ކުރިއަށް އޮތް ރަމަޟާން މަހު ހަމައެކަނި މަޖާކޮށް ކައި ބޮއެ ނުހެދުމަށާއި އެ މައްސަރުގައި މަތިވެރި ސަވާބު ހޯދުމަށް ހުރިހާ މުސްލިމުން ވެސް މަސައްކަތް ކުރަން ހުކުރު ހުތުބާގައި ގޮވާލައިފިއެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ހުތުބާގައި ބުނެފައި ވަނީ މުސްލިމުންނާ ކުރިމަތިވަމުން މި އަންނަނީ ހެޔޮކަމާއި ދަރުމައިން ފުރިގެންވާ އަދި ބަރަކާތުން ފުރިގެންވާ މެހްމާނެއް ކަމަށެވެ. މި މަތިވެރި މެހްމާނަށް އަހަރުމެން އެކަށީގެންވާ އިސްތިގުބާލަކުން އިސްތިގުބާލް ކުރަން ޖެހޭ ކަމަށް ހުތުބާގައިވެއެވެ.

އަދި އެންމެ ފުރިހަމަ މެހްމާންދާރީއެއް އަދާކުރަން ޖެހޭ ކަމަށް ވެސް ހުތުބާގައިވެއެވެ.

"ބަރަކާތްތެރި މައްސަރާ ކުރިމަތިލާ އިރު، އަހަރުމެން އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ ފުރިހަމަ ތައުބާއަކުން ތައުބާވުމެވެ. އަހަރުމެންގެ ހަޔާތުގައި ކުރެވެމުންދާ ކުށް ފާފަތަކުން ދުރުހެލިވެ، ހަޔާތް، އާހަޔާތަކަށް ބަދަލުކޮށް އިސްލާހް ކުރުމާއެކު މި މަތިވެރި މެހްމާނާ ބައްދަލު ކުރުމެވެ." ހުތުބާގައިވެއެވެ.

ހުތުބާގައި ބުނި ގޮތުގައި މުސްލިމުން މި ބަރަކާތްތެރި މަސްތަކުގެ ދުވަސްތަކާ ކުރިމަތިލާން ވާނީ ފުރިހަމަ އީމާންކަމާ އެކު އެ މައްސަރުގެ ފުރިހަމަ ދަރުމަ އާއި ސަވާބަށް އެދޭ ހާލުގައި ކަމަށެވެ.

މާތް ﷲ ގެ ވަހީ ބަސްފުޅުތަކާއި ކީރިތި ރަސޫލާގެ ހަދީސްފުޅުތަކާ ހަވާލާދީ ހުކުރު ހުތުބާގައި ބުނެފައި ވަނީ ރަމަޟާން މަހާ މުސްލިމުން ކުރިމަތިލާން ވާނީ އެ މައްސަރުގެ ތަރުބަވީ މަދަރުސާ އިން ނަފްސު އިސްލާހުކޮށް އެ ނަފްސަށް ދިރުން ގެނެސްދީ، ހަޔާތުގެ އާ ސަފްހާތަކެއް ހުޅުވާލުމުގެ އަޒުމާއެކު ކަމަށެވެ.

"ނަފްސު ހެޔޮ ކަންކަމަށް ތަރުބިއްޔަތުކޮށް ހޭނުވުމަށް މިއަށް ވުރެ ވަކި މަތިވެރި ރަނގަޅު ދުވަސްތަކެއް ލިބޭނެ ހެއްޔެވެ؟" މި އަހަރުގެ ރޯދައިގެ ކުރިން އަންނަ ފަހު ހުކުރުގައި ދިން ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނެފައި ވަނީ ރަމަޟާން މަހަކީ ތަގުވާވެރި ކަމަށް ވާސިލްކޮށްދޭ ހުރިހާ ސަބަބުތަކެއް ޖަމާވާ މަތިވެރި މައްސަރެއް ކަމަށެވެ. އަދި ނަފްސުގައި ޖެހިފައިވާ ލައްތައް ފިލުވައި އެ ނަފްސު ތާހިރު ކުރުމަށް މި މައްސަރާ ކުރިމަތިލާ ބަޔަކަށް އަހަރުމެން ވާން ޖެހޭ ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

އެހެން މަސްތަކާ ހިލާފަށް ހީވާގިވެ، ވަރުގަދަ އަޒުމެއްގައި މި މައްސަރާ ކުރިމަތިލާން ޖެހޭ ކަމަށް ހުތުބާގައިވެއެވެ.

ރޯދަ އަށް ތައްޔާރުވުމުގެ ގޮތުން ރޯދައިގެ މަތިވެރިކަމާއި ފުރިހަމަ ސަވާބާއި ދަރުމަ ލިބޭނެ ގޮތަށް ރޯދަ ހިފާނެ ގޮތް ދަސް ކުރަން ޖެހޭ ކަމަށާއި އެއީ ރޯދަ ގެއްލޭ ކަންތައްތަކާއި ރޯދަ އަށް ހުރެ ކުރުން މަކުރޫހަ ކަންތައް ދެނެގަނެ، އެކަންކަމުން ދުރުހެލިވުމަށް ކަމަށް ވެސް ހުތުބާގައިވެއެވެ.

ރޯދައިގެ މަތިވެރި ސަވާބު ހޯދުމަށް ހާރު ކެއުން ވީހާވެސް ފަސް ކުރުމާއި ރޯދަ އަށް ހުންނަ އިރު ފަރުޟު ނަމާދުތަކަށާއި ތަރާވީހް ނަމާދާއި ރަވާތިބް ސުންނަތްތަކަށް ރައްކާތެރިވުމާއި ކީރިތި ގުރުއާން ކިޔެވުމާއި ގިނަ ގިނަ އިން ދުއާ ކުރުމާއި އަނބިދަރީންނާއި މައިންބަފައިންނާއި ގާތް ތިމާގެ މީހުންނަށް އެހީތެރިވުމާއި ސަދަގާތް ކުރުމާއި ރޯދަ ވީއްލުން އަވަސް ކުރުމާއި ރޭ އަޅުކަން ކުރުން ހިމެނެއެވެ.

ހުތުބާގައި ވަނީ ރޯދަ މަހަކީ ހަމައެކަނި ކެއުމާއި މަޖާ ކުރުމުގެ ބަދަލުގައި އެ ދުވަސްތަކަކީ ދުންޔަވީ ގޮތުންނާއި އުހުރަވީ ގޮތުން ފައިދާ ހުރި، ބޭނުންތެރި، ރޭތަކާއި ދުވަސްތަކަކަށް ހެދުމަށް ގޮވާލައިފައެވެ.