ޝައުބާން މަހުގެ ހަނދު ފެނުމަކީ ރަމަޟާން މަސް އައިސް ޖެހިއްޖެކަމުގެ އިޝާރާތެކެވެ. ރޯދަ މަހުގެ އުފާވެރިކަން ހިތަށްވަދެ ދުނިޔެވީ ގޮތުންނާއި ރޫހާނީގޮތުން ރަމަޟާން މަހަށް ތައްޔާރުވާން ފަށައެވެ. ހެޔޮ މުސްލިމުން ޝައުބާން މަހު ރަމަޟާން މަހަށް ވާންޖެހޭ ތަމްރީންތައް ފަށައިގަނެވެ. އަޅުކަމުގައި ހީވާގިވެ ރަމަޟާން މަހަށް ނަފްސާނީ ގޮތުން ތައްޔާރުވެއެވެ.
- އަޅުކަމުގައި މަސްޢޫލުވުން
ރަމަޟާން މަހަކީ މުސްލިމުންނަށް އަޅުކަމުގެ މައްސަރެކެވެ. ހަމައެއާއި އެކު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ރަމަޟާން މަހެކޭ އެއްފަދައިން ޝައުބާން މަހަކީވެސް އަޅުކަމުގެ މައްސަރެކެވެ. އުއްމު ސަލަމާ رضي الله عنها ވިދާޅުވިއެވެ. مَا رَأَيْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ صَامَ شَهْرَيْنِ مُتَتَابِعَيْنِ إِلا أَنَّهُ كَانَ يَصِلُ شَعْبَانَ بِرَمَضَانَ. މާތް ﷲ ރުއްސުންލެއްވި އުއްމު ސަލަމާގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "ޝަޢްބާން މަހާރި ރަމަޟާން މަސް ފިޔަވާ ވިދިވިދިގެން ދެ މަސް ދުވަހު ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރޯދަ ހިއްޕެވި ތަނެއް ތިމަން ކަމަނާ ދެކިވަޑައި ނުގަންނަވަމުއެވެ". روى أحمد (26022), وأبو داود (2336), والنسائي (2175), وابن ماجه (1648),
އެހެންކަމުން ނަބަވީ އިރުޝާދުން އެނގޭ ގޮތުގައި ޝަޢްބާން މަހާއި ރަމަޟާން މަސް އެއްކޮށް ގުޅުވާލައްވައެވެ. އެއީ ޝައުބާން މަހުގެ މާތްކަން ދޭހަކޮށްދޭ ކަމެއްކަން ޔަގީނެވެ.
"أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَمْ يَكُنْ يَصُومُ مِنْ السَّنَةِ شَهْرًا تَامًّا إِلا شَعْبَانَ يَصِلُهُ بِرَمَضَانَ" - صححه الألباني في صحيح أبي داود (2048). މާނައީ: "ޝައްބާން މަސް ފިޔަވާ އެހެން މަހެއްގައި، މުޅި އަހަރުތެރޭގައިވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރޯދަ އެއް ނުހިއްޕަވައެވެ. އެކަލޭގެފާނު ޝަޢްބާން މަހާއި ރަމަޟާން މަސް އެއްކޮށް ގުޅުވާލައްވައެވެ." ސުނަން އަބީދާވޫދުގައިވެއެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޝައުބާން މަސް އެކުގައި ރޯދަ ހިއްޕެވިކަމަށް ވާރިދުވެފައިވާއިރު އެކަލޭގެފާނު ޝައުބާންމަހުގެ ބޮޑުބައެއްގައި ރޯދަ ހިއްޕެވިކަމަށްވެސް އައިސްފައިވެއެވެ. ޔަގީންވާ ކަމަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޝައުބާން މަހު ރޯދަ ހިފުން ގިނަ ކުރެއްވި ކަމެވެ. އެހެންކަމުން އަޅުގަނޑުމެންވެސް އެފަދައިން ޢަމަލު ބަހައްޓަންޖެހޭނެއެވެ.
- އަޅުތަކުންގެ ޢަމަލުތައް އުފުއްލެވޭ މައްސަރު:
ޝައުބާން މަހަކީ ވެސް ރަމަޟާން މަސް ފަދައިން މާތްވެގެންވާ މައްސަރެކެވެ. ސަބަބު ހޯއްދެވުމަށް ސަހާބީން ސުވާލު ކުރައްވައެވެ. މާތް ﷲ ރުއްސުންލެއްވި އުސާމާ ބިން ޒައިދު ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ދެންނެވިއެވެ. "ޝަޢްބާން މަސް ފިޔަވާ އެހެން މައްސަރެއްގައި ކަލޭގެފާނު އެހާ ގިނައިން ރޯދަ ހިއްޕަވަނިކޮށް ތިމަންކަލޭގެފާނު ދެކެވަޑައި ނުގަންނަވަމުއެވެ."
ޖަވާބުގައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ، "އެއީ މީސްތަކުން ޣާފިލުވެފައިވާ މަހެކެވެ. ރަޖަބާއި ރަމަޟާން އާއި ދެމެދުގައިވާ މަހެކެވެ. އެމަހަކީ ﷲ ގެ ޙަޟްރަތަށް އަޅުތަކުންގެ ޢަމަލުތައް އުފުއްލެވޭ މައްސަރެވެ. އެހެންކަމުން ތިމަންކަލޭގެފާނުގެ ޢަމަލުތައް ރޯދައަށް ހުންނަވަނިކޮށް އުފުއްލެވުމަށް ލޯބި ކުރައްވަމެވެ." މިފަދައިންނެވެ.
މިހަދީސުން އެނގޭ ގޮތުގައި "ޝައުބާން މަހަކީ މީސްތަކުން ޣާފިލުވެފައިވާ މަހެކެވެ." އަދި "ޝައުބާން މަހަކީ މާތް ﷲ ގެ ޙަޟްރަތަށް އަޅުތަކުންގެ ޢަމަލުތައް އުފުއްލެވޭ މައްސަރެވެ."
- ރަމަޟާން މަހަށް ތައްޔާރުވާން ލިބޭ ރަނުގެ ފުރުސަތެއް:
ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ޝައުބާން މަހަކީ އެމީހެއްގެ ހެޔޮ އަމަލުގެ ފަތް ބަރުކޮށް، ހެޔޮ އަމަލުތައް އިތުރު ކުރުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ. ރަމަޟާން މަހަށް ތައްޔާރު ވުމުގެ ގޮތުން ޝައުބާން މަހު ރޯދަ ހިފުމަކީ ފަރުޟު ނަމާދުތަކުގެ އިސްފަހުގައި ކުރެވޭ ރަވާތިބު ސުންނަތް ފަދަ ކަމެއްކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ. އެ ރަވާތިބު ސުންނަތް ތަކުގެ ސަބަބުން ފަރުޟު ނަމާދަށް ފަށައިގަތުމުގެ ކުރިން މީހާގެ ހިތާއި ސިކުނޑި ނަމާދުގެ ތެރެއަށް ވަދެގެންދެއެވެ. އަދި ނަމާދުގެ ތެރޭގައި ކުރެވިފައި ހުންނަ ބައެއް އުނި ކަންތައްތައް ނަމާދުގެ ފަހުން ކުރެވޭ ރަވާތިބު ސުންނަތްތަކުން ފޫބައްދާކަމަށް ޢިލްމުވެރިން ދަރުސްތަކުގައި ވިދާޅުވެއެވެ.
އެހެންކަމުން ޝައުބާން މަހަކީ ތިޔަ އަޚުންނާއި އުޚުތުންނަށްވެސް ފައިދާހުރި މަހެއް ކަމުގައިވޭތޯ ގަދައަޅާ މަސައްކަތް ކުރަންޖެހެއެވެ. ރަމަޟާން މަހަށް ވާންޖެހޭ ތައްޔާރީތައް ޝައުބާން މަހުގެ ތެރޭގައިވެ މިއީ އެންމެ ފަހުގެ ރަމަޟާން މަސްކަމުގައި ދެކޭހާލު އަޅުކަމައިގެން މަޝްޢޫލުވެލައްވާށެވެ.