވިދާނެ، ސުވާލަކީ މިއިން އެއްވެސް ކަމަކުން އަޅުގަނޑުމެންގެ އަތޮޅަށާއި، ދާއިރާއަށް ހުރީ ކޮން ކަމެއްތޯ،". އައްޑޫ އަށް އައި ތަރައްގީއަކީ ކޮބައިތޯ ސުވާލު ކުރައްވައި ސިނާން ވިދާޅުވިއެވެ.

ސިނާން ވިދާޅުވީ މިދިޔަ 20 އަހަރު ތެރޭގައި އަތޮޅާ ބެހޭ ގޮތުން މަޖިލިހުގައި މެމްބަރަކު ވާހަކަ ދެއްކެވި ތަނެއް އަޑު އަހާފައި ނުވާ ކަމަށެވެ. އަދި ކޮންމެ އިންތިހާބަކާ ދިމާކޮށް ގޭގޭގައި ޓަކި ޖަހާ މި ދައްކަނީ ކަންކަން ކޮށްދޭނެ ކަމުގެ ވާހަކަ ކަމަށާއި އެކަމަކު ރައްޔިތުން ގުޅާލުމުން ދައްކަނީ އެހެން ވާހަކައެއް ކަމަށް ސިނާން ވިދާޅުވިއެވެ.

ސިނާން ވަނީ އައްޑޫގެ މުޅި މަސްރަހު ބަދަލު ކުރެވޭނީ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި އެހެން ގޮތަކަށް ބަދަލުކޮށްގެން ކަމަށް ވިދާޅުވެފައެވެ. އަދި މިކަމުގައި މުސްތަގުބަލްގައި މަސައްކަތް ކުރާނެ ބަޔަކަށް ފުރުސަތުތައް ފަހިކޮށްދޭން ޖެހޭ ކަމަށް ވެސް ސިނާން ވިދާޅުވިއެވެ.

ސިނާން ދާއިރާ ރައްޔިތުންނާއި ބައްދަލު ކުރައްވަން ވަޑައިގަންނަވަނީ

ސިނާން ތަފާތު ވާނެ!

ސިނާން ވިދާޅުވި ގޮތުގައި ފާއިތުވެދިޔަ ދެ މަހެއްހާ ދުވަސް ތެރޭގައި ދާއިރާގެ 200 އެއްހާ ގެއަށް ވަޑައިގެން އެ ގޭގައި ދިރިއުޅޭ ރައްޔިތުންނާ ވަނީ ބައްދަލު ކުރެއްވިފައެވެ. މީގެކުރިން މެމްބަރުން އަމަލު ކުރައްވާފައި ހުންނެވި ގޮތުން އެ ރައްޔިތުން ތިބީ ފޫހިވެފައި ކަމުގައި ސިނާން ވިދާޅުވިއެވެ.

"އެ އެއްޗަކަށް ބަލައިގެން ނޫނީ އިސްޖަހައިގެން ދެން ކުރިއަކަށް ނުދެވޭނެއޭ ފޫހިވެއްޖެޔޭ ކިޔާލައިގެން މިގޮތަށް ތިބެން ޖެހޭ ދަނޑިވަޅު ހާލަތެއް ނޫން މިއީ،" ސިނާން ވިދާޅުވިއެވެ.

ސިނާން ވިދާޅުވި ގޮތުގައި މިފަހަރުގެ އުންމީދަކީ ސަރުކާރާ އެކުގައި މަސައްކަތް ކުރާނެ "ބެޗެއް" މަޖިލިހަށް އިންތިހާބުވުމެވެ. އޭރުން ރައްޔިތުން މާޔޫސްވާން ނުޖެހޭ ކަމަށާއި މަޖިލިހަށް އިންތިހާބު ކުރާ ސަރުކާރުގެ ކެންޑިޑޭޓުން 20 އަހަރުގެ ކަންކަން ބަދަލު ކުރާނެ ކަމަށް ވިދާޅުވިއެވެ.

ސިނާން ވިދާޅުވި ގޮތުގައި އޭނާ ފައްޓަވާނީ ރައްޔިތުންނާ ހިސާބުންނެވެ. އަދި ނިންމަވާނީ ވެސް ރައްޔިތުންނާ ހިސާބުން ކަމަށް ވިދާޅުވިއެވެ.

އަދި މަޖިލީހަށް ވަޑައިގަންނަވާނީ ޕާޓީ ކުރިއަރުވާ ޕާޓީގެ ކަންކަން ދަމަހައްޓަން ނޫން ކަމަށްވެސް ސިނާން ވިދާޅުވިއެވެ.

"އަޅުގަނޑު މި ދަނީ ރާއްޖޭގެ އުތުރުން ފެށިގެން ދެކުނަށް ދޭތެރޭގައި ދިރިތިބި ހުރިހާ ރައްޔިތުން ރަނގަޅު ކަންތައްތައް ތަކެއް، މަދުވެފައި އުނިވެފައި ހުރި ކަންތައްތަކެއް އެކަމާއި ވަކާލަތު ކުރަން،"، ސިނާން ވިދާޅުވިއެވެ.

އެގޮތުން ދެ ދުވަހުން އެއް ދުވަހު ވަޒީރަކު މަޖިލީހަށް ހާޒިރު ކުރަން ޖެހިއްޖެނަމަ ހާޒިރު ކުރާނެ ކަަމަށް ވިދާޅުވިއެވެ. އަދި އޭނާ ވާނީ އެންމެ ގިނައިން ވަޒީރުން މަޖިލީހަށް ގެންނަވައިގެން ސުވާލުކޮށް ކަންތައްތައް ކުރައްވާނެ އެއް މެމްބަރަކަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުގެ ދާއިރާގެ ރައްޔިތުން އަޅުގަނޑު ދެކެ ފަހުރުވެރިވާ ކަހަލަ މެންބަރަކަށް އަޅުގަނޑު ވެގެން ދާނީ،". ސިނާން ވިދާޅުވިއެވެ.

އައްޑޫގެ ފަތުރުވެރިކަމަށް ހައްލެއް ހޯދާނަން!

ސިނާން ވިދާޅުވީ، އައްޑޫ ޓޫރިޒަމް ސެކްޓާއާ ދޭތެރޭގައި އޭނާ ދެކިވަޑައިގަންނަވާ ގޮތް ވަރަށް ބޮޑަށް ތަފާތު ކަމަށެވެ. އަދި ފުވައްމުލައް ސިޓީ އާއި ހުވަދޫއާ ނުލާ އައްޑޫގެ ޓޫރިޒަމް ކުރިނޭރުވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި މި ތިން ސަރަހައްދު އެއްކޮށް ތެދުވެއްޖެނަމަ ޓޫރިޒަމްގެ ބޮޑު ފައިދާތަކެއް އައްޑޫއަށް ކޮށްފާނެ ކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ނިމިދިޔަ ދައުރުގައި އައްޑޫއަށް ވަރަށް ގިނަ ވައުދުތަކެއް ވިއިރު، އޭގެ ތެރޭގައި 8،000 އެނދު ހިމެނޭ ކަމަށެވެ. އަދި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓަށް ފްލައިޓްތައް އަންނަ ގޮތް އެކަނި ހަދަން 8،000 އެނދު ޓާގެޓް ނުކުރެވޭނެ ކަމަށް ސިނާން ވިދާޅުވިއެވެ.

"އެއީ އެއްވެސް ގޮތަކަށް ތާކުންތާކުން ޖެހޭ ވާހަކައެއް ނޫން، މިސާލަކަށް ބުނަންޏާ 8،000 ގެސްޓުން އައިސް، 8،000 ގެސްޓުން ކީއްތޯ ކުރާނީ، ކޮންކޮން ކަންތައްތަކެއްތޯ 8،000 ގެސްޓުންނަށް އަޅުގަނޑުމެންގެ ސިޓީގައި ހުރީ.".

އައްޑޫއަކީ އެތެރެވަރި ވަރަށް ކުޑަ އަތޮޅެއް ކަމުން، އައްޑޫގައި ޓޫރިޒަމް ފުޅާ ކުރެވޭނެ ސޭންޑް ބޭންކް، ޑެޒާޓް އައިލެންޑް، ޑައިވިންގ އަށް ހާއްސަ ގިނަ ތަންތަންވެސް ނެތް ކަމަށް ވިދާޅުވިއެވެ.

އައްޑޫ ސިޓީގައި ހުޅުވާފައިވާ ޝަންގްރިއްލާގެ ރިސޯޓް ކޮވިޑް-19 އާ ގުޅިގެން ބަންދުކުރި ގޮތަށް އަދިވެސް ނުހުޅުވައެވެ. މިރީ ރައްޔިތުންގެ ބޮޑު ޝަކުވާ އެކެވެ. ކޮވިޑްގެ ތެރޭގައި 2020 ގެ ޖޫންގެ ތެރޭގައި ޝަންގްރިއްލާ ބަންކުރުމާ ގުޅިގެން އެތައް ބައެއްގެ ވަޒީފާ ވެސް ގެއްލި، އައްޑޫގެ އިގުތިސާދަށް އެކަމުގެ ނޭދެވޭ އަސަރުކޮށްފައިވެއެވެ.

އޭނާ ވިދާޅުވީ، ދާއިރާގެ ރައްޔިތުން އޭނާއަށް ފުރުސަތު ދީފިނަމަ ހައްލެއް ހޯދައި ދެއްވާނެ ކަަމަށެވެ. އޭގެ އެންމެ ބޮޑު ކަމެއްގެ ގޮތުގައި ފާހަގަކުރީ ޝަންގްރިއްލާ ރިސޯޓްގެ ވާހަކައެވެ.

ރައްޔިތުންނަށް ދޭން ބޭނުންވަނީ ކޮން މެސެޖެއް؟

ނިމިދިޔަ 20 އަހަރު ގިނަ ޝަކުވާތަކެއް ކުރެވިފައިވާ ކަމަށް ސިނާން ވިދާޅުވިއެވެ. އަދި ރައްޔިތުން ވިސްނަން ޖެހޭނީ އެއްބަނޑު އެއްބަފާ އާއިލާ ދޫކޮށް، ދާއިރާގެ މިއޮތް ހާލަތު ބަދަލު ކުރަން ކަމަށް ސިނާން ވިދާޅުވިއެވެ.

އައްޑޫގެ ސިޔާސީ މަސްރަހު ބަދަލު ކުރަން ހުރިހާ އެންމެން ވެސް އޭނާގެ ފަހަތަށް އަރައިގެން މިހާރުގެ މަޖިލީސް މެމްބަރު ބަލި ކުރާ ކުރުމަކީ މުޅި އައްޑޫގެ ސިޔާސީ މަސްރަހު ބަދަލުވެގެން ގޮސް، އުސޫލެއްގެ ތެރެއިން މި މަސައްކަތް ކުރެވޭނެ މަންޒަރު ފެނިގެން ދާނެ ކަމެއް ކަމުގައި ސިނާން ވިދާޅުވިއެވެ.

އެކަމަކު މިއީ މުޅި އާއިލާ ބޭފުޅުންނާ އެކަނި ގުޅިފައިވާ ކަމެއް ނޫން ކަމަށާއި މިއީ އައްޑޫގެ މުސްތަގުބަލާ ގުޅިފައިވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު ނުކުމެފައި މި ހުރީ ކޮންމެހެން ޓައި އަޅަން މަޖިލީހުގެ މުސާރައަކަށް ބަލައިގެން އެކަންޏެއް ނޫން،". ސިނާން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. މުއިއްޒުގެ ފަހަރު

    އައްޑޫއަށް ހައްގު މިންވަރާ ގާތައްވެސް އިބޫއަކަށް ކަމެއް ނުކޮށްދެވުނު. މާލެއަށްފަހު 2018ގަ އެންމެ ގިނަ ހޮޅި ވައުދުވީ އައްޑޫއަށް. އެއައްފަހު ކޮންމެ އިންތިހަބެއް ކައިރިވީމަ އައްޑޫ ތަރައްގީ ނުވެ ރާއްޖެ ތަރައްގީ ނުވާނެޔޭ ކީމަ ނިމުނީ. ރިސޯޓު ހަދަންށޭ ކިޔާ ވޯޓު ބޯމަތިވީނަ 3 ފިނޮޅު ހަދާފަ ރައްކާވީ. މިފަހަރު މިއީ ބަދަލުގެ ފަހަރު އިންޝާﷲ

    10
    2
  2. Anonymous

    މީނަޔަށް ވޯޓު ދިނުމަކީ ބޭކާރުކަމެއް ވޯޓު ބައިބިއިވެ އަސްލަމު ގެ ގޮނޑި ކަޝަވަރުވާނެ ހޭއަރާ މީނަ ނޫންގޮތެއް

    8
    8
  3. ނިޒާރު

    އަސްލަމްނޫން ގޮތެއް!

    8
    2
  4. ޢިލޫ

    ސިނާ އަކީ ކުޅަދާނަ ބޭފުޅެއް! އަސްލަމް ހޮވާފަ ބަހައްޓަނީ ވަކި އޭނާއަށް ކަމެއް ކުރެވުގެން ނޫންކަން އެއީ އެންމެނަށް އިނގޭ ހަގީގަތެއް! މީދޫއިން ރޮޒޭނާ ބޭރުކުރިގޮތަށް މިފަހަރު ބޭރުކުރާނީ!

    9
    3
  5. ކުރީގެ މިނިސްޓަރު ބުނި

    އައްޑޫ މީހުންގެ ޖީބަށް މިހާރު ވަންނާނީ ސީދާ ޕައުންޑް.

  6. Anonymous

    އަސްލަމްނޫން ގޮތެއް ބޭނުންވޭ! ޙާއްސަކޮށް އެމްޑީޕީ ނުންގޮތެއްވެސް ބޭނުން! ފާއިތުވި ތިންދައުރު 0-7. 0-12 ދީގެންވެސް ވީކަމެއް ނެތެއްނުންތޯ! ޢެމްޑީޕީ ސަރުކާރުގައި ނުދެނީ ކޯޗެއްތޯ! ނަމަވެސް އިޤްތިސާދީގޮތުން ނާއީ އުމްރާނީ ގޮތުން އަތޮޅަށް ލިބުނީ ސުމެއް! ބައެއްމީހުން ބުނާނެ މަގު ހަދަނީޔޯ! މޭޔަރު ބުނަނީ އެއީ މުސީބާތެއް ކަހަލަ ޕްރޮޖެކްޓަކޯ!!!

    • މޮޔަނިމޮސް

      މާ މޮޅު ގޮތެއްވަނީތަ ގާނޫން ހަދަން ނޫންތަ މީހަކު ހޮވަނީ

  7. ރެކިފުތާ

    މިއީ އަލަންގިރި މީހެއްކަމަށް ވާހަކަދެކެވޭ އެވެސް ބަލަންވާނެ ކަމެއް އޮތަ؟