ކުޑަކުދިން ބާލިޣުވުމުގެ ކުރީންވެސް ނަމާދަށް ލޯބި ޖެއްސުމަށާއި ނަމާދު ކުރުވުމަށް ހޭނުވުމަށް އިސްލާމްދީން ބާރުއަޅުއްވާފައިވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

( مُرُوا أَوْلَادَكُمْ بِالصَّلَاةِ وَهُمْ أَبْنَاءُ سَبْعِ سِنِينَ ، وَاضْرِبُوهُمْ عَلَيْهَا وَهُمْ أَبْنَاءُ عَشْرٍ ، وَفَرِّقُوا بَيْنَهُمْ فِي الْـمَضَاجِعِ ) . رواه أبو داود (495) وأحمد (6650) وصححه الألباني في “الإرواء” (247)
މާނައީ: “ތިޔަބައިމީހުންގެ ދަރިންނަށް ހަތް އަހަރު ވުމުން އެކުދިންނަށް ނަމާދުކުރުމަށް އަމުރުކުރާށެވެ. އަދި ދިހަ އަހަރުވުމުން (ނަމާދު ނުކޮށްފިނަމަ) އެކުދިން ގައިގައި ޖަހާށެވެ. (މާނައަކީ އަދަބު ދީގެންވެސް ނަމާދުކުރުވާށެވެ) އަދި އެކުދީންގެ ތަންމަތި ވަކިކުރާށެވެ.”
ޢިލްމުގެ އަހުލުވެރިންނާއި ތަންދޮރުދަންނަ ބޮޑެތި މީހުން ނަމާދުގެ ސަފުގައި އިސްކުރުމަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަމުރު ކުރައްވާފައިވެއެވެ. ޙަދީޘްކުރެއްވިއެވެ. (لِيَلِنِي مِنْكُمْ أُولُو الْأَحْلَامِ وَالنُّهَى، ثُمَّ الَّذِينَ يَلُونَهُمْ، ثُمَّ الَّذِينَ يَلُونَهُمْ). رواه مسلم (432) . މާނައީ: “(ޞަފުގައި) އަހަރެންނާ ޖެހިގެން އެންމެ ގާތަށް ތިބޭންވާނީ ތަންދޮރު ދަންނަ ބުއްދިވެރިންނެވެ. ދެން އެބައިމީހުންނާ ޖެހިގެންވާ މީހުންނެވެ. ދެން އެބައިމީހުންނާ ޖެހިގެންވާ މީހުންނެވެ.”

ކުޑަކުދީން އުމުރުން 7 އަހަރުން ފެށިގެން ނަމާދުކުރުވުމަށް ބާރުއެޅުމަށް އަންގަވާފައި، އެކުދީން މިސްކިތުގެ ކުރީ ސަފުން ބޭރުކުރުމަށް ނަބިއްޔާ ޞައްލަﷲ އަންގަވާނޭ ހެއްޔެވެ؟

ނަމާދުގެ ކުރީ ސަފުގައި ޢިލްމުގެ އަހުލުވެރިންނާއި ތަންދޮރުއެނގޭ ބޮޑެތިމީހުން އިސްކުރަން އަންގަވާފައި އޮތުމަކީ އެއްވެސް ޙާލެއްގައި އެބައިމީހުންގެ ކުރީން މިސްކިތަށް އައިސް ކުރީ ޞަފަށްއަރައި އިން ކުއްޖަކު ކުރީ ޞަފުން ބޭރުކުރަން އެންގެވުމެއް ނޫނެވެ. މިއީ ވަރަށް ގިނަ މީހުންނަށް ނުބައިކޮށް ފަހުމްވާ ޙަދީޘެކެވެ. ޙަދީޘްގައި އޮންނަނީ ސަފުހެދުމުގައި ޢިލްމުގެ އަހުލުވެރިންނާއި ތަންދޮރު އެނގޭ ބޮޑެތިމީހުން އިސްކުރުމަށެވެ. އެއީ އެއްވެސް ޙާލެއްގައި ޞަފަށް އަރައިތިބި ބަޔަކު ފަހަތަށް ޖައްސައި އެބައިމީހުންނަށް ޖާގަ ދޭކަށް ނޫނެވެ. ތަންދޮރު އެނގޭ ބޮޑެތި މީހުންވެސް މިސްކިތަށް އައުމުގައި ލަސްވެއްޖެނަމަ، ކުރީ ޞަފައަށް އަރާހުރި ކުޑަކުއްޖަކު ފަހަތަށް ޖައްސާފައި ފަހުން އައި މީހާ އަށް ޖާގަދޭކަށް ނުޖެހޭނެއެވެ. އިމާމާއާ ކައިރިން ޞަފަށް އަރާފައިވާ ބަޔަކީ އެއީ ކުޑަކުދީން ކަމަށްވިޔަސް އެތަން އެމީހުންނަށް (ކުރީން އައުމުގެ ސަބަބުން) ޙައްޤުކަންބޮޑުވެގެންވެއެވެ.

އިބްނު ޙަޖަރުލް ހައިތަމީ ރަޙިމަހުﷲ “އަލްފަތާވާ”ގައި ބަޔާންކުރައްވާފައިވެއެވެ.
“ކުޑަކުއްޖާ، ބޮޑެތިމީހުންނަށްވުރެ ކުރީން ފުރަތަމަ ޞަފަށް އަރައިފިނަމަ، އެކުދީން ޞަފުން ބޭރުކުރުން ބޮޑެތިމީހުންނަށް ހުއްދަވެގެން ނުވެއެވެ.” “الفتاوى” (1/229)
އަލްމާވަރްދީ ރަޙިމަހުﷲ “އަލްއިންޞާފު” ގައި ބަޔާންކުރައްވާފައިވެއެވެ.

“އިބްނު ތައިމިއްޔާ ރަޙިމަހުﷲ އިޚްތިޔާރު ކުރެއްވި ބަސްފުޅަކީ، ކުޑަކުއްޖާ އޭނާ އިސްވި މަޤާމުން، ފަހަތަށް ނުޖެއްސުމެވެ. ވިދާޅުވިއެވެ. އެންމެ ޞައްޙަ ބަސްފުޅަކީ އެއީ އެވެ.” “الإنصاف” (2/41)

އިބްނު ބާޒް ރަޙިމަހުﷲ ވިދާޅުވިއެވެ. “އެންމެ ޞައްޙަ ގޮތަކީ ކުޑަކުދީން ކުރީ ޞަފަށް އަރައިފިނަމަ އެކުދީން ފަހަތަށް ނުޖެއްސުމެވެ. އެކުދީން ފުރަތަމަ ޞަފަށް ނުވަތަ ދެވަނަ ޞަފަށް އަރައިފިނަމަ އެކުދީންގެ ފަހުގައި މިސްކިތަށް އައިމީހުން އެކުދީން ފަހަތަށް ޖައްސައިގެންނުވާނެއެވެ. އެއީ އެހެންމީހުން އެ ޙައްޤަކާހަމައަށް ވާޞިލުނުވި ޙައްޤަކަށް އެކުދީން ވާޞިލްވެއްޖެއެވެ. އެކަމުގައި ވާރިދުވެފައިވާ ޢާއްމު ޙަދީޘްތަކަށް ބަލާއިރު، އެކުދީން ފަހަތަށް ޖެއްސުމަކީ ހުއްދަކަމެއް ނޫނެވެ. އެހެނީ އެކުދީން އެގޮތަށް ޞަފުން ފަހަތަށް ޖެއްސުމުގެ ސަބަބުން އެކުދީން ހިތުގައި ނަމާދާމެދު ނަފުރަތު އުފެދުމާއި، ނަމާދުގެ ކުރީ ޞަފުހޯދުމަށް ނަމާދަށް މައިރާ ދިޔުމަށް ގަދައަޅާ މަސައްކަތްކުރުމުން ދުރުހެލިވެދާނެއެވެ. އެހެންކަމުން އެކުދީން ދުރަށްޖެއްސުމަކީ އެއްގޮތަކަށްވެސް ކުރުން އެކަށީގެންވާ ކަމެއް ނޫނެވެ.
އެކަމަކު މިސާލަކަށް ދަތުރެއްގައި، އެންމެން ޖަމާވެއްޖެނަމަ، ޞަފު ހެދުމުގައި އިސްކަން ދޭނީ ފުރަތަމަ ބޮޑެތި ފިރިހެނުން، ދެން އޭގެ ފަހުގައި ކުޑަކުދިން، ދެން އޭގެ ފަހުގައި އަންހެނުން މިގޮތަށެވެ. މިސްކިތުގެ ޞަފަށް ކުޑަކުދީން އަރާފައި ތިއްބާ އެކުދީން ފަހަތަށް ޖައްސައި އެތަނަށް ބޮޑެތިމީހުން އެރުމަކީ އެއީ ހުއްދަކަމެއް ނޫނެވެ.

މަސްދަރު: ޝާފީ އެމްވީ

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ލުބުނާ ރަސީދު

    ނަމާދުކުރުމަށް ޖަމާތްހަދާއިރު ކުޑަކުދިން ކުރީސަފުންބޭރުކުރުން މިއީ އަހަރެމެންރަށުގައިވެސް ވަކިމީހަކު ވަރަށްއާއްމުކޮންކުރާކަމެކެވެ. އެހެންވީމައި މިކަންއޮންނަގޮތް ސާފުކޮއްދިނުމައްޓަކައި މިލިއުމުގެކޮޕީއެއްއޭނާއާހަވަލުކުރަންއެބަޖިހޭ ވަގުތުނޫސް އަށް ވަރަށްބޮޑަށް ޝުކުރިއްޔާ

    6
    1
  2. އަލީ

    ވަރަށް ބޮޑަށް ޝުކުރިއްޔާ. ކުޑަކުދިން ފުރަތަމަ ސަފުން ބޭލުވުމަކީ އަހަރެމެން ދިވެހިން ވަރަށް ނުރަނގަޅުކޮށް ކުރަމުން ދިޔަ ކަމެއް. އޭރުވެސް މަށަށް އުދަނގޫވިކަމެއް މިއީ. ޝުކުރިއްޔާ.